އާމިރު އާއި ސިދާތު އަދި ޓައިގާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނަށް؟

"ރޭސް ރިބޫޓް"އިން ފެންނާން ތިން ތަރިން ކަމަށްވާ ޓައިގާ ޝްރޮފް، ސިދާތު މަލްހޯތުރާ އަދި އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަގުބޫލު އެކްޝަން ތުރިލާ ފްރެންޗައިޒް "ރޭސް"ގެ އާ ފިލްމު "ރޭސް ރިބޫޓް"އިން ފިލްމީ ތަރިން ކަމަށްވާ އާމިރު ޚާން، ސިދާތު މަލްހޯތުރާ އަދި ޓައިގާ ޝްރޮފް ފުރަތަމަ ފަހަރަށް އެކުގައި ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގައި ސައިފް އަލީ ޚާން ލީޑް ރޯލު އަދާކޮށް ބޮޑު ތަރުހީބެއް ހޯދާފައިވާއިރު، ތިންވަނަ ފިލްމުން ފެނިގެންދިޔައީ ސަލްމާން ޚާނެވެ. ނަމަވެސް، ޓިޕްސް ފިލްމްސްގެ ރަމޭޝް ތައުރާނީ މިހާރު ތައްޔާރުވަމުންދަނީ މުޅިން އާ ކާސްޓަކާ އެކު، އާ މިސްރާބަކުން މި ސިލްސިލާ އަލުން ފެށުމަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން، މި މަޝްރޫއުގައި ސިދާތު އާއި ޓައިގާ ހިމެނޭކަން މީގެކުރިން ހާމަވެފައިވާއިރު، އެންމެ ފަހުން މި ފިލްމާ ގުޅިފައިވަނީ އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އާމިރު ޚާނެވެ.

ފިލްމު "ރޭސް 3"ގެ މަންޒަރެއްގައި ސަލްމާން ޚާން، ޑެއިޒީ ޝާހް އަދި ސާގިބް ސަލީމް--ފޮޓޯ/ވެރައިޓީ

މި ފިލްމުގެ ސްކްރިޕްޓް އާމިރަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު، އޭނާ ބޭނުންވާ ފެންވަރަށް ވާހަކަ ގެނައުމަށްޓަކައި ލިޔުންތެރިންނާ އެކު އަމަލީ ގޮތުން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އާމިރު ގަބޫލުކުރާ ގޮތުގައި މި ރިބޫޓްގެ ސަބަބުން މުޅި ފްރެންޗައިޒަށް އާ ދިރުމެއް ލިބި، ސިނަމާތަކަށް ވަރުގަދަ ތަޖުރިބާއެއް ގެނެސްދެވޭނެއެވެ.

"ރޭސް ރިބޫޓް" ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ، މީގެކުރިން އާމިރުގެ ކާމިޔާބު ފިލްމު "ދޫމް 3" އަދި "ތަގްސް އޮފް ހިންދުސްތާން" ވެސް ޑައިރެކްޓްކުރި ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ. މިއީ އެ ދެމީހުން އެކުގައި މަސައްކަތްކުރާ ތިންވަނަ އެކްޝަން ފިލްމެވެ.

ފިލްމު އުފައްދާ ފަރާތްތަކުގެ އަމާޒަކީ އިންޑިއާގައި މިހާތަނަށް ނުއުފައްދާ ފަދަ ވަރުގަދަ، ތަފާތު އެކްޝަން ތުރިލާއެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ފިލްމުގެ ކާސްޓިންގް ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ތަރިން ކަމަށްވާ އާމިރު، ސިދާތު އަދި ޓައިގާ އެކުގައި ފެނިގެންދާ މި ފިލްމަކީ މިހާރު ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު އިންތިޒާރެއް ކުރެވެމުންދާ އެއް ފިލްމީ މަސައްކަތެވެ.

comment ކޮމެންޓް