ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ގެއްލުން 325 މިލިއަނަށް

ކައްދޫ އެއާޕޯޓު---

މިދިޔަ އަހަރު ނިމުނުއިރު ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް 29.5 މިލިއަން ރުފިޔާގެ ސާފު ގެއްލުންވެ، އެ ކުންފުންޏަށް ވޭތުވެދިޔަ އަހަރުތަކުގައި ލިބުނު ޖުމްލަ ގެއްލުން 325.1 މިލިއަން ރުފިޔާއަށް އަރައިފި ކަމަށް އޮޑިޓް އޮފީހުން އާންމުކުރި މާލީ ހިސާބުތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ކައްދޫ އެއާޕޯޓް ކުންފުންޏަށް އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކުންފުނީގެ ޚަރަދުތައް ވަނީ 38.7 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ކުންފުނީގެ ޖުމްލަ އެސެޓްގެ އަގަކީ 56 މިލިއަން ރުފިޔާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މާލީ ގޮތުން ކުންފުންޏަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިހާރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެ ކުންފުނީގެ އެންމެހައި އޮޕަރޭޝަންތަކާއި، ހަރުމުދަލާއި ދަރަންޏާއި ޒިންމާތައް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް ފާސްކޮށްފައެވެ.

އެހެންކަމުން، ކުންފުނި ހުއްޓުމެއްނެތި ހިންގޭނެ ކަމަށް ބަލައިގެން ތައްޔާރުކުރާ މާލީ ހިސާބުތަކުގެ އުސޫލު މިހާރު މި ކުންފުންޏަށް ނުފެތޭ ކަމަށް މެނޭޖްމަންޓުން ވަނީ ނިންމައިފައެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ ބޯޑުން ފާސްކުރި ގަރާރާ އެއްގޮތަށް ހުރިހާ އެސެޓްތަކާއި ޒިންމާތައް އާރްއޭސީއެލްއަށް ބަދަލުކުރާނީ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ހުރި އަގުތަކުގައެވެ. އަދި އެ މުދާތަކާއި ޒިންމާތައް އަދާކުރެވޭނެ މިންވަރު މެނޭޖްމަންޓުން ވަޒަންކުރުމަށްފަހު، މާލީ ބަޔާނުގައިވާ އަގުތަކަށް އެއްވެސް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ޑޮމެސްޓިކް ދަތުރުފަތުރުގެ އިތުރުން އަސްކަރީ އޮޕަރޭޝަންތަކަށް ވެސް ޚާއްސަކޮށްފައިވާ ލ. ކައްދޫ އެއާޕޯޓަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓެކެވެ.

މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، ތަރައްގީގެ މަސައްކަތް ނިމޭއިރު އެ އެއާޕޯޓުގައި 2.8 ކިލޯމީޓަރުގެ ޒަމާނީ ރަންވޭއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް