އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން 23.9 ޕަސެންޓަކީ މަގުމަތީގެ އެކްސިޑެންޓުތައް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ފުލުހަށް 8،490 މައްސަލަ ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، އެފަދަ 2،326 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތައް ކަމަށްވާއިރު، އެފަދަ 2،029 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި 1،828 މައްސަލައާއެކު، ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.
މީގެ އިތުރުން، ގެއްލިގެން ހޯދާ ތަކެއްޗާ ގުޅޭ 695 މައްސަލައާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ 446 މައްސަލައާއި، ގައިގައި ޖެހުމާއި އަނިޔާކުރުމުގެ 439 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި ގެވެށި އަނިޔާގެ 224 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޖިންސީ ކުށްތަކުގެ 184 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.
ފާއިތުވި 24 ގަޑިއިރެއްހާއިރު ތެރޭގައި ވެސް އެ މުއައްސަސާއާ 13 މައްސަލައެއްގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ފަސް އެކްސިޑެންޓަކާއި މަސްތުވާތަކެތީގެ ތިން މައްސަލައަކާއި ވައްކަމުގެ ތިން މައްސަލައެއް ހިމެނެއެވެ. އިތުރަށް ހިމެނުނީ ގެވެށި އަނިޔާގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގައި ވަނީ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވަނީ މަރުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އިތުރު އެކްސިޑެންޓެއް ހޯމަ ދުވަހު ވެސް ހިނގިއެވެ. ހިޔާ ޓަވަރެއް ކައިރީ ހިނގި އެ ހާދިސާގައި 62 އަހަރުގެ ފިރިހެނަކަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ވަނީ ފަށައިފައެވެ.