އޭޑީކޭ ހޮސްޕިޓަލުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކާމިޔާބުކަމާއެކު ފަށައިފިއެވެ.
އޭޑީކޭއިން ރޭ ބުނިގޮތުގައި ރޮބޮޓިކް އެހީގައި ކަކުލުހުޅު ބަދަލުކުރުމުގެ (ޓީ.ކޭ.އާރް) ދެ އޮޕަރޭޝަނެއް މިހާރު ވަނީ އެ ހޮސްޕިޓަލުގައި ކޮށްފައެވެ.
މި ސާޖަރީއަށްފަހު އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި ސީއީއޯ އަޙްމަދު ނާޝިދު ވިދާޅުވީ، ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށާއި، ހާއްސަކޮށް މިވަގުތު ރާއްޖެއިން ލިބެންނެތް ހާއްސަ ހިދުމަތްތައް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހިތްވަރު އެ ފަރާތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
އަދި ރޮބޮޓިކް ސާޖަރީއަށް އޭޑީކޭއިން ކުރި އިންވެސްޓްމަންޓަކީ ޒަމާނީ ޓެކްނޮލޮޖީއާއި ތަޖުރިބާ ރާއްޖެއަށް ގެނެސް، ސިއްހީ ދާއިރާއިން ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ގައުމަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
"ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށާއި، ޚާއްޞަކޮށް މިވަގުތު ރާއްޖެއިން ލިބެންނެތް ޚާއްޞަ ޚިދުމަތްތައް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހިތްވަރު އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު." ނާޝިދު ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ރޮބޮޓިކް ސާޖަރީގެ ޚިދުމަތް ފަށާފައިވާއިރު، ރޮބޮޓިކް ސާޖަރީ ހެދުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އިއުލާނުކޮށްފައެވެ.
ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި މެއިންޓަނަންސްގެ މަސައްކަތް ވެސް ކުރަންޖެހެއެވެ.
މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ޑޮކްޓަރުން ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން އޮޕަރޭޝަން ކުރާ ޒަމާނީ ވަސީލަތެކެވެ. މީގައި ހިމެނޭ ކެމެރާއާއި އެކި އާލާތްތައް ހަރުކޮށްފައިވާ ރޮބޮޓިކް އަތްތައް ބަލިމީހާގެ ހަށިގަނޑަށް ވައްދަނީ ވަރަށް ކުދިކޮށް ތަންތަން ކަނޑައިގެންނެވެ.
ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ރޮބޮޓިކް ސާޖަރީގެ ސަބަބުން ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވެ، ލޭ ފައިބާ މިންވަރު މަދުވެއެވެ. މީގެއިތުރުން އޮޕަރޭޝަނަށްފަހު ފަސޭހަވާ މުއްދަތު އަވަސްވެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ހަމައެއާއެކު، އިންސާނެއްގެ އަތަށް ވުރެ ރޮބޮޓިކް އަތްތަކުގެ ހަރަކާތްތައް ފުރިހަމަވެފައި، އެތެރެހަށީގެ ގުނަވަންތައް ތްރީޑީކޮށް ސާފުކޮށް ފެންނަން ހުރުމަކީ ކެންސަރާއި، ހިތުގެ އަދި ކުޑަކަމުދާ ނިޒާމުގެ ނާޒުކު އޮޕަރޭޝަންތައް ކުރުމުގައި ޑޮކްޓަރުންނަށް ލިބިގެންދާ ބޮޑު ލުޔެކެވެ.