އައްޑޫގައި ކާނާވިހަވުން: ހުރިހާ ކުދިންގެ ހާލު ރަނގަޅުވެ، ދޫކޮށްލައިފި

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕް: ކާނާ ވިހަވި ހުރިހާ ކުދިން މިހާރު ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި --- ފޮޓޯ/ ފޭދޫ ސްކޫލް

އައްޑޫ، ފޭދޫ ސުކޫލުގެ ކެޑޭޓު ކޭމްޕުގައި އުޅެނިކޮށް، މިދިޔަ ހޯމަ ދުވަހު ކާނާ ވިހަވި ހުރިހާ ކުދިން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

އެ ކޭމްޕުގައި އުޅެނިކޮށް، ހޮޑުލުމާއި ބޭރަށް ހިންގުމުގެ އަލާމާތްތައް ފެނިގެން އައްޑޫގެ އެކި ސިއްހީ ފަރުވާދޭ ތަންތަނުގައި 31 ދަރިވަރުން އެޑުމިޓުކުރިއެވެ. އެ ދަރިވަރުން އެޑުމިޓުކުރީ، ފޭދޫ ސިއްހީ މަރުކަޒާއި މަރަދޫ ސިއްހީ މަރުކަޒުގެ އިތުރުން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައެވެ.

އޭއީއެޗުން މިއަދު 'ސަން'އަށް ބުނީ، ހުރިހާ ކުދިންގެ ހާލު ރަނގަޅުވެ، މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އޭއީއެޗުން ވަނީ އެ ދަރިވަރުން ބަލިވީ ކާނާ ވިހަވެގެން ކަން ޔަގީންކޮށްދީފައެވެ. ނަމަވެސް، އެއީ ކޮން އެއްޗެއް ކައިގެން ދިމާވި ކަމެއްކަން ސީދާ ޔަގީންވާނީ ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

'ސަން'އަށް ބެލެނިވެރިއަކު މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ބަލިވީ ފޭދޫ ސްކޫލުގެ ގްރޭޑް ހަތަކާއި އަށެއްގެ ދަރިވަރުންތަކެކެވެ.

comment ކޮމެންޓް