މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގާ ކަމަށް ވިދާޅުވުމުން، ޕީއެންސީ މެންބަރުންގެ ރައްދު ޔާމީނަށް

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ސަން ފޮޓޯ: އަމަން ލަތީފް

ރައްޔިތުންގެ މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާ ގުޅިގެން ޕީއެންސީ މަޖިލިސް މެންބަރުން އެ މަނިކުފާނަށް ރައްދުދެއްވައިފިއެވެ.

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތެރޭގައި ޑޮލަރުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށެވެ.

އެ ވާހަކައާ ގުޅިގެން ޕީއެންސީގެ މެންބަރުން އަންނަނީ ޔާމީނަށް ރައްދުދެއްވަމުންނެވެ.

https://sun.mv/226946

މިގޮތުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ވިހި ވަނަ މަޖިލީހުގެ މެމްބަރުން ތިބީ ރައީސް މުއިއްޒާއެކު ގަދަކޮށް ކަމަށެވެ. މި ދައުރުގެ މަޖިލިސް ނިމެން އެ ދަނީ، "ވާހަކައިން މަޖިލިސް ރޫޅަނިކޮށް" ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީ ޖަލްސާއެއްގައި ޝުޖާއު ވާހަކަދައްކަވަނީ... ފޮޓޯ/ ޕީއެންސީ

ޔާމީންގެ ވާހަކައަށް އިޝާރަތްކުރައްވައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ޔާމީން އެ ވިދާޅުވާ ފަދަ ކަމެއް މަޖިލީހުގައި ނުހިނގާ ކަމަށެވެ.

ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނާ ދެމެދު އޮންނެވި 'ސިއްރު ގުޅުމުގެ' ސަބަބުން އެމްޑީޕީ މެންބަރުންގެ ހިތް ނުތަނަވަސްވެފައިވާކަން އެ މީހުންގެ ވާހަކަތަކުން އެނގޭ ކަމަށް ޝުޖާއު ލިޔުއްވާފައިވެއެވެ.

"ހާލަތު ބަދަލު ވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟ހިތްޕުޅު ގޯސްވާނޭ ކަމެއްނެތް އަޅުގަނޑުމެން މިތިބީ ރައީސް މުޢިއްޒާއެކު ގަދަކޮށް. ހަމަ ވަރަަށް ގަދަކޮށް އިނގޭތޯ،" އަނެއްކާ ވެސް ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ، ޝުޖާއު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ޕީއެންސީގެ މުޅި ލީޑަޝިޕު އޮންނާނީ ސާބިތުކަމާއެކު، ރައީސް މުއިއްޒާ އެކީ ކަމަށެވެ. އަދި، ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް މުއިއްޒުކަން ސާބިތުކޮށްދެއްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ރައީސް މުއިއްޒާއި ޔާމީނާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

comment ކޮމެންޓް