ސުނީތާގެ ސައިކަލަށް ތަކުރާރުކޮށް ގެއްލުން ދެނީ

ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގައި ސުނީތާ ---ފޮޓޯ/ފޭސްބުކް

ނެށުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ސުނީތާ އަލީ (ސުނީ) ދުއްވާ ސައިކަލަށް ތަކުރާރުކޮށް ބަޔަކު ގަސްތުގައި ގެއްލުންދެމުންދާ ކަމަށް ބުނެ، އޭނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މުނިފޫހިފިލުވުމާއި ވިޔަފާރީގެ ދާއިރާއިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސުނީ ބުނީ، މިއީ އޭނާއަށް އަމާޒުކޮށް، ހަސަދަވެރިކަމުގެ ތެރެއިން ބަޔަކު ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް މިހާރު ގަބޫލުކުރެވޭކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ހާމަކުރަމުން ސުނީ ބުނީ، އޭނާއަކީ އެއްވެސް މީހަކަށް އުނދަގުލެއް ނުފޯރުވައި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ސުލްހަވެރިކަމާ އެކު ދިރިއުޅެމުން އަންނަ ފަރާތެއް ކަމަށެވެ. އެހެންކަމުން، އޭނާއާ މެދު އެއްވެސް ފަރާތަކުން އަދާވާތްތެރިކަމެއް ނުވަތަ ހަސަދައެއް ގެންގުޅެންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ސިލްސިލާ ހާދިސާތަކުގެ ފެށުމަށް އަލިއަޅުވާލަމުން ސުނީ ބުނީ، މިފަދަ ކަންކަން ފާހަގަވާން ފެށީ މީގެ ދެ އަހަރު ކުރިން، އޭނާ އެހެން މީހެއްގެ ސައިކަލެއްގައި ސިނަމާލެ ބްރިޖު ހުރަސްކޮށް ދަތުރުކުރި ހިސާބުން ކަމަށެވެ. އެ ދުވަހު ބަޔަކު ސައިކަލުގެ ފޮޓޯއެއް ނަގައި، ނަންބޯޑު ފޮހެލުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރި ކަމަށާއި، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ސައިކަލުގެ ނަންބޯޑު ބިންދާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އަދި އޭގެ ފަހުން އިތުރު ނަންބޯޑެއް ހަރުކޮށް، ސައިކަލުގެ ވެރިފަރާތާ ހަވާލުކުރި ފަހުންވެސް އެ ބޯޑު ވަގަށް ނަގާފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

މީގެއިތުރުން، 2024 ވަނަ އަހަރުގެ ތެރޭގައި ސުނީގެ އަމިއްލަ ސައިކަލުގެ ނަންބޯޑު ވެސް އެކި ފަހަރު މަތިން ހަލާކުކޮށް، ބިންދައި އަދި ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ހަމަ އެ އަހަރު އޭނާގެ ފިހާރަ ފަޅާލާފައިވާތީ، މިއީ އިއްތިފާގަކަށްވުރެ ބޮޑަށް، އޭނާއަށް އަމާޒުކޮށް ގަސްތުގައި ދެމުންދާ ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށްވެސް ސުނީ އާއްމުކުރި ވީޑިއޯގައި ވަނީ ބުނެފައެވެ.

ސުނީ ބުނި ގޮތުގައި މިހާރު އޭނާ ބޭނުންކުރަމުންދަނީ ނެގިތާ އެންމެ ތިން މަސްދުވަސްވީ އާ ސައިކަލެކެވެ. ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައިވެސް ދެ ފަހަރަށް ނަންބޯޑު ހަދަން ޖެހުނު ކަމަށާއި، އަދި މިދިޔަ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އަނެއްކާވެސް އެ ސައިކަލުގެ ނަންބޯޑު ގެއްލިފައިވާތީ މިހާރު ނުހަނު ކަންބޮޑުވާ ކަމަށް އޭނާ ހާމަކުރިއެވެ.

"އަޅުގަނޑާ ދެކޮޅުވެރިކަމެއް ނުވަތަ ނަފުރަތެއް އޮތް ނަމަވެސް، ފިލައި ތިބެ މިފަދަ ކަންކަން ކުރުމުގެ ބަދަލުގައި ސީދާ ކުރިމައްޗަށް އައިސް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އެދެން. އެއީ ސައިކަލު ބޭނުންވެގެން އުޅޭ ކަމެއް ކަމުގައި ވިޔަސް ސައިކަލުވެސް ދީފާނަން،" ސުނީ ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިންވެސް ކުރިމަތިވި އެކި ގޮންޖެހުންތަކާ މެދު އޭނާ ވަނީ ކެތްތެރިކަން އިސްކޮށް، މަސައްކަތުގައި ކުރިއަށް ގޮސްފައެވެ.

ސުނީތާ އަކީ ނެށުމާއި ލަވަކިޔުމުގެ އިތުރުން އެކްޓިންގެ ދާއިރާއިންވެސް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ. ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާގެ ފޭނެއްގެ ގޮތުގައި ފާހަގަކުރެވޭ ސުނީއަކީ، އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ، އަދި "ސުނީސް ކިޗަން"ގެ ނަމުގައި ކާމިޔާބު ކާބޯތަކެތީގެ ވިޔަފާރިއެއްވެސް ހިންގަމުން އަންނަ ހީވާގި ކަނބަލެކެވެ.

މީގެއިތުރުން "އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު 2020/2021"ގައި ސުނީތާއަށް ވަނީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމެންޑް އެޗީވާ އެވޯޑް"ގެ ޝަރަފު ވެސް ލިބިފައެވެ. ރާއްޖޭގެ މަޝްހޫރު އެއް ކޮރިއޯގްރާފަރުން ތެރޭގައި ހިމެނޭ ސުނީ އަކީ އެތައް ވީޑިއޯ ލަވައެއް އާއްމުންނާ ހަމައަށް ގެނެސްދީ އޭނާގެ އަމިއްލަ އަލްބަމެއް ނެރެފައިވާ ފަންނާނެކެވެ.

comment ކޮމެންޓް