އުއްމީދަކީ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ބުރިޖުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހިސާބުގައިކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ މަސައްކަތާ ހަވާލުވީ މަސައްކަތް ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވި ފަހުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ އެ މަނިކުފާނު އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވެސް ބުރިޖުގެ ޕްރޮޖެކްޓު، ކާމިޔާބުކަމާއެކު ތަންފީޒުކުރަން ބޭނުންވާކަމަށް ވިދާޅުވިކަން ފާހަގަކުރައްވައިފައެވެ.

ތިލަމާލެ ބްރިޖުގައި މާލެއާއި ވިލިމާލެ ދެމެދު އެންމެ ފަހު ސެގްމަންޓު ގުޅުވާލުން: އުންމީދަކީ އަހަރުދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖު ތިލަފުއްޓާ ހަމައަށް ނިމުން ކަމަށް ރައީސް ވިދާޅި --- ފޮޓޯ/ ހައުސިން މިނިސްޓްރީ
އެ މަނިކުފާނު އިސްވެ ހުށަހަޅުއްވައިގެން، ބުރިޖުގެ މަސައްކަތް ބެލުމަށް ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ ކޮމިޓީއެއް އުފެއްދެވިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ޕްރޮޖެކްޓާއެކު [ތިލަމާލެ ބުރިޖު] ދެންވެސް ހުރި މުހިންމު ކަންކަމުގައި ހައިލެވެލް ކޮމެޓީއެއްް ހިނގާށޭ ހަދަން އަޅުގަނޑު ހުށަހެޅީ. އެ ހުށަހެޅުމުގެ ނަތީޖާއެއްގެ ގޮތުން ހައިލެވެލް ކޮމެޓީއެއް ހެދީ. ބައިވަރު ކަންތައްތައް ފެށިގެންދިޔައީ. މި ސަރުކާރުން އިންފްރަސްޓްރަކްޗާ މިނިސްޓްރީން ފުރަތަމަ ދުވަހުން ފެށިގެން މިކަމަށް ވަރަށް އިސްކަންދޭ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ ބުރިޖުގެ މަސައްކަތްތައް ސީދާ އިންފްރާސްޓްރަކްޗާ މިނިސްޓްރީން، މިނިސްޓަރާއި މިނިސްޓަރުގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެ މަނިކުފާނުގެ ބެލުމުގެ ދަށުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދިޔައިރު، އެ މަސައްކަތް ވަރަށް ގާތުން ބެއްލެވިކަމަށާއި ހަފުތާއަކު އެއް ދުވަހު ސައިޓަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް ބައްލަވައިފައި ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމްގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ރައީސް ވަނީ އުންމީދަކީ އަހަރުދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ ތިލަފުއްޓާ ހަމައަށް ނިމުން ކަމަށް ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް
އެހެންކަމުން މި ބުރިޖުގެ މަސައްކަތް ވެސް އެ މަނިކުފާނު ބޭނުންވީ އެގޮތަށް ކުރުމަށް ކަމަށާއި މި ސަރުކާރުން ހަވާލުވިއިރު ނިމިފައި އޮތް ހިސާބުން ފެށިގެން މިއަދާ ހަމައަށް، މާލެއާ ވިލިމާލެއާ ދެމެދު މިހާރު ގުޅުވާލެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ވިލިނގިލިން ގޮސް ދެން ހުރިބައިތައް ވެސް ވަރަށް ބޮޑަށް ނިމިއްޖެ. އަޅުގަނޑުގެ އުންމީދު އެބައޮތް ދެން ސީދާ ތާރީޚެއް އަޅުގަނޑަށް ދަންނަވަން ނޭނގެ. އެހެންނަމަވެސް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ބުރިޖުގެ ޕްރޮޖެކްޓު އެއްކޮށް ނިމޭނެ ކަމަށް އުއްމީދު ކުރަން އަޅުގަނޑު 2027ގެ ތެރޭގައި. އެއްކޮށް ނިމިގެން އަޅުގަނޑުމެންނަށް ތިލަފުއްޓާ ހަމައަށް މުޅި ޕްރޮޖެކްޓް އެއްކޮށް ނިމޭނެ ކަމަށް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.
އެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ ސުޕަސްޓްރަކްޗާގެ އެންމެ ފަހު ސެގްމަންޓް ކާމިޔާބުކަމާއެކު ބަހައްޓައި، މާލެ އާއި ވިލިމާލެ ކަނޑުމަގުން ގުޅާލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.