ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އާއިލާއިން އަނެއްކާވެސް އައު ފަންނާނަކު ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.
ޚަބަރުތައް ބުނާގޮތުގައި، މިފަހަރު ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުންދަނީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާނާއި އޭނާގެ ކުރީގެ އަނބިމީހާ މަލައިކާ އަރޯރާގެ އުމުރުން 24 އަހަރުގެ ދަރިފުޅު، އަރްހާން ޚާނެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަރްހާން ފިލްމީ ދާއިރާއަށް ނެރުމަށް ހަމަޖެހިފައިވަނީ ބޮޑު ބަޖެޓަކުން އުފައްދާ، ފޯރިގަދަ ލޯބީގެ އެކްޝަން ފިލްމަކުންނެވެ. މި ފިލްމުގެ ނަމާއި ކާސްޓުގައި ދެން ހިމެނޭ ތަރިން އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވި ނަމަވެސް، ފިލްމު ޑައިރެކްޓްކުރާނީ 2022 ވަނަ އަހަރު ނުކުތް "އޭން އެކްޝަން ހީރޯ"ގެ ޑައިރެކްޓަރު އަނިރުދް އައްޔަރެވެ.
އަދި މި ފިލްމު ޕްރޮޑިއުސްކުރަނީ "ކަބީރު ސިންގް"، "އޯ މައި ގޯޑް" އަދި "ކޭލް ކޭލް މޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަޝްވިން ވަރްދޭ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މައުލޫމާތު ލިބޭގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ސަލްމާންގެ ޚާއްސާ ފެނިލުމެއްވެސް ހިމެނޭނެއެވެ.

އަރްހާން އޭނާގެ މައިންބަފައިންނާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
އަރްހާން ބަތަލެއްގެ ގޮތުގައި ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވަމުން އަންނައިރު، އޭނާ ވަނީ މީގެ ކުރިން ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" (2023)ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާ ހޯދާފައެވެ.
މީގެއިތުރުން 2022 ވަނަ އަހަރު "ދަމް ބިރިޔާނީ"ގެ ނަމުގައި އަމިއްލަ ޕޮޑްކާސްޓް ޝޯއެއްވެސް އޭނާ ވަނީ ހުށަހަޅައިދީފައެވެ.
ސަލްމާންގެ އާއިލާއިން އެންމެ ފަހުން ބޮލީވުޑަށް ތައާރަފުވެފައިވަނީ އޭނާގެ ކޮއްކޮ އަލްވިރާ އާއި ފިލްމު ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ ދޮށީ ދަރިފުޅު އަލިޒޭ އަގްނިހޯތުރީއެވެ. އަލިޒޭ ބޮލީވުޑަށް ނުކުތީ 2023ގައި ރިލީޒްކުރި ތްރިލާ ފިލްމު "ފަރޭ"އިންނެވެ. މީގެއިތުރުން، ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ޝަރުމާވެސް ވަނީ 2018 ވަނަ އަހަރު ނުކުތް "ލަވްޔާތުރީ"އިން އެކްޓިންގް ދާއިރާއަށް ތައާރަފުވެފައެވެ.