ވަގު ޑޮލަރުތަކެއް ގެންގުޅުނު ދިވެހި އަންހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ވަގު ޑޮލަރުތަކެއް ގެންގުޅުނު މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ، ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމްއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ، އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގެ ދައުވާއެވެ.
މިއީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޝަފުރާ އަބްދުﷲ އާދަމް، ހުސެއިން ޒައިދާން އަލީ ކިޔާ މީހަކާ އަދި އިތުރު ބަޔަކާއެކު ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރު ކުރި މައްސަލައެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި ހުސެއިން ޒައިދާން އަލީއަކީވެސް ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަމުގެ ތުހުމަތު އެކި ފަހަރު މަތިން ކުރެވިފައިވާ މީހެކެވެ. އޭނާ ހައްޔަރު ކުރި ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
މި މައްސަލައިގައި ޝަފުރާ އަތުން ސައްހަ ނޫން ޑޮލަރުތަކެއް ފެނިފައިވާކަން، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި މައްސަލައިގެ ޝަރިއަތުގައި އޭނާވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ވީހާވެސް ލުއި އަދަބެއް ދިނުމަށް އޭނާ އެދިފައިވެއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ، ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، މައްސަލައިގެ ތަހުގީގު މުއްދަތުގައި ޝަފުރާ ހައްޔަރުކޮށްފައި ހުރި، 43 ދުވަސް އުނިކުރުމުން އޭނާ މި މައްސަލައިގައި ތަންފީޒު ކުރަން ޖެހެނީ ދެ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ޝަފުރާއަކީ، ކުޑަކުއްޖެއް ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަންވެގެން ފުލުހުން ފޮޓޯއާއެކު އިއުލާންވެސް ކުރި އަންހެނެކެވެ.
މީގެ އިތުރުން، ޝަރުފާއަކީ ކުރިން، އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަންވެސް އިއުލާންކޮށްފައިވާ މީހެކެވެ.