ޕީއެސްޕީތަކުގެ މާލީ ގާބިލުކަން ކަށަވަރުކުރުމަށް އެމްއެމްއޭއިން މުހިންމު ފިޔަވަޅުތަކެއް އަޅައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތް ދޭ ފަރާތްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން (ޕީއެސްޕީ) ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޮޑުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ހުރިހާ ވަގުތެއްގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދު ނުވަތަ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދުތަކަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި:

  • އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް: ކުރިން ބަހައްޓަންޖެހޭ 500،000 ރުފިޔާގެ ބަދަލުގައި މިހާރު ވަނީ 2،000،000 (ދެ މިލިއަން) ރުފިޔާއަށް ބޮޑުކޮށްފައެވެ.
  • ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް: ކުރިން ބަހައްޓަންޖެހޭ 200،000 ރުފިޔާގެ ބަދަލުގައި މިހާރު ވަނީ 2،000،000 (ދެ މިލިއަން) ރުފިޔާއަށް ބޮޑުކޮށްފައެވެ.
  • ރެމިޓެންސްގެ ޚިދުމަތް: ކުރިން އޮތް 200،000 ރުފިޔާއިން 2،000،000 (ދެ މިލިއަން) ރުފިޔާއަށް ވަނީ އިތުރުކޮށްފައެވެ.
  • ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް: ކުރިން އޮތް 100،000 ރުފިޔާގެ ބަދަލުގައި 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
  • އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް:ކުރިން އޮތް 100،000 ރުފިޔާއިން 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވަނީ މަތިކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ، ގަވާއިދަށް މިފަދަ އިސްލާހެއް ގެނައުމުގެ މައިގަނޑު މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ ވިޔަފާރީގައި ދިމާވެދާނެ އެކިކަހަލަ ގެއްލުންތަކުން އަރައިގަނެވޭނެ ފަދަ މާލީ ތަނަވަސްކަން ހުރި ފަރާތްތަކަކަށް ހެދުން ކަމަށެވެ.

އަދި އެއްވެސް މެދުކެނޑުމެއްނެތި، ރައްކާތެރިކަމާއެކު ޚިދުމަތްތައް ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެ ތަންތަނުގައި ހުރިކަން ކަށަވަރުކުރުމަކީ ވެސް މި ބަދަލުގެ މުހިންމު ބޭނުމެކެވެ.

މީގެއިތުރުން، ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ޔަގީންކޮށް، މުޅި މާލީ ނިޒާމަށް އާންމުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި މި ފިޔަވަޅުތަކަކީ ކޮންމެހެން މުހިންމު ފިޔަވަޅުތަކެއްކަމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު