ޕީޕީއެމްގެ އެކްޓިވިސްޓް ފުލުހުންނަށް އިންޒާރު ދިން މައްސަލަ ސާބިތެއް ނުވި

ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ދައުވާ ކުރި އަބްދުއްސަމަދު ޗެނަލް 13 އަށް އިންޓަވިޔުދެނީ

ޗެނެލް 13 އިން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންތަކެއް "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ޕީޕީއެމްގެ އެކްޓިވިސްޓްގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފިއެވެ.

ޗެނެލް 13 އިން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންތަކެއް "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި، ބިރު ދެއްކުމުގެ ދައުވާ އުފުލާފައިވަނީ، ގއ. ކޮލަމާފުށި، އަރާކުރި، އަބްދުއްސަމަދުގެ މައްޗަށެވެ. މި މައްސަލައިގައި އޭނާ ކުރިން ހައްޔަރުވެސް ކުރިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިނގި މި ހާދިސާއަކީ، ޗެނަލް 13 އިން ގެނެސްދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް "އެ ފުލުހުންތައް ކޮށާލާނެ" ކަމަށް ބުނެ އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އޭރު އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި އޮންނަތާ، ފަސް އަހަރު ފަހުން، މި ހިނގާ އޮގަސްޓް މަހު ހުކުމް ކުރީ، އެ މައްސަލައިގައި ކުރި ދައުވާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރިއަތަށް ސާބިތުނުވާ ކަމަށެވެ. މި މައްސަލައިގެ ހުކުމް އިއްވީ ފަނޑިޔާރު އިބްރާހީމް އިހްސާންއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ޝަރިއަތުގައި އަބްދުއްސަމަދު ވަނީ، ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ފުލުހުންނަށް ގެއްލުމެއް ދިނުމުގެ ގޮތުން، ނުވަތަ ބިރު ދެއްކުމުގެ ގޮތުން ނުވަތަ އިންޒާރު ދިނުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާނެ ކަމަށް ޝަރިއަތުގައި އަބްދުއްސަމަދު ބުނެފައިވެއެވެ.

މީގެ އިތުރުން، ޗެނަލް 13 އަށް ދިން އިންޓަވިޔުގައި އޭނާ މާނަކުރީ، ދޮގު ހެކިދޭ ފުލުހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، އެފަދަ ފުލުހުންނަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅު ނުވަތަ އަދަބު ދެވޭނެ ވާހަކަ ކަމަށެވެ.

comment ކޮމެންޓް