ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން އުފެދިފައިވާ ބޮޑު ފެންގަނޑެއްގެ ސަބަބުން 162 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާއިރު، ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ހެލިކޮޕްޓަރު ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިއްޔެ ހިނގި މި ކާރިސާގައި ފެންގަނޑު ވަނީ ރަށްތަކާއި ވާދީތަކުގެ ތެރެއިންލާފައި ގޮސްފައެވެ.
ނޭޕާލުގެ ފުލުހުންގެ ތަރުޖަމާނު އަބީ ނާރާޔަން ކަފްލޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވުމާއެކު، ކުރިއަށްދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާގައި ގެއްލުނު 579 ފަތުރުވެރިންގެ ތެރޭގައި 400 އަށް ވުރެ ގިނަ ބިދޭސީން ހިމެނޭ ކަމަށް ނޭޕާލުގެ ޓޫރިޒަމް ބޯޑުން ބުނެފައިވެއެވެ. އެ ބޯޑުގެ ތަރުޖަމާނު ސުނިލް ޝަރްމާ އޭޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި އެމެރިކާގެ 47 މީހުންނާއި، އޮސްޓްރޭލިއާގެ 34 މީހުންނާއި، އިނގިރޭސިވިލާތުގެ 33 މީހުންގެ އިތުރުން ކެނެޑާގެ 24 މީހުން ހިމެނެއެވެ.
މީގެ އިތުރުން، ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ޖިރޮންގް ކައުންޓީން 558 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 260 ބިދޭސީން ހިމެނޭއިރު، ތިން މީހަކު މަރުވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް ދެ ގައުމުން އާންމުކޮށްފައިވާ އަދަދުތަކަކީ އެއް ބައެއްކަން އަދި ކަށަވަރެއް ނުވެއެވެ.
މި ހާދިސާގައި ގެއްލުނު ގިނަ ބަޔަކީ ޓިބެޓްގައި އޮންނަ ކައިލާޝް މަންސަރޯވަރަށް ޒިޔާރަތްކުރަމުންދިޔަ މީހުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ޖިރޮންގް ބޯޑަރު ހުރަސްކުރާ ސަރަހައްދުގެ އިތުރުން، ނޭޕާލުގެ ރަސުވާ އަދި ނުވާކޮޓް ޑިސްޓްރިކްޓްގެ ގެތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ.
މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބާ ގުޅޭގޮތުން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފައިވަނީ، ފުރަތަމަ 4.4 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ރިޕޯޓުކުރެވުނު ނަމަވެސް، އެއީ ގަނޑުފެނާއި ހިލަގަނޑެއް ވެއްޓުމުގެ ސަބަބުން އުފެދުނު ލޮޅުމެއް ކަމަށެވެ. ޕްލެނެޓް ލެބްސްގެ ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި، ނޭޕާލާއި ޗައިނާ ގުޅޭ ރަސުވާގަދީ ބޯޑަރުގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ލެންޑޭ ކޯރަށް ވަނީ ކިސަޑާއި ހިލަ ފައިބައިފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ނޭޕާލުގެ ހައިޑްރޯޕަވާ ޕްލާންޓްތަކަށް ގެއްލުންވެ، ކަރަންޓު ކެނޑިފައިވާއިރު، މީހުން ސަލާމަތްކުރާ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މޯބައިލް ފޯނުގެ އަލީގައެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުންދާ އުމުރުން 68 އަހަރުގެ ކޭޝަވް ޕްރަސާދު ބަރާލް ބުނި ގޮތުގައި، އޭނާގެ ގެއަށް ކިސަޑުގަނޑު ވަދެގަތް ވަގުތު އޭނާގެ އަންހެނުން ވަނީ އޮޔާ ގޮސްފައެވެ. އަދި އެހެން މީހަކު ބުނި ގޮތުގައި އޭނާ ސަލާމަތްވީ އަނބު ގަހެއްގައި ހިފަހައްޓައިގެން ހުރުމުންނެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިސަޑު ފޭބުމުގެ ސަބަބުން ޖިރޮންގް ޕޯޓަށް ގެއްލުންވެ، ޝިގަޓްސޭ ސަރަހައްދުގެ މުވާސަލާތީ ގުޅުންތައް ވަނީ ކެނޑިފައެވެ.
މި ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ފަށާފައެވެ. ނޭޕާލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެޓް ވިދާޅުވި ގޮތުގައި، އިންޑިއާއިން ފޯރުކޮށްދީފައިވާ ޓެންޓާއި ކާބޯތަކެތި ހެލިކޮޕްޓަރު މެދުވެރިކޮށް ދަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، ކާރިސާތަކާ ގުޅޭ ލަފާދޭ މާހިރެއް ފޮނުވުމުގެ އިތުރުން 500،000 ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް އދ.ގެ ޓީމުތަކުން ދަނީ ސާމާނާއި މީހުން ފޮނުވަމުންނެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ހާލަތު ގާތުން ބައްލަވަމުންދާ ކަމަށް ވިދާޅުވެފައެވެ.
ދެކުނު ކޮރެއާއިން ބުނެފައިވަނީ ހައިޑްރޯޕަވަރ ޕްލާންޓެއްގައި މަސައްކަތްކުރަމުންދިޔަ އެ ގައުމުގެ އަށް މީހަކު ގެއްލިފައިވާ ކަމަށެވެ. މެލޭޝިއާއާއި ޖަޕާނުން ވެސް ވަނީ އެ ގައުމުތަކުގެ ބައެއް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.