އެޕަލްގެ އައު އުފެއްދުންތައް ތައާރަފުކުރާ އިވެންޓް އަންނަ މަހު 9ގައި

މި އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން 18ގެ އެކި ފޯނުތައް ދައްކާލާނެ ---

އެޕަލް ކުންފުނީގެ އަހަރީ އައިފޯން އިވެންޓް އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ކުންފުނިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ކެލިފޯނިއާގެ ކިއުޕަޓީނޯގައި ހުންނަ އެޕަލް ޕާކް ކެމްޕަހުގައި ބާއްވާ މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ޕެސިފިކް ގަޑިން ހެނދުނު 10:00 ގައެވެ. އެއީ ރާއްޖޭ ގަޑިން ރޭގަނޑު 10:00 އެވެ.

"ސަޕްރައިޒް އެންޑް ޝައިން"ގެ ޝިއާރުގެ ދަށުން ބާއްވާ މި ހަފުލާގެ ދަޢުވަތު މީޑިއާގެ ޚާއްޞަ ފަރާތްތަކަށް މިހާރު ވަނީ ފޮނުވާފައެވެ.

މި އިވެންޓުގައި އެޕަލްގެ އެންމެ ފަހުގެ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގެ އިތުރުން މުޅިން އަލަށް ތަޢާރަފުކުރާ ފޯލްޑަބަލް އައިފޯން (އައިފޯން އަލްޓްރާ) ދައްކާލާނެއެވެ. މި އަހަރު އަގުހެޔޮ އައިފޯން 18 އެއް ބާޒާރަށް ނުނެރޭނެ ކަމަށާއި، އެ މޮޑެލްތައް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލަށް ތަޢާރަފުކުރާ ހުރިހާ އައިފޯނެއްގައި ވެސް ބޭނުންކުރާނީ ދެ ނެނޯމީޓަރު ޓެކްނޮލޮޖީގައި އުފައްދާފައިވާ އޭ20 ޕްރޯ ޗިޕެވެ. މީގެ އިތުރުން އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ވޭރިއަބަލް އެޕާޗާ ކެމެރާ ސިސްޓަމެއް ހިމެނޭނެ ކަމަށް ބެލެވޭއިރު، ދުނިޔޭގެ މެމޮރީ ޝޯޓޭޖްގެ ސަބަބުން މި ފޯނުތަކުގެ އަގު އުފުލޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނެރުނު އައިފޯން އެކްސް އަށްފަހު އެޕަލްގެ ޑިޒައިނަށް ގެންނަ އެންމެ ބޮޑު ބަދަލަކީ ފޯލްޑަބަލް އައިފޯނެވެ. ފޮތެއްހެން ލައްޕާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ފޯނު ލައްޕާފައި އޮންނައިރު 5.5 އިންޗި އަދި ހުޅުވާލުމުން 7.6 އިންޗި ހުންނާނެއެވެ. މި ޑިވައިސް ވަރަށް ތުނިކޮށް ހެދުމުގެ ސަބަބުން ފޭސް އައިޑީގެ ބަދަލުގައި ބޭނުންކުރާނީ ޓަޗް އައިޑީ ކަމަށާއި، މީގައި ޓެލެފޮޓޯ ކެމެރާއެއް ނުހުންނާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހަފުލާގައި އައިފޯނުގެ އިތުރުން އެޕަލް ވޮޗް ސީރީޒް 12 އާއި އެޕަލް ވޮޗް އަލްޓްރާ 4 ވެސް ދައްކާލާނެއެވެ. އަދި އާ އެޕަލް ޓީވީ 4ކޭ، ހޯމްޕޮޑް މިނީ އަދި ގޭތެރޭގައި ބޭނުންކުރާ ސްމާޓް ހޯމް ހަބެއްވެސް ތަޢާރަފުކުރުމުގެ ފުރުޞަތު އެބައޮތެވެ. މީގެއިތުރުން އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމްތައް ކަމަށްވާ އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް ގޯލްޑަން ގޭޓް ނެރޭނެ ތާރީޚުތައް އިޢުލާނުކުރާނެއެވެ.

މި އިވެންޓް ވަގުތުން ބެލުމުގެ ފުރުޞަތު އެޕަލްގެ ރަސްމީ ވެބްސައިޓުންނާއި ޔޫޓިއުބް އަދި އެޕަލް ޓީވީ އެޕް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެއެވެ.

comment ކޮމެންޓް