ސްމާޓްފޯނުތަކުން ދިގު މަޒުމޫނުތަކާއި ލިޔުންތައް ކިޔުމަށް ދަތިވާ ފަރާތްތަކަށް ހާއްސަކޮށް، ލިޔުންތައް ކިޔުމުގެ ބަދަލުގައި އަޑުއަހާލެވޭނެ އާ ފީޗާއެއް އެންޑްރޮއިޑް ގޫގުލް ކްރޯމް ބްރައުޒަރަށް ތައާރަފްކޮށްފިއެވެ.
މި ފީޗާގެ އެހީގައި ސްކްރީނަށް ބަލަހައްޓައިގެން ހުންނަން ނުޖެހި ލިޔުންތަކުގައިވާ މައުލޫމާތު ފަސޭހަކަމާއެކު އޮޅުންފިލުވައިލެވޭނެއެވެ.
އެންޑްރޮއިޑް ކްރޯމް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ ބޭނުންކުރެވޭނީ، ވެބްޕޭޖެއް ހުޅުވުމަށްފަހު މަތީ ކަނާތްފަރާތުގައި އިންނަ ތިން ތިކި މެނޫއަށް ފިތާލުމުން ފެންނަ "ލިސެން ޓޫ ދިސް ޕޭޖް" އޮޕްޝަނަށް ފިތައިގެންނެވެ.
އެއާއެކު ޕްލޭބެކް ކޮންޓްރޯލް ބާ ފެނި، ސަފުހާ އަޑުއިއްވަން ފަށާނެއެވެ. މި ފީޗާ ބޭނުންކުރުމަށް އެއްވެސް އިތުރު އެޕެއް އިންސްޓޯލްކުރާކަށް ނުވަތަ ލިޔުން އެހެން ތަނަކަށް ކޮޕީކުރާކަށް ނުޖެހެއެވެ. ނަމަވެސް، މި ފީޗާ އަދި ހުރިހާ ވެބްޕޭޖަކަށް ސަޕޯޓެއް ނުކުރެއެވެ.
މި ފީޗާ މެދުވެރިކޮށް ދެ ގޮތަކަށް ލިޔުންތައް އަޑުއެހުމުގެ ފުރުސަތު ލިބެއެވެ. އެއީ "ސްޓޭންޑަޑް ޕްލޭބެކް" އަދި "އޭއައި ޕްލޭބެކް" އެވެ. ސްޓޭންޑަޑް ޕްލޭބެކް ހިޔާރުކުރުމުން ލިޔުމުގައި ލިޔެފައިވާ ކޮންމެ ލަފުޒެއް ހުރިގޮތަށް އަޑުއިއްވައިދޭނެއެވެ. މިއީ މުހިންމު އެއްވެސް ތަފުސީލެއް ދޫކޮށްނުލައި އަޑުއަހަން ބޭނުންވާ ދަނޑިވަޅުތަކަށް އެންމެ އެކަށޭނަ ގޮތެވެ.
އޭއައި ޕްލޭބެކް މޯޑަކީ މުޅި ލިޔުން ކިޔައިދިނުމުގެ ބަދަލުގައި، ލިޔުމުގެ މައިގަނޑު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޕޮޑްކާސްޓެއްގެ ސިފައިގައި އޭއައި އަޑުތަކެއްގެ މެދުގައި ދެކެވޭ ވާހަކައެއްގެ ގޮތަށް މައުލޫމާތު ގެނެސްދޭ ގޮތެކެވެ. މިއީ ގިނަ ވަގުތު ނަގާ ދިގު ލިޔުންތަކުގެ މައިގަނޑު ޚުލާސާ އެހެން މަސައްކަތްތަކުގައި އުޅެމުން އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފައިދާހުރި ގޮތެކެވެ. މި ދެ ގޮތް ބަދަލުކުރުމަށް ޕްލޭޔަރު ހުޅުވުމަށްފަހު ތިރީގައިވާ ވޭވްފޯމް އައިކަންއަށް ފިތާލުމުން ފުދެއެވެ.
އަޑުއަހާ ވަގުތު އޯޑިއޯ މެނޭޖްކުރުމަށްޓަކައި ޕޯޒްކުރުމާއި، އަޑު އަވަސްކުރުމާއި ލަސްކުރުން، އަދި 10 ސިކުންތު ފަހަތަށް ނުވަތަ ކުރިއަށް ޖައްސާލުމުގެ ކޮންޓްރޯލްތައް ލިބިގެންވެއެވެ. މީގެއިތުރުން ސްޓޭންޑަޑް ޕްލޭބެކް ބޭނުންކުރާއިރު، އޯޑިއޯ ކޮންޓްރޯލް ބާގައި އިންނަ ތިން ތިކި މެނޫ މެދުވެރިކޮށް ތަފާތު އަޑުތައް ހިޔާރުކުރުމުގެ ފުރުސަތު އޮވެއެވެ.
އަދި ކިޔަމުންދާ ލަފުޒުތައް ފާހަގަކޮށް، އަމިއްލައަށް ސަފުހާ ތިރިއަށް ސްކްރޯލްވާ ގޮތް ހެދުމަށް "ހައިލައިޓް ޓެކްސްޓް އެންޑް އޮޓޯ ސްކްރޯލް" ފީޗާ އޮން ނުވަތަ އޮފް ކުރެވެއެވެ. މިއީ އަޑުއަހަމުން ސްކްރީނަށް ބަލައިގެން ލިޔުން ފޮލޯކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.
މި ފީޗާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އަޑުއަހަން ފެށުމަށްފަހު ބްރައުޒަރުގެ އެހެން ޓެބްތަކަށް ބަދަލުވެގެން އިންޓަނެޓް ބޭނުންކުރެވުމާއި، ފޯނު ލޮކްކޮށްލުމަށްފަހު ވެސް މެދުކެނޑުމެއްނެތި އަޑުއެހުމުގެ ފުރުސަތު އޮތުމެވެ.
މީގެ ސަބަބުން ގޭތެރޭގެ މަސައްކަތްތައް ކުރަމުން ނުވަތަ އެހެން ކަންކަމުގައި އުޅޭއިރު ވެސް، ސްކްރީނަށް ބަލަން ނުޖެހި ދިގު އާޓިކަލްތައް އަޑުއަހާލައިގެން މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދެއެވެ.