އާޖެންޓީނާގެ ފުޓުބޯޅައިގެ ޖާޒީގައި 10 ނަންބަރަކީ ހަމައެކަނި ނަންބަރެއް ނޫނެވެ. އެއީ ފުޓްބޯޅައިގެ ދުނިޔޭގެ ޝަރަފު އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ ނަންބަރެވެ.
ފުޓްބޯޅައިގެ ލެޖެންޑް ލިއޮނަލް މެސީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާވުމާ ގުޅިގެން، މި ޖާޒީ ދެން ލާނީ ކާކުތޯ މުޅި ދުނިޔެ އުފެއްދި ސުވާލުގެ ޖަވާބު މިހާރު މިވަނީ ތިލަވެފައެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީގެ ނިންމުމާއެކު، އުމުރުން އެންމެ 21 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ނިކޯ ޕާޒް މިވަނީ އެ ޖާޒީ ލާން ތައްޔާރުވެފައެވެ.
އިޓަލީގެ ކޯމޯ 1907 ގައި ސެސްކް ފެބްރެގާސްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާޒްއަކީ، މެސީއަށްފަހު އާޖެންޓީނާގެ 10 ނަންބަރުގެ ޖާޒީއަށް އެންމެ އެކަށޭނެ ކުޅުންތެރިޔާ ކަމަށް އެ ގައުމުގެ ގިނަބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، މި ނަންބަރުގެ ފަހަތުގައި އޮތީ ހިތްވަރާއި، ކަރުނައާއި، އަދި ކާމިޔާބީން ފުރިގެންވާ ދިގު ތާރީޚެކެވެ.
އާޖެންޓީނާގެ ޖާޒީގައި ނިކޯ ޕާޒް-- އާޖެންޓީނާގެ 10 ނަންބަރުގެ ތާރީޚު ފެށިގެން އަންނަނީ މާކުރީގެ ޒަމާންތަކުންނެވެ. އެގޮތުން 1958 ގެ ވޯލްޑް ކަޕްގައި ރޮހާސް އަދި 1962 ގައި ސަންފިލިއްޕޯ މި ނަމްބަރުގެ ޖާޒީ ލާފައިވާއިރު، 1966ގެ ވޯލްޑް ކަޕްގައި މި ނަންބަރު ފުރަތަމަ ބޭނުންކުރަން ފެށީ އާޖެންޓީނާގެ ކެޕްޓަން އެންޓޯނިއޯ ރަޓިންއެވެ.
އޭގެފަހުން 1974 ގައި ހެރޭޑިއާ މި ނަންބަރު ބޭނުންކުރިއެވެ. ނަމަވެސް، މި ޖާޒީއަށް ފުރަތަމަ ފަހަރަށް ދުނިޔޭގެ ރަން ތަރިއެއް ހޯދައިދިނީ 1978 ވަނަ އަހަރު "އެލް މަލަޑޯރް" ގެ ނަމުން މަޝްހޫރުވި މާރިއޯ ކެމްޕެސްއެވެ. ޕްލޭމޭކަރަކަށް ނުވީނަމަވެސް، ކޯޗު މެނޮއްޓީގެ އިތުބާރާއެކު 10 ނަންބަރު ލައިގެން ނުކުމެ، ކެމްޕެސް ވަނީ މުހިންމު ލަނޑުތަކެއް ޖަހައި އާޖެންޓީނާއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައެވެ.
އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރަޓިން-- ކެމްޕެސްއަށްފަހު މި ނަންބަރު ދެން ބޭނުންކުރީ ޑިއޭގޯ މަރަޑޯނާއެވެ. އެގޮތުން 1982 ގެ ވޯލްޑް ކަޕްގައި އުމުރުން އެންމެ 21 އަހަރުގައި ފުރަތަމަ ފަހަރަށް 10 ނަންބަރު ލައިގެން މަރަޑޯނާ ދުނިޔެ ސިއްސުވާލިއެވެ. އަދި 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް ޖެހި "ހޭންޑް އޮފް ގޯޑް" ލަނޑާއި، "ގޯލް އޮފް ދަ ސެންޗަރީ" އާއެކު އާޖެންޓީނާއަށް ތަށި ހޯދައިދީ، 10 ނަންބަރަކީ ނުފޫޒުގަދަ ނަންބަރަކަށް ހެދިއެވެ.
ފީފާ ވޯލްޑް ކަޕް ޓްރޮފީއާއެކު މަރަޑޯނާ-- ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރު ފައިނަލަށް ގެންގޮސްދިން މަރަޑޯނާގެ "ލާސްޓް ޑާންސް" ނުވަތަ ފަހު ފެނިލުން ފެނުނީ 1994 ގައެވެ. މަނާ ބޭހުގެ މައްސަލައެއްގައި މަރަޑޯނާ ސަސްޕެންޑްވުމުން، އެ ޒިންމާއާ ދެން ހަވާލުވީ ހުނަރުވެރި އާރިއެލް އޮރްޓޭގާއެވެ. އޮރްޓޭގާ ވަނީ 1998 އާއި 2002 ގެ ވޯލްޑް ކަޕްގައި މި ނަންބަރާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން މާސެލޯ ގަލާޑޯ ފަދަ ކުޅުންތެރިންވެސް އެކި ދުވަސްވަރު މި ޖާޒީ ބޭނުންކުރިއެވެ.
އާޖެންޓީނާގެ 10 ނަންބަރު ޖާޒީގައި މަރަޑޯނާ-- މަރަޑޯނާއަށްފަހު އާޖެންޓީނާގެ ފަސްގަނޑުން އުފެދުނު އެންމެ ޕްލޭމޭކަރަކީ 2006 ގެ ވޯލްޑް ކަޕްގައި 10 ނަންބަރު ބޭނުންކުރި ހުއާން ރޯމަން ރިކުއެލްމޭއެވެ. ދަނޑުމަތީގައި ހިތްގައިމު ޕާސްތަކެއް ދިން ރިކުއެލްމޭއަށްފަހު 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗަކަށް ހުރި މަރަޑޯނާ، އެ ނަންބަރުގެ ހަގީގީ ވާރިސާ ހަވާލުކުރިއެވެ. އެއީ ލިއޮނަލް މެސީއެވެ.
މެސީ ވަނީ 2010، 2014، 2018، އަދި 2022 ގެ ވޯލްޑް ކަޕްތަކުގައި މި ޖާޒީ ލައިގެން، 2022 ވަނަ އަހަރު ގަތަރުގައި އާޖެންޓީނާއަށް ތިންވަނަ ވޯލްޑް ކަޕް ތަށި ހޯދައިދީފައެވެ.
ވޯލްޑް ކަޕް ޓްރޮފީއާއެކު އާޖެންޓީނާގެ 10 ނަންބަރު ޖާޒީގައި މެސީ--އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓާޕިއާ، މެސީގެ ޝަރަފުގައި 10 ނަންބަރު ދާއިމީކޮށް ރިޓަޔާކުރަން ބޭނުންފުޅުވި ނަމަވެސް، ފީފާގެ ގަވާއިދުތައް ހުންނަގޮތުން ރަސްމީ މުބާރާތްތަކުގައި އަކަކުން 23އަށް ނުވަތަ 26އަށް ނަންބަރުތައް ތަރުތީބުން ބޭނުންކުރަންޖެހެއެވެ.
އެހެންކަމުން މި ނަންބަރު ދޫކޮށްލެވޭކަށް ނެތެވެ. މެސީ އަނިޔާގައި ހުރި ދުވަސްވަރު ޕައުލޯ ޑިބާލާ، އެންހެލް ކޮރެއާ، އަދި އެންމެ ފަހުން އުމުރުން އެންމެ 18 އަހަރުގައި ފްރެންކޯ މަސްޓަންޓުއޯނޯވެސް ވަނީ ވަގުތީގޮތުން މި ޖާޒީ ލައިފައެވެ.
އެހެންނަމަވެސް، މެސީގެ ރިޓަޔާމަންޓަށްފަހު އާޖެންޓީނާގެ އާ ޖީލުގެ ރަސްކަމާ ހަވާލުވާން މިހާރު މި އޮތީ ނިކޯ ޕާޒްއެވެ. މިއީ ހަމައެކަނި ޖާޒީއެއް ބަދަލުވުމެއް ނޫނެވެ؛ މިއީ މަރަޑޯނާއާއި މެސީގެ ތާރީޚީ ތަރިކަ އާ ޖީލެއްގެ ކޮނޑުގައި އެޅިގެންދާ ފުޓްބޯޅައިގެ އާ ބާބެއްގެ ފެށުމެވެ.