ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މާކްސް ދިންއިރު، އިންސާނީ ހައްގުތަކުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅާއަށް ވުރެ ކުރި ހޯއްދަވައިގެން އެއްވަނަ މާކްސް މިއުޒިކުގެ ދާއިރާއިން ކިޔަވާވިދާޅުވި ބޭފުޅާއަށް ލިބިވަޑައިގެންފިއެވެ.
މިކަން ހާމަވެފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލަ ދިރާސާކޮށް މި މަހުގެ 20 ވަނަ ދުވަހު ނިންމައި ޝާއިއުކޮށްފައިވާ ރިޕޯޓުންނެވެ.
މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އިންޓަވިއުކުރާ ފަރާތްތަކަށް މާކްސް ދޭ މިންގަނޑުގައި އެންމެ މަތީ މާކްސް ކަނޑައަޅާފައިވަނީ ހާސިލްކޮށްފައިވާ ތައުލީމާއި، މަގާމުގެ މަސައްކަތާ ހުރި ގުޅުން ސާބިތުކޮށްދެވިފައިވާ މިންވަރަށެވެ. އެއީ 20 މާކްސްއެވެ.
ދެވަނައަށް އެންމެ ގިނައިން މާކްސް ލިބެނީ ލިބިފައިވާ ތަޖުރިބާއާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކުވައިދީފައިވާ މިންވަރަށް ކަނޑައަޅާފައިވާ 15 މާކްސްއެވެ. މީގެ އިތުރުން 10 މާކުހާއި 15 މާކުހުގެ އެހެން ބޭންޑުތައް ހިމަނައިގެން ޖުމްލަ 100 މާކްސްގެ މައްޗަށް މިންގަނޑު ވަނީ އެކުލަވާލާފައެވެ.
ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން %92 މާކްސްއާއެކު އެއްވަނަ ލިބިވަޑައިގަތީ ހ. މީނާޒް، ޝަމްއޫން ހަމީދަށެވެ. އަދި %86 މާކްސްއާއެކު ދެވަނަ ލިބިވަޑައިގަތީ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބަށެވެ. ސަމާއުއަކީ މިހާރު ވެސް އެޗްއާރްސީއެމްގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ.
ޝަމްއޫން ހަމީދަކީ ދައުލަތުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި، އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ހިމެނެއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު: --- ފޮޓޯ: މަޖިލިސް
މި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ މާކްސް ދިނުމުގައި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޒިޔާދު ވިދާޅުވީ ދެ ބޭފުޅުންނަކީ ވެސް ގާބިލު ދެ ބޭފުޅުން ކަމަށް ވިޔަސް، މަގާމާ ގުޅޭ ތައުލީމަށް އެންމެ މަތިން މާކްސް ދޭން އޮންނައިރު، 92 ޕަސެންޓް ލިބިވަޑައިގެންނެވި ބޭފުޅާ މާސްޓާސް ހައްދަވާފައިވަނީ މިއުޒިކުގެ ދާއިރާއިން ކަމަށެވެ. އަދި 86 ޕަސެންޓް ލިބިވަޑައިގެންނެވި ބޭފުޅާ ތައުލީމު ހާސިލްކުރައްވާފައިވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ހިއުމަން ރައިޓްސް ލޯގެ ދާއިރާއިން މާސްޓާސްއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މާކްސް ދިން އިރުގައި ހިތާމައަކީ، މި ވިދާޅުވާ މަގާމާ ގުޅުން ހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާ، މިއުޒިކަށާއި، ހިއުމަން ރައިޓްސް ލޯއާ އެއްވަރެއް، ނުވަތަ ހިއުމަން ރައިޓްސް ލޯއަށް ވުރެ ގިނައިން، މިއުޒިކަށް މާކްސް ލިބިފައި އޮތީމަ،" ރައީސް އޮފީހުން ފޮނުވާ ލިސްޓުގެ އެއްވަނައިގައި އޮތުމުން މާކްސް ގިނަކޮށްދޭ ސަގާފަތަށް ފާޑުވިދާޅުވަމުން ޒިޔާދު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް: --- ފޮޓޯ: މަޖިލިސް
ޒިޔާދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ދެ ބޭފުޅުންނަކީ ވެސް ވަރަށް ގާބިލު ދެ ބޭފުޅުން ކަމަށެވެ.
އަދި މަގާމާ ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމަށް 20 މާކްސް ކަނޑައެޅިފައި އޮތް ނަމަވެސް، މުޅި ޖުމްލަ މާކްސް ބިނާވަނީ އިތުރު އެހެން ދާއިރާތަކަށް ވެސް ދެވޭ މާކްސްގެ މައްޗަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ކޮމިޓީން މާކްސް ދިނުމުގައި ތައުލީމީ ބަޔަށް ފުލް މާކްސް ދިން ކަމުގައި ވިޔަސް، ދެން ހުރި ހަތަރު ފަސް ދާއިރާއަކުން ދެވޭ މާކްސްތަކުގެ ސަބަބުން ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ އަދި ބުއްދި ގަބޫލުކުރާ ހަމައެއް ކަމަށެވެ.