ފިރިހެނުންގެ އޮރިޔާން ފޮޓޯ ގެންގުޅުނު މީހަކު، 18،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފް އަމަލުތައް ދައްކާ ވީޑިއޯއެއްގެ ސުކްރީން ޝޮޓެއް--

މޮބައިލް ފޯނުން، ގިނަ އަދަދަކަށް ފިރިހެނުންގެ އޮރިޔާން ފޮޓޯއާއި ވީޑިއޯ ފެނުނު މައްސަލައެއްގައި ޏ. ފުވައްމުލަކު މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 18,000 (އަށާރަހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ގްރީންލެންޑް، ޢަލީ އަޙްމަދުގެ މައްޗަށެވެ. އަލީ އަހްމަދުގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މިއީ 15 އަހަރުގެ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކުއްޖާއަށް ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެއްގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން ޢަލީ އަޙްމަދުގެ ފޯނު ހިފަހައްޓައި ފޮރެންސިކް ތަހުލީލު ކުރުމުން ފެނުނު ތަކެއްޗާ ގުޅިގެން ކުރި ދައުވާއެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، އަލީ އަހްމަދުގެ ފޯނުގެ ފޮރެންސިކް ތަހުލީލުން އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރާއި ބަރަހަނާ މަންޒަރު ހިމެނޭ ހަތް ޖީބީއަށްވުރެ ބޮޑު ފައިލް (1,378 ވީޑިއޯ އަދި 566 ފޮޓޯ) ފެނިފައިވެއެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ އަޙްމަދު ދިފާއުގައި ބުނެފައިވަނީ، ފޯނުގައި ހުރި ތަކެއްޗަކީ އޭނާއަށް ނުއެނގި އަމިއްލައަށް ޑައުންލޯޑުވީ ތަކެތި ކަމަށެވެ. ނަމަވެސް، މައްސަލަ ބެއްލެވި ޤާޟީ ޢަލީ ނަދީމް ވަނީ އެ ދިފާއު ބަލައިގަންނަން ދެކޮޅު ހައްދަވާފައެވެ.

ޤާޟީ ނިންމެވީ ފޯނުގައި ހުރި ތަކެތީގެ ގިނަކަމާއި، ފޯލްޑަރު ހަދައިގެން ރައްކާކޮށްފައި ހުރުމުގެ އިތުރުން، އެހެން މީހުންނަށްވެސް އެފަދަ ތަކެތި ފޮނުވާފައިވާތީ މިއީ އޭނާއަށް ނުއެނގި ހުރި ތަކެތި ކަމަށް ބެލެވެން ނެތް ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށްވީ ނަމަވެސް، ކުށުގެ ނިޔަތް މަތީ ދަރަޖައަކަށް ސާބިތުވުމާއި އިންތިޒާމީ ގޮތެއްގައި ގިނަ އަދަދެއްގެ ތަކެތި ގެންގުޅެފައިވާތީ، ކޯޓުން ވަނީ އަދަބު ތިން މަސްދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފައެވެ.

ނަމަވެސް، ޢަލީ އަޙްމަދުގެ ކުށުގެ ރެކޯޑެއް ނެތުމާއި، މިއީ އަނިޔާވެރިކަމެއް ނެތް ކުށަކަށްވާތީ، ޖަލު ހުކުމް ވަނީ 18,000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަންވަނީ އަންގައިފައެވެ.

comment ކޮމެންޓް