އާންމު ސިއްހަތުގެ މައްސަލައެއްގެ ގޮތުގައި ތައިލެންޑުގައި އޮތް ރުބެއްލާ ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދީފިއެވެ.
މިއީ ވެކްސިން ދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ކުޑަކުދިންނާއި އަންހެނުން އަދި އާއިލާތައް ސަލާމަތްކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގައި ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ޖާމަން މީސްލްސްގެ ނަމުން ވެސް ނަންދީފައިވާ ރުބެއްލާއަކީ ގައިންގަޔަށް އަރާ ވައިރަލް އިންފެކްޝަނެކެވެ. މާބަނޑު ދުވަސްވަރު މި ބަލި ޖެހިއްޖެނަމަ ބައިގެންދިއުމާއި، ދަރިފުޅު ބަނޑަށް މަރުވުމުގެ އިތުރުން، އުމުރުދުވަހުގެ ނުކުޅެދުންތެރިކަމާ ގުޅިފައިވާ ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް ކުރިމަތިވުމުގެ ނުރައްކާ އޮވެއެވެ. ނަމަވެސް މިއީ ރައްކާތެރި އަދި އަގުހެޔޮ ވެކްސިނެއްގެ ޒަރީއާއިން ހުއްޓުވިދާނެ ބައްޔެކެވެ.
ތައިލެންޑުން ރުބެއްލާ ނައްތާލެވިފައިވާކަން ކަށަވަރުކޮށްފައިވަނީ، މި އަހަރުގެ ޖޫން މަހުގެ 22 އިން 23 އަށް ބޭއްވި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ވެރިފިކޭޝަން ކޮމިޝަން ފޯ މީސްލްސް އެންޑް ރުބެއްލާ އެލިމިނޭޝަން (ސީ-އާރްވީސީ) ގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި މައުލޫމާތުތަކަށް ބިނާކޮށެވެ. އޭގެ ފަހުން ޖުލައި މަހު ކުރިއަށްގެންދިޔަ ފީލްޑް ވިޒިޓަށްފަހު، އެ ކޮމިޝަނުން ވަނީ ތައިލެންޑުގައި ރުބެއްލާ ނައްތާލެވިފައިވާކަން ގަބޫލުކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަންގެ އޮފިސަރ-އިން-ޗާޖް ޑރ. ނިލޭޝް ބުއްދާ ވިދާޅުވި ގޮތުގައި، ސިޔާސީ ހަރުދަނާ ނިންމުންތަކާއި، އިތުބާރު ހުރި ވެކްސިން ދިނުމުގެ ޚިދުމަތްތަކާއި، ފެންވަރު ރަނގަޅު ސަވައިލަންސްގެ އިތުރުން މުޖުތަމައުގެ އިތުބާރު އެކުވުމުން ރުބެއްލާ ނައްތާލެވިދާނެކަން ތައިލެންޑުން ވަނީ ސާބިތުކޮށްދީފައެވެ. އަދި މިއީ މުޅި ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތާލުމަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީއާއެކު ތައިލެންޑް ވެފައިވަނީ ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުން ރުބެއްލާ ނައްތާލި ހަތްވަނަ ގައުމަށެވެ. މީގެ ކުރިން ބޫޓާން، އުތުރު ކޮރެއާ، ދިވެހިރާއްޖެ، ނޭޕާލް، ސްރީލަންކާ އަދި ޓިމޯ-ލެސްޓޭ އިން ވަނީ މި ބަލި ނައްތާލާފައެވެ. މީގެ ތެރެއިން ބޫޓާން، އުތުރު ކޮރެއާ، ރާއްޖެ އަދި ޓިމޯރ-ލެސްޓޭ އިން ވަނީ ރުބެއްލާގެ އިތުރުން ހިމަބިހި ވެސް މުޅިން ނައްތާލާފައެވެ.
ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓަރު ޕައްޓަނާ ޕްރޮމްފަޓް ވިދާޅުވީ، މިއީ އެ ގައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި، މިއީ ސިއްހަތީ މަސައްކަތްތެރިންނާއި ވޮލަންޓިއަރުން އެތައް އަހަރެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިމަބިހި ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތައިލެންޑުގައި ވެކްސިން ދިނުމުގެ ގައުމީ ޕްރޮގްރާމް ފަށާފައިވަނީ 1977 ވަނަ އަހަރުއެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ޕްރައިމަރީ ސްކޫލްތަކުގައި ކިޔަވާ އުމުރުން ހަ އަހަރުގެ އަންހެން ކުދިންނަށް ރުބެއްލާ ވެކްސިން ދޭން ފެށިއެވެ. އަދި 1993 ވަނަ އަހަރުން ފެށިގެން އުމުރުން އެއް އަހަރުގެ ހުރިހާ ކުދިންނަށް މި ވެކްސިން ދޭން ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން، ޚިދުމަތްތައް ލިބުން ދަތި ސަރަހައްދުތަކަށާއި އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ އާބާދީތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. އަދި ހުމާއި ބިހި ނެގުން ފަދަ އަލާމާތްތައް ފެންނަ މީހުންގެ ޓެސްޓުތައް ހަދައި، ލެބޯޓަރީތަކުގެ އެހީގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސްފައިވެއެވެ.
ތައިލެންޑުގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އައިލަން ލީ ވިދާޅުވި ގޮތުގައި، މިއީ އެތައް އަހަރެއްގެ މެދުކެނޑުމެއްނެތް މަސައްކަތުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. އަދި ހިމަބިހި ނައްތާލުމަށް ތައިލެންޑުގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.