ހިތަށް ހަމަޖެހުން ގެނެސްދޭނެ ކުޑަކުޑަ ޢަމަލެއް!

ޒިކުރު ކުރުމަކީ ވަކި ޚާއްސަ ތަނެއްގައި ނުވަތަ ވަކި ގަޑިއެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. --- ފޮޓޯ / އެޑިޝަން. އެމްވީ

އަހުރެމެންގެ ޙަޔާތުގައި ކުރެވޭނެ އެންމެ މަތިވެރި އަދި އެންމެ ފައިދާހުރި އެއް ޢަމަލަކީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. އެކަލާނގެ މަތިން ހަނދުމަކޮށް، ދުލުން ޒިކުރު ކުރުމަކީ ހިތަށް ހަމަޖެހުމާއި ރާހަތް ގެނެސްދޭނެ ކަމެކެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

‎﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾‏ (އައްރަޢުދު: 28).

މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟".

ޒިކުރު ކުރުމަކީ ވަކި ޚާއްސަ ތަނެއްގައި ނުވަތަ ވަކި ގަޑިއެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. (ފާޚާނާ ފަދަ ނަޖިސް ތަނެއްގައި ނުވަތަ ޒިކުރު ކުރުން މަނާވެގެންވާ ވަގުތެއް ފިޔަވައި) ކޮންމެ ވަގުތެއްގައި އަދި ކޮންމެ ޙާލަތެއްގައި ވެސް، ޒިކުރު ކުރުމުގައި ދޫ ތެތްކޮށް ބޭއްވިދާނެއެވެ. ޒިކުރު ކުރުމާމެދު ސަމާލުކަން ދޭ މީހާއަށް އެކަން ކުރާނެ ވަރަށް ރަނގަޅު ފުރުސަތުތައް ދިރިއުޅުމުގެ ތެރެއިން ފަހިވާނެއެވެ.

މިސާލަކަށް، ފިހާރައަކުން ނުވަތަ އޮފީހަކުން ޚިދުމަތެއް ހޯދަން ކިޔޫގައި ތިބޭ ވަގުތުތަކަކީ ޒިކުރު ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އާންމުކޮށް އަހުރެމެންނަށް ފެންނަ މަންޒަރަކީ، ކިއުތަކުގައި ނުވަތަ ވެއިޓިންގ އޭރިއާތަކުގައި ތިބޭއިރު، ތަނުގެ ޚިދުމަތް ލަސްވެގެން ނުވަތަ ސަރުކާރާއި ތަނުގެ ވެރިންނަށް އެއްޗެތި ކިޔައި، ފާޑުފާޑުގެ ޝަކުވާތައްކޮށް އަޑުގަދަކުރުމުގައި ވަގުތު ދުއްވާލާ މަންޒަރެވެ. ނަމަވެސް، އެފަދަ ރުޅިވެރިކަމާއި ނޭދެވޭ ވާހަކަތަކުގައި ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި، އެ ވަގުތުކޮޅު ހެޔޮ ޒިކުރަކުން ދޫ ތެތްކޮށްލުމަކީ ހިތަށާއި ސިކުނޑިއަށް ހަމަޖެހުމާއި އަރާމު ލިބޭނެ ކަމެކެވެ.

ހަމަ މިގޮތަށް، ވެހިކަލެއް ދުއްވާފައިދާ އިރުގައާއި މަގުމަތީގެ ތޮއްޖެހުމުގައި ނުވަތަ ސިގްނަލްތަކުގައި މަޑުކުރަންޖެހޭ ވަގުތުތަކުގައި ވެސް "سُبْحَانَ اللَّهِ"، "الْحَمْدُ لِلَّهِ"، ނުވަތަ "أَسْتَغْفِرُ اللَّهَ" ފަދަ ޒިކުރެއް ކިޔައިލެވޭނަމަ އެއީ ނުރުހުމާއި ރުޅިވެރިކަމާއި ލައިނުގަނެގެން އުޅުމާ ދުރުކޮށްދީ، ހިތަށް އަމާންކަމާއި ކެތްތެރިކަން ގެނެސްދޭނެ ޢަމަލެކެވެ.

މާތް ރަސޫލާ ﷺ ގެ އަރިހަށް ބޭކަލަކު ވަޑައިގެން، އިސްލާމްދީނުގެ ހެޔޮކަންކަން ގިނަކަމުން އެކަންކަމުގައި ހިފަހައްޓާނެ ފަސޭހަ ގޮތަކާމެދު ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.

((لا يزالُ لسانُك رطبًا من ذكرِ اللهِ)) (އައްތިރުމިޛީ: 3375).

މާނައީ: "ﷲ ހަނދުމަކުރުމުގައި ތިބާގެ ދޫ އަބަދު ވެސް ތެތްކަންމަތީ ބާއްވާށެވެ".

ހަމަ މިއާއެކު، ޒިކުރުކުރުމަކީ ނުހަނު ފަސޭހަ ނަމަވެސް އޭގެ ދަރުމައާއި ސަވާބު ބޮޑުވެގެންވާ ކަމެއްކަން ބަޔާންކުރައްވައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.

((كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ، سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ)) (ޞަޙީޙުލް ބުޚާރީ: 6682؛ ޞަޙީޙު މުސްލިމު: 2694).

މާނައީ: "ދޫމައްޗަށް ލުއި، (ޤިޔާމަތް ދުވަހުގެ) މީޒާނުގައި ބަރު، އަދި ރަޙްމާންވަންތަ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެ ކަލިމައެއްވެއެވެ. އެއީ: سُبْحَانَ اللَّهِ وَبِحَمْدِهِ ، سُبْحَانَ اللَّهِ الْعَظِيمِ އެވެ".

ޒިކުރުކުރާ މީހާއާއި ޒިކުރު ނުކުރާ މީހާގެ ތަފާތު ބަޔާންކުރައްވައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

((مَثَلُ الذي يَذكُرُ رَبَّه والذي لا يَذكُرُ رَبَّه مَثَلُ الحَيِّ والمَيِّتِ)) (ޞަޙީޙުލް ބުޚާރީ: 6407؛ ޞަޙީޙު މުސްލިމު: 779).

މާނައީ: "އެމީހެއްގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ".

ޒިކުރުކުރުން ދުވަހުގެ އާދައަކަށް ހަދައިފިނަމަ، ކޮންމެ ވަގުތަކު ވެސް ޒިކުރުކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެއެވެ. މިކަން ފަށާނީ އަމިއްލަ ނަފުސަށް ބުރައަކަށް ނުވާނެ ގޮތަށެވެ. އެންމެ ފުރަތަމަ ކުދިކުދި އަދި އެންމެ ޟަރޫރީ ޒިކުރުތަކުން ފަށާށެވެ. އެގޮތުން، ގެއިން ނުކުންނައިރުގައާއި ގެއަށް ވަންނައިރު އަދި މިސްކިތަށް އަރާއިރުގައާއި މިސްކިތުން ފައިބާއިރުގެ ދުޢާ ޒިކުރުތަކުން ފެށިދާނެއެވެ.

މިތަނުގައި، ޒިކުރާއެކު ދުޢާގެ ވާހަކަ އޮތުމުން އެއީ އެކައްޗެއްތޯ ނުވަތަ ދޭއްޗެއްތޯ ސުވާލު އުފެދިދާނެއެވެ. ޒިކުރާއި ދުޢާއަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައިވާ ދެ އަޅުކަމެކެވެ. ޒިކުރު ކުރުމަކީ ﷲ ތަޢާލާގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމަށް ޙަމްދާއި ޘަނާ ކިޔައި އެކަލާނގެ މަތިން ހަނދުމަކުރުމެވެ. އަދި ދުޢާއަކީ ދުނިޔެއާއި އާޚިރަތުގެ ބޭނުންތަކަށް އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވާ ދެންނެވުމެވެ.

ގެއިން ނުކުންނައިރު ނުވަތަ މިސްކިތަށް އަރާ ފައިބާއިރު ކިޔާ ކިޔުންތަކުގައި ދުޢާއާއި ޒިކުރު ވެސް އެކުލެވިގެންވެއެވެ. މިސާލަކަށް، "بسم الله" (ﷲ ގެ އިސްމުފުޅުން ފަށަމެވެ.) ކިޔައި އެކަލާނގެ ހަނދުމަކޮށްލުމަކީ ޒިކުރެވެ. އަދި "توكَّلْتُ على اللهِ" (ﷲ އަށް ވަކީލު ކޮށްފީމެވެ.) ކިޔައި ރައްކާތެރިކަމަށް އެދުމަކީ ދުޢާއެކެވެ. ވީމާ، ﷲ ހަނދުމަކުރެވޭ ކަމަށް ޓަކައި، ކޮންމެ ދުޢާއަކީ ވެސް ޒިކުރެކެވެ.

ކީރިތި ﷲ ހަނދުމަކުރުން ގިނަކުރުމަށް އަންގަވައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

‎﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا﴾ (އަލްއަޙްޒާބު: 41).

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ!".

މާތްﷲ އަށް ޒިކުރު ކުރާ ނުވަތަ އެކަލާނގެ ހަނދުމަކުރާ އަޅުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެފަދަ މީހާގެ މަތިން ﷲ ތަޢާލާ ވެސް ހަނދުމަކުރައްވާނެކަމަށް އަންގަވާފައިވުމެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿فَاذْكُرُونِي أَذْكُرْكُمْ﴾ (އަލްބަޤަރާ: 152).

މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ".

އަދި ޤުދްސީ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

((أَنَا مَعَ عَبْدِي مَا ذَكَرَنِي وَتَحَرَّكَتْ بِي شَفَتَاهُ)) (އިބުނު މާޖާ: 3792).

މާނައީ: "އަޅާ ތިމަންރަސްކަލާނގެ ހަނދުމަކޮށް އެކަމުގެ ސަބަބުން ތުންފަތް ޙަރަކާތްކުރާ ހިނދު، ތިމަންރަސްކަލާނގެ އެ އަޅާއާއެކު ވޮޑިގެންވަމެވެ."

ޒިކުރުކުރުމުގެ ފައިދާ މިހާ ބޮޑު އިރު، މިކަމާމެދު ސަމާލުކަމެއް ދީގެން އަހުރެމެންގެ ވަގުތުތައް ހޭދަކުރަމާ ހިނގާށެވެ. ދުޢާއާއި ޒިކުރު ކުރުމަށް ޚާއްސަވެފައިވާ ވަގުތުތަކުގެ އިތުރުން ވެސް، ލިބޭ ހުސްވަގުތަކުގައާއި ޚިދުމަތުގެ ކިޔޫތަކުގައި ތިބޭއިރުގައި އަދި ސަވާރީގައި ދުއްވާފައިދާ އިރު ވެސް ޒިކުރު ކުރުމުގައި ދެމި ތިބުން އާދަކުރަމާ ހިނގާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް