ޚާއްސަ ދާއިރާތަކުގެ ތަމްރީނުތަކާއެކު، ދިވެހީން އެދޭ ފަދަ މުއައްސަސާއަކަށް ފުލުހުން ހެދޭނެ: އިހުސާން

މިނިސްޓަރު އިހުސާން: ޚާއްސަ ދާއިރާތަކުގެ ތަމްރީނުތަކާއެކު، ދިވެހީން އެދޭ ފަދަ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ޚާއްސަ ދާއިރާތަކުން ދޭން ޖެހޭ ތަމްރީނުތައް ދީ، ފުލުހުންގެ މުއައްސަސާއަކީ ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ޚާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި މިއަދު ވަނީ ބާއްވައިފައެވެ. އޭގެ ތެރެއިން މާލޭގައި ބޭއްވި ހިނގާލުމަށް ފަހު އިހުސާން ވަނީ، ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި 24 ގަޑިއިރު ފުލުހުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ސަރުކާރުގެ އެދުމަކީ، މުސްތަގުބަލުގައި ވެސް ފުލުހުން އެ މަސައްކަތުގައި ދެމިތިބެ، މިހާރަށް ވުރެ ވެސް ފުރިހަމަ ޚިދުމަތެއް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަށް ޓަކައި އެނގިވަޑައިގަންނަވާނެ، ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އިކުއިޕްމެންޓާއި ތަމްރީނު ދިނުމަށް މިއަދުގެ ޕޮލިހުންގެ ލީޑާޝިޕާއި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ދަނީ ވަރަށް ބައިވަރު މަސައްކަތް ކުރެވެމުން،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ލިބޭ، އޯގާތެރިކަމާއި ހިތްތިރިކަމާއި ކުލުނުން ފުރިގެންވާ ޚިދުމަތެވެ.

ފުލުހުން ބޭއްވި ހިނގާލުމުގެ ތެރެއިން: ޚާއްސަ ދާއިރާތަކުގެ ތަމްރީނުތަކާއެކު، ދިވެހީން އެދޭ ފަދަ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި -- ފޮޓޯ/ ފުލުހުން

އެ ކަންކަމާ ގުޅޭ އިތުރު ތަފުސީލު، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވަނީ މި ދައުރުގެ ތެރޭގައި ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ފުލުހުންގެ ތަމްރީނު އިތުރުވަމުން އައި ނަމަވެސް، އުމްރާނީ ތަރައްގީ އިތުރުވެފައި ނެތުމުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި މި ސަރުކާރުން ގެންނަ އުމްރާނީ ތަރައްގީއާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވުމުން، ފުލުހުންގެ ގާބިލްކަން އިތުރުކުރެވި ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް އެ ޚިދުމަތް ބައްޓަން ކުރެވޭނެއެވެ.

"މިހުރިހާ އިންފްރާސްޓްރަކްޗާތައް ގާއިމުވެ ފުލުހުންގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެވިފައި. އަދި ޚާއްސަ ދައިރާތަކުން ގެންނަން ޖެހޭ ތަމްރީނުތަކާއި އެއްޗެހި ދެވި ފުލުހުން މިހާރަށް ވުރެ ގާބިލް އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ހިނގާލުންތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ބޭއްވި ހަރަކާތުގައި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ޚިދުމަތުގެ އާންމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

އެ ހިނގާލުމަކީ، ސެޕްޓެމްބަރު އެކެއް، 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހިނގާލުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު