ގޫގުލްގެ އޭއައި މޯޑުން ފްލައިޓް އަގުތައް ބަލައި ހޮޓާ ބުކްކުރެވޭގޮތް ހަދައިފި

މި އަޕްޑޭޓާ އެކު، ގޫގުލްގެ "ޕްރައިސް ޓްރެކިން" ވަނީ ސީދާ އޭއައި މޯޑާ ގުޅުވައިލާފައި ----

ގޫގުލް ސާޗުގައި ހިމެނޭ "އޭއައި މޯޑް" އަށް ދަތުރުފަތުރާ ގުޅޭ މުހިންމު އައު ފީޗާތަކެއް ތަޢާރަފުކޮށް، ދަތުރުތައް ރޭވުމާއި ބުކިން ހެދުމުގެ އެހީތެރިއަކަށް އެ ޚިދުމަތް ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު ގޫގުލް ސާޗު ދޫކޮށް އެހެން ޕްލެޓްފޯމަކަށް ނުގޮސް، ސީދާ ޗެޓް މެދުވެރިކޮށް ދަތުރުގެ އެންމެހައި ކަންކަން ހަމަޖައްސައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި އައު އަޕްޑޭޓާ އެކު، ގޫގުލް ފްލައިޓްސްގެ އެންމެ މަޤްބޫލު އެއް ޚިދުމަތް ކަމަށްވާ "ޕްރައިސް ޓްރެކިން" ވަނީ ސީދާ އޭއައި މޯޑާ ގުޅުވައިލާފައެވެ. ދަތުރު ފަށާ ތަނާއި، ދާން ބޭނުންވާ މަންޒިލް އަދި ދަތުރުކުރާ ތާރީޚު، 300 އަށް ވުރެ ގިނަ ޕާޓްނަރު އެއާލައިންތަކާއި ޓްރެވަލް ވެބްސައިޓްތަކުގެ އެންމެ ފަހުގެ އަގުތައް ދައްކައިދޭނެއެވެ. އަދި އަގު ޓްރެކްކުރަން އެދުމުން، އެ ދަތުރެއްގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ އީމެއިލް މެދުވެރިކޮށް އެލާޓް ލިބޭނެއެވެ.

ގޫގުލް އިން ހާމަކުރި ގޮތުގައި ފްލައިޓް އަގު ޓްރެކްކުރާ ފީޗާ މިހާރު ދުނިޔޭގެ 180 އަށް ވުރެ ގިނަ ޤައުމާއި ސަރަޙައްދުތަކަށް ވަނީ ލިބެން ފަށާފައެވެ.

ގޫގުލްގެ މިޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ފުޅާ ކުރާނެ ---- ފޮޓޯ: ގޫގުލް

މީގެ އިތުރުން ފްލައިޓް އަދި ހޮޓާތަކަށް ޕޮއިންޓްސް ނުވަތަ މައިލްސް ބޭނުންކޮށްގެން އަގު އަދާކުރެވޭނެ މިންވަރު ބެލުމުގެ ފުރުޞަތު ވެސް މުޅި ދުނިޔެއަށް ވަނީ ހުޅުވާލާފައެވެ. ދަތުރުގެ ތަފްޞީލާއި ބޭނުންކުރަން ޤަޞްދުކުރާ ލޯޔަލްޓީ ޕްރޮގްރާމް ބަޔާންކުރުމުން، އެ ދަތުރަކަށް ބޭނުންވާނެ މައިލްސްގެ ޢަދަދު ދައްކައިދޭނެއެވެ.

މި ޚިދުމަތް މިހާރު އެލަސްކާ އެއާލައިންސް، ހަވާއިއަން އެއާލައިންސް، އެމެރިކަން އެއާލައިންސް، ޗޮއިސް ހޮޓެލްސް، ހިލްޓަން އަދި ވިންދަމް ހޮޓެލްސް ފަދަ ޕާޓްނަރުންނާ އެކު ލިބޭއިރު، ވަރަށް އަވަހަށް އެކޯ، ފްލައިން ބްލޫ، ހަޔަޓް، ލަޓަމް އެއާލައިންސް އަދި ލުފްތާންސާ ގްރޫޕް ވެސް މި ލިސްޓަށް އިތުރުވާނެއެވެ.

އައު ފީޗާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ސީދާ ސާޗުގެ ތެރެއިން ހޮޓާ ބުކްކުރުމުގެ ފުރުޞަތެވެ. ދާން ބޭނުންވާ ތަނާއި، ތާރީޚާއި، ބޭނުންވާ ޚާއްޞަ ކަންކަން ބުނެދިނުމުން، އެކަށޭނަ ހޮޓާތަކުގެ ލިސްޓާއި، މެހުމާނުންގެ ރިވިއުތަކާއި، އަޅާކިޔޭނެ މުހިންމު މަޢުލޫމާތުތައް އޭއައި މޯޑުން ފޯރުކޮށްދޭނެއެވެ. އެއަށްފަހު ގޫގުލް ޕޭ މެދުވެރިކޮށް ފައިސާ ދައްކައި، ބުކިން އެއްކޮށް ފުރިހަމަކުރެވޭނެއެވެ.

ހޮޓާ ބުކްކުރުމުގެ ޚިދުމަތް މިވަގުތު ތަޢާރަފުކޮށްފައިވަނީ އެމެރިކާގައި އިނގިރޭސި ބަހުން ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް ބުކިންގ.ކޮމް، އެކްސްޕީޑިއާ، ހޮޓެލްސް.ކޮމް، އައިއެޗްޖީ، މެރިއަޓް، ޕްރައިސްލައިން އަދި ޓްރިޕް.ކޮމް ފަދަ ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމްތަކާއި ހޮޓާ ޗެއިންތައް ގުޅުވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ގޫގުލް އިން މަޢުލޫމާތުދެއެވެ.

comment ކޮމެންޓް