﷽
------------------------
ދުއްވަމުން ދިޔަ މެޓް ރަތްކުލައިގެ ސްކޫޕީ ސައިކަލު މަގުގެ ވަކި ހިސާބަކުން ހުއްޓުމާ އެކު، އޭގައި އިން އަންހެން ކުއްޖާ ސައިކަލު މަގުގެ އެއްފަރާތަކަށް ޖައްސައިލިއެވެ. މަގުމަތިން ދާ އެހެން އުޅަނދުތަކަށް އުނދަގޫނުވާނޭ ފަދަ ގޮތަކަށެވެ. އެއަށް ފަހު، ސައިކަލު ސްޓާޓުކޮށްލެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ސްޓާޓުވެލާފައި ސައިކަލު ނިވެނީއެވެ. އިރުކޮޅަކު އޭނާ އިންޖީނު ސްޓާޓުވޭތޯ އެގޮތުގައި މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެއްވެސް އަލިމަގެއް ނުފެނުނެވެ.
"މި ވެސް ހުއްޓެން އެނގުނީ މި ގަޑީގަ ވިއްޔަ." އުނަގަނޑުގައި ދެ އަތް ވިއްދައިލުމާ އެކު ނަހާއަށް ބުނެވުނެވެ. ޖީބުގައި އޮތް ފޯނު ނަގައިފައި ގަޑި ބަލައިލި އިރު، ނުވައެއް ޖަހަން ފަނަރަ ވަރަކަށް މިނެޓް އެބަ އޮތެވެ. އިއްޔެ ނޫން ކުރިން ދުވަހު ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ މަގުތަކުގައި ސައިކަލު ދުއްވި ފަހުން، އިއްޔެއިން ފެށިގެން ސައިކަލަށް ހުރީ ކޮންމެ ވެސް މައްސަލައެއް ދިމާވެފައެވެ. ސްޓާޓުކުރަން އުނދަގޫވާތީ، އޭނާ ހުރީ މިއަދުގެ ވަގުތެއްގައި ގަރާޖަކަށް ސައިކަލު ގެންދަން ނިންމައިގެން ނަމަވެސް އެކަން ނުކުރެވި އުޅެނިކޮށް ސައިކަލު ހަލާކުވީއެވެ. ނަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަސީބަކުން އޭނާ އެ ހުރި ހިސާބާ ކައިރީގައި ގަރާޖެއް ހުރެއެވެ. ގާތްގަނޑަކަށް ދެ ގެ ދޫކޮށްފައި ހުރި އެ ގަރާޖާ ހިސާބަށް އަތުން ސައިކަލު ދަމަމުން ގެންގޮސް ނަހާ މަޑުކޮށްލިއެވެ. އޭނާ ގަރާޖަށް ބަލައިލިއެވެ.
މަތިން ތިރިއަށް ދަމައިލެވޭ ގޮތަށް ހުރި ރޯލަރ ޝަޓަރގެ މަތީ ފާރުގައި "ތައިމޫރު ގަރާޖު" ޖަހާފައިވާ ނަންބޯޑެއް ހަރުކޮށްފައި ހުއްޓެވެ. ޖާގައިގެ ގޮތުން ބަލަންޏާ މާލޭގައި އެހެންޏާ ހުންނަ ކުދިކުދި ގަރާޖުތަކަށް ވުރެ ތަނަވަހެވެ. އޭރު ވެސް އެތެރޭގައި ދެ ސައިކަލެއް ހުއްޓެވެ. އޭގެ އިތުރުން އެއްފަރާތުގައި ކާރެއް އޮތެވެ. އެ ކާރުގެ ކުރީކޮޅު ވަނީ ޓްރޮލީ ޖެކްއެއްގެ އެހީގައި އުފުއްލައިލެވިފައެވެ. އޭރު ކާރުގެ ދަށުގައި ޒުވާނެއް އޮތެވެ. ހީވާ ގޮތުން ކާރުގެ ކޮންމެ ވެސް ބައެއް މަރާމާތު ކުރުމުގެ މަސައްކަތެއްކުރަނީއެވެ. ނަހާ އަށް ފެނުނީ އޭނާގެ ފައިކޮޅެވެ.
"އެކްސް ކިއުޒް މީ...." ނަހާ ގޮވައިލިއެވެ.
ކާރުގެ ކޮންމެވެސް މަރާމާތެއް ކުރަމުން ދިޔަ ޒުވާނާ، ފަހަތަށް ދެމިގަތެވެ. އެއަށް ފަހު، އޭނާ ބަލައިލިއެވެ. އޭރު ގަރާޖުގެ ދޮރުމަތީގައި، އަންހެން ކުއްޖަކު ހުއްޓެވެ. އަތަށް ލައްވާފައިވާ އަންގި ބާރުކޮށްލަމުން، އޭނާ ކޮޅަށް ތެދުވެލިއެވެ. އޭރު އޭނާ ލައިގެން ހުރި ބޮއިލަރު ސޫޓު ވަނީ ވަރަށް ބޮޑަށް ކިލާވެފައެވެ. ކޮންމެވެސް ވަރަކަށް އަޑީތެލުގެ އަސަރު ވެސް އޭގައި ހުއްޓެވެ. އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. އަވަދިނެތި މަސައްކަތުގައި އުޅުމުގެ ސަބަބުން ހޭވިފައިވާ އޭނާގެ ރޭގަނޑެއް ފަދަ ކަޅު އިސްތަށިގަނޑުގައި ވެސް ކިލާ ހޭކިފައި ހުއްޓެވެ. ދިގު އިސްކޮޅެއްގެ ވެރި އެ އެ ޒުވާނާ މި ވަގުތު ކޮންމެ ގޮތަކަށް ހުރި ކަމުގައިވީ ނަމަވެސް ފިރިހެންވަންތައެވެ.
"ކިހިނެއްވީ؟" އޭނާ ސުވާލުކޮށްލިއެވެ. ކުރިމަތީގައި ހުރި ކުއްޖާއަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ. އެ ކުއްޖާ ލާފައިހުރީ، ކަކުލުން ތިރިއަށް އަންނަ ފެހިކުލައިގެ ކުރުތާ ހެދުމަކާއި ހުދުކުލައިގެ ހަރުވާޅެކެވެ. އަޅައިފައިވަނީ ހެދުމުގެ ކުލައަށް ވުރެ ތަންކޮޅެއް އަނދިރިކުލައެއްގެ ޝޯލްއެކެވެ. އިސްކޮޅާއި ރޫފަ ހެޔޮވަރެވެ. އަންހެންވަންތައެވެ. އޭނާގެ "ކޮޕަރ އެންބަރ" ކުލައިގެ ކަޅި ހިމެނޭ ބޮޑު ދެ ލޮލާއި އެ ދެ ލޮލަށް ހިމާޔަތްދެމުންދާ އެސްފިތަކާއި ތޫނު ކަޅިރަވައަކީ ޚާއްޞަ ސިފައެކެވެ. އެ ދެލޮލުގައި ސިހުރެއް ފަދަ ބާރެއް ހުރިކަން ގައިމެވެ. އަލި ހަންގަނޑެއްގެ ވެރި އެ އަންހެން ކުއްޖާ މޭކަޕް ނުކޮށް ހުރި ނަމަވެސް، ރީއްޗެވެ.
"ސައިކަލު ހުއްޓިގެން މިއުޅެނީ. ބަލައިލަދެވިދާނެތަ؟" ނަހާ ވާހަކަ ދެއްކިއެވެ. އެއާއެކު އެ ޒުވާނާ ބޯ ޖަހައިލިއެވެ.
"ކޮބާ ސައިކަލު؟" ޒުވާނާ ސުވާލުކޮށްލިއެވެ.
"އެހެރީ..." ގަރާޖުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިކަލަށް އިޝާރާތްކޮށްލުމަށް ފަހު ނަހާ ބުނެލިއެވެ. އެއާއެކު އެ ޒުވާނާ، ގަރާޖުން ބޭރަށް ނުކުމެލުމަށް ފަހު، ސައިކަލު ގެނެސް ގަރާޖަށް ވައްދައިލިއެވެ. އެއަށްފަހު އެއަށްވެގެން އުޅޭ ގޮތެއް ބަލަންވެގެން އަވަސްވެގަތެވެ.
"އަވަސްކޮށްލަ ދެވޭނެތަ؟ ތަނަކަށް ދާން ލަސްވެގެން އަސްލު." ނަހާ ބުނެލިއެވެ.
"އިރުކޮޅެއް ވާނެ ބަލައިލަން. ހީވަނީ ސަރވިސްކުރަންހެން ޖެހޭނީ. މިގަޑީގަ ނުވެއް ނިމޭނެ." އެ ޒުވާނާ ބުނެލިއެވެ. އެއީ ފިރިހެންވަންތަ އަޑެކެވެ.
"ވާރޭގަ ސައިކަލު ދުއްވިންތަ؟" އެ ޒުވާނާ އަހައިލިއެވެ.
"އާނ. އިއްޔެ ނޫން ކުރިން ދުވަހު...،" ނަހާ ބުނެލިއެވެ. "ރަނގަޅެއްނުވާނެތަ؟"
"ނޫނޭ... ރަނގަޅުކުރެވިދާނެ. އެކަމަކު އެހާ އަވަހަކަށް ނުވާނެހެން ހީވަނީ... ފުލް ސަރވިސްއެއް ކޮށްލަން ޖެހޭނީ..." ޒުވާނާ ބުނެލިއެވެ.
"އަޅެ، ދެން ކިހިނެއް ހަދާނީ؟" ނަހާއަށް އަނެއްކާ ވެސް ގަޑި ބަލައިލެވުނެވެ. "ޕްލީޒް، ބަލައިލަބަލަ ގޮތެއް ހެދޭތޯ! ބޮޑެތި ކާރު އެއްޗެހި ހަދާއިރު، މިވަރު ކަމެއް ނުކުރެވޭނެތަ؟"
"މަންޖޭ. މިކަމެއް އެހާ ފަސޭހަކޮށެއް ނުވާނެޔޭ. ތި ދާތަނަކަށް ޓެކްސީއެއް ނަގައިގެން ދާންވީނު. މެންދުރު އާދޭ ބަލާ. އޭރަށް ވާއިރަށް ނިންމާލަދޭނަން." އެ ޒުވާނާ ބުނެލިއެވެ.
"މަންޖޭއޭ..." ނަހާއަށް ބުނެވުނެވެ. އިތުރަށް ޒުވާބުކޮށް ޖަދަލުކުރަން ނޫޅުނީ، ކުރެވޭނެ އިތުރުކަމެއް ނެތުމުންނެވެ. އެންމެ ފަހުން، މެންދުރު ދޭއް ޖަހާއިރު އަންނާނެކަމުގައި ބުނެފައި ނަހާ މަގުމައްޗަށް ނުކުމެލިއެވެ. އެއަށް ފަހު ޓެކްސީއަކަށް އަތް ނެގިއެވެ. މާލެއިން ޓެކްސީއެއް ހޯދުމަކީ ގިނަ ފަހަރަށް މާވަހަރެއް ހޯދުން ކަހަލަ ކަމަކަށް ވީ ނަމަވެސް، މި ފަހަރު ނަހާ ނަސީބު ގަދައީއެވެ. ދާދި ފަސޭހައިން ޓެކްސީއެއް ލިބިއްޖެއެވެ.
"ކަމްރާން އިންޑަސްޓްރީސް." ޓެކްސީގައި އިށީނދެ ހަމަޖެހިލުމަށް ފަހު ނަހާ ބުނެލިއެވެ. ޓެކްސީ ޑްރައިވަރު ވަގުތުން ކާރުގެ މިސްރާބު ނަހާ އެ ބުނި ދިމާލަށް އަނބުރައިލިއެވެ. އިތުރު ސުވާލެއްނުކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނަހާ އެ ބުނި ނަމަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި އެކަކުގެ މައި އޮފީހުގެ ނަމެވެ. އިތުރު ތަފްސީލަކަށް ބޭނުންނުވީ ވެސް އެހެންވެގެންނެވެ.
މަޖީދީމަގުގެ މެދަށްހާ ހިސާބުގައި ހުރި ދިހަ ފަންގިފިލާއަށް ނަގާފައިވާ އިމާރާތުގެ ކުރިމަތީގައި ކާރު މަޑުކޮށްލުމާ އެކު، ޑްރައިވަރަށް ފައިސާ ދީފައި ނަހާ ފޭބިއެވެ.
ކޮނޑުގައި އަޅުވާލާފައިވާ ދަބަހުގެ ތެރެއިން ފޯނު ނަގައި ގަޑި ބަލައިލުމަށް ފަހު، ގޮސް މައްޗަށް އެރެން ހުރި ފަސް ސިޑީގެ ހަރުފަތް ގިރާކޮށްލައިފިއެވެ. ދިހަ ބުރީގެ އިމާރާތުގެ ކަނާތް ފަރާތުގައި، ހުންނަނީ އޮފީހަށް ވަންނަ ބިއްލޫރި ދޮރެވެ. އަނެއް ފަރާތުގައި ހުންނަނީ އެގޭގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްފައި ހުންނަ ދޮރެވެ. ނަހާ ފެނުމާ އެކު، އެތެރޭގައި ހުރި ދޮރުވާނު ބިއްލޫރި ދޮރު ހުޅުވައިލަދިނެވެ. ނަހާ އެތެރެއަށް ވަނެވެ. އެއާއެކު ކައުންޓަރުގައި އިން ކުއްޖާ ނަހާ ފެނުމުން ހިނިތުންވެލާފައި ތެދުވެލިއެވެ.
"އައި ހޭވް އެން އެޕޮއިންޓްމެންޓް." ނަހާ ބުނެލިއެވެ. އެއަށްފަހު އޭނާ ފޯނަށް އައިސްފައިވާ މެސެޖު ވެސް ދައްކައިލިއެވެ. ކައުންޓަރުގައި އިން ކުއްޖާ ބޯ ޖަހައިލުމަށް ފަހު، ކޮންމެ ވެސް ނަންބަރަކަށް ގުޅައިލިއެވެ. މާ ލަސްތަކެއް ނުވެ، އިތުރު ކުއްޖަކު އަތުވެއްޖެއެވެ. އޭނާ ނަހާ ގޮވައިގެން ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. ދިހަ ފަންގިފިލާގެ އެ އިމާރާތުގެ ފުރަތަމަ ހަތަރު ފަންގިފިލާ ޚާއްޞަކޮށްފައިވަނީ އެ އޮފީހަށެވެ. ވެރިމީހާ ގަނެފައިވާ ބިމެއްކަމަށް ވާތީ އެތަން ފަރުމާކޮށްފައިވަނީ ވެސް އޮފީހެއް ހިންގޭނެ ގޮތަށެވެ. އެގޮތުން، އޮފީހުގެ ހަތަރު ފަންގިފިލާއަށް އަރައި ފޭބޭނޭހެން އޮފީހުގެ ތެރޭގައި ސިޑިއަކާއި ލިފްޓެއް ހުރެއެވެ.
ހަތަރުވަނަ ފަންގިފިލާއަށް އެރުމަށް ފަހު، ވެރިޔާގެ ކެބިންގައި ޓަކި ޖަހައިލުމަށް ފަހު، އޭނާ އާއެކު އައި ކުއްޖާ ދޮރު ހުޅުވައިލިއެވެ. ނަހާ އެތެރެއަށް ވެއްދުމުގެ ހުއްދަ ލިބުމާ އެ ކުއްޖާ ނަހާ ގާތު އެތެރެއަށް ވަންނަން ބުނެލިއެވެ. އެއާއެކު ނަހާ ވެސް ގޮސް ކެބިންއަށް ވަދެއްޖެއެވެ.
ވަށައިގެންވީ މާޙައުލަށް ނަހާއަށް ބަލައިލެވުނެވެ. ތަނަވަސް ހިތްގައިމު ކެބިންއެކެވެ. ގަދަ މުށިކުލައިގެ ލެދަރ ސޯފާސެޓާއި ވެރިޔާއަށް ޚާއްޞަކުރެވިފައިވާ ހަމަ އެ ކުލައިގެ ހަތަރެސްކަން ދިގު މޭޒެއްގެ އިތުރުން ލިޔެ ކިޔުންތައް ތަރުތީބުކުރެވިފައިވާ ޝެލްފެއް ހުއްޓެވެ. އޭގެ އިތުރުން ފާރުގައި ހަރުކޮށްފައިވާ ފްރޭމްތަކުން ފާރުތަކުގެ ފަޅުކަން ފިލައެވެ. އޭގެ ތެރޭގައި، ތަފާތު އެކިއެކި އެވޯޑު ހަފްލާތަކުގައި އެ ކުންފުންޏަށް ލިބިފައިވާ މެޑަލްތަކާއި ސެކްފިކެޓްތައް ވެސް ހަރުކޮށްފައި ހުއްޓެވެ.
ނަހާ އެތެރެއަށް ވަނުމާ އެކު މޭޒު ދޮށުގައި އިނދެފައި އެ އޮފީސް، އަދި "ކަމްރާން އިންޑަސްޓްރީސް" ގެ ވެރިޔާ ކަމްރާން ތެދުވިއެވެ. ނަހާ ކުރިއަށް ފިޔަވަޅު އަޅައިލާފައި ގޮސް މޭޒު ކައިރީގައި ހުއްޓުނެވެ. އޭނާ އައި އިރު ކަމްރާން އުޅުނީ މަސައްކަތެއްގައި ކަން ދޭހަކޮށްދެނީ މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕާއި، އަތުރާލާފައިވާ ކަރުދާސްތަކުންނެވެ.
ކަމްރާން އަތުން އިޝާރާތްކޮށްލުމާ އެކު ނަހާ އިށީނެވެ. ނަހާ އިށީންތަން ބަލަން ހުރުމަށް ފަހު، ކަމްރާން ވެސް އިށީނދެ ހަމަޖެހިލިއެވެ. ކަމްރާންއަކީ އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އުމުރުގެ ގޮތުން ބޮލުގެ އިސްތަށިގަނޑާއި، ތުނބުޅީގައި ނުރަ ޖަހާފައި ވިޔެއްކަމަކު، އޭނާއަކީ ހުތުރު މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. އޭނާއަކީ، "ސްމާރޓް" ސިއްޙަތު ރަނގަޅު މީހެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އަދި މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އޭނާގެ ކުންފުނިން ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިންގައެވެ. އޭގެ އިތުރުން ފަސްތަރީގެ ހޮޓެލްތައް ވެސް މިހާރު ދަނީ ރާއްޖެތެރޭގެ އެކި ރަށްރަށުގައި ތަރައްޤީކުރުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި "ކަމްރާން އިންޑަސްޓްރީސް" އަކީ އާ ނަމެއްނޫނެވެ. އެއީ މުޅި ރާއްޖެ ދަންނަ ކިޔަން ފަރިތަ ނަމެކެވެ.
"މި އައީ....، ކަމަކު...." ބުނަން ނުބުނަން އިން ފަދައަކުން އިނުމަށް ފަހު، ނަހާ ވާހަކަ ދެއްކިއެވެ.
"ބައްދަލުކުރަން އަންނަން ނަހާ ނުޖެހޭނެއެއްނު އެޕޮއިންޓްމެންޓެއް ހައްދާކަށް." އިރުކޮޅެއްގެ ހިމޭންކަމަށް ފަހު، ކަމްރާން ބުނެލިއެވެ.
"އެހެން މީހުން ވެސް އަންނަނީ ހަމަ އެޕޮއިންޓްމެންޓް ހައްދައިގެނެއްނު. އެހެންވީމަ އެއްވެސް މީހަކު އިސްތިސްނާއެއް ނުވާނެއެއްނު." ފިނިކަން އެކުލެވޭ ގޮތަކަށް ނަހާ ބުނެލިއެވެ. އޭނާ ބެލީ ކަމްރާން އާ ހަތަރުކަޅި ބައްދަލު ކޮށްނުލާވޭތޯއެވެ. ނަހާއަށް ބަލަން އިނުމަށް ފަހު ކަމްރާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ކަމްރާން އިތުރު އެއްޗެއް ނުބުނުމުން، ނަހާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ދެވިސްނުމެއްގައި އިންފަދައަކުން އިނުމަށް ފަހު، ނަހާ އެންމެފަހުން ވާހަކަ ދެއްކިއެވެ.
"ލޯނެއް ބޭނުންވަނީ." ނަހާ ބުނެލިއެވެ.
(ނުނިމޭ)
ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ، ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުޞަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ދެއްވާ ތަރުޙީބަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ. -ހިމީ-