ބަޔަކު ތިނަދޫ ކުޅިއަށް ކެމިކަލް ފެން ދޫކުރިކަމަށް ބުނެ ފިޔަވަޅު އަޅަން ހުށަހަޅަނީ

ބަޔަކު ތިނަދޫ ކުޅިއަށް ކެމިކަލް ފެން ދޫކުރިކަމަށް ބުނެ ފިޔަވަޅު އަޅަން ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފި --- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް؛ ފޭސްބުކް

ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅީގެ ތެރެއަށް ގާނޫނާއި ގަވާއިދާ ޚިލާފަށް، ކެމިކަލް ފެނާއި ސިމެންތި ފެން އަޅާފައިވާ މައްސަލައެއްގައި، ކުޅިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައި ފިޔަވަޅު އެޅުމަށް ތިނަދޫ ސިޓީ ކައުންސިލުން އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅަން މިއަދު ނިންމައިފިއެވެ.

ތިނަދޫ ސިޓީ ދެކުނު ސަރައްދުގައި އޮތް ކުޅީގެ ތެރެއަށް ގާނޫނާއި ޚިލާފަށް ކެމިކަލް ފެނާއި, ސިމެންތި ފެން އަޅައި, ކުޅިއަށް ގެއްލުންދޭ މައްސަލަ ބަލަމުންދާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެ ކައުންސިލުގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓާއެކު ކައުންސިލުން ވަނީ ވީޑިއޯ ވެސް ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި ކުޅީގެ ތެރެއަށް ފެން ދާ ގޮތަށް ދޫ ކޮށްްފައިވާ ފެންހޮޅިއެއް ފެންނައިރު އެ ފެން ހޮޅި ދޫކޮށްފައިވަނީ ކޮންސްޓްރަކްޝަން ސައިޓަކުންނެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކޮންސްޓްރަކްޝަން ސައިޓެއް ކަމެއް ނުވަތަ ކޮން ތަނެއްކަން ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

'ސަން' އިން ސުވާލުކުރުމުން ތިނަދޫ ސިޓީ ގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އެ މައްސަލަ ކައުންސިލުން ބަލައި ކުޅިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެންވަޔަރަމެންޓް މިނިސްްޓްރީއަށް މައްސަލަ ހުށަހަޅަން މިހާރު ނިންމައިފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު ކައުންސިލްގެ ލީގަލް ޑިޕާޓްމެންޓުން ކުރަމުންދާކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

ކެމިކަލާއި ސިމެންތި ފެނަކީ އޭގެ ސަބަބުން ނުރައްކާތެރި އަސަރު ކުރާ އެއްޗެއްކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުޅީގައި ހެދިފައިވާ ގަސްގަހާގެއްސަށާއި އެ ތަނުގައި ދިރިއުޅޭ ދޫނިސޫފާސުއިއްޕަށް ގެއްލުންތައް ކުރިމަތިވާނެކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓްރީއަށް ފައިންކޮށްދޭން ހުށާހަޅަން ނިންމައިފަައިވާނީ އަޅުގަނޑުމެން. އެ މަސައްކަތް ލީގަލް ޑިޕާޓްމެންޓުން އެބަކުރޭ މިހާރު. ކެމިކަލް ފެންވީމަ އެ ސަރައްދުގެ ދިރުންތަކަށާއި އެ ތަނުގައި ދިރިއުޅޭ ދޫނިތަކަށް ވެސް އޭގެ އަސަރުކުރާނެ. އެހެންވެ އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅަން އެބަ މިނިސްޓްރީއަށް.ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ރަށްރަށުގެ ގުދުރަތީ ދިރުންތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން މިފަދަ ގެއްލުންތައްދޭ މައްސަލަތައް މީގެ ކުރިން ވެސް ދޭތެރެއަކުން ފެންމަތިވެފައި އެބަހުއްޓެވެ.

comment ކޮމެންޓް