ހުޅުމާލޭ ހިޔާ ފްލެޓެއްގެ ބެލްކަނީގައި އާންމުކޮށް ފެންނަ ގޮތަށް ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، ފަސް ދުވަސް ވީއިރު ވެސް އެ މީހުން ދެނެގަނެވިފައިވާކަން ފުލުހުން ހާމައެއް ނުކުރިއެވެ.
ހިޔާ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ.
މިނެޓެއްހާއިރުގެ މި ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ މީހުން މި އަމަލު ހިންގާފައިވަނީ ދުވާލުގެ ވަގުތެއްގައެވެ. މި ވީޑިއޯ ސަމާލުކަމަށް އައުމާއެކު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ، އެ މައްސަލައިގައި ފުލެޓުގެ ވެރިފަރާތާ މިހާރު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ބަދުއަޚުލާގީ އަމަލު ހިންގި ދެ މީހުން ދެނެގަނެ، އެ މީހުން ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.
އެ ތަހުގީގުގެ އަޕްޑޭޓެއް ހޯދާލުމަށް މިއަދު "ސަން" އިން ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުތަށް ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ. އެ މީހުން ދެނެގަނެވިއްޖެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވިއެވެ.
މިފަދަ ހާދިސާތައް ރާއްޖޭގައި މީގެ ކުރިން ވެސް މަދުން ނަމަވެސް ހިނގާފައި އެބަހުއްޓެވެ. މި ހާދިސާ ހިނގި ހިޔާ ފްލެޓް ސަރަހައްދަކީ 7،000 ފްލެޓް ހިމެނޭ، އަދި 30،000 އަށް ވުރެ ގިނަ މީހުން އާބާދުވެ ދިރިއުޅެމުންދާ ސަރަހައްދެކެވެ.