އެމްއެޗްއޭގެ 30 މިލިއަން ރުފިޔާގެ ސުކޫކު ވިއްކާ ނިންމައިފި

ހުޅުމާލޭގައި ތަރައްގީކުރާ "އެމްއެޗްއޭ ޕްރޮމެނާޑް" އިމާރާތްކުރުމަށް ފައިނޭންސް ހޯދުމުގެ ގޮތުން އެމްއެޗްއޭއިން ދޫކުރި 30 މިލިއަން ރުފިޔާގެ ސުކޫކު ކާމިޔާބުކަމާއެކު ވިއްކާ ނިންމައިފިއެވެ.

މިއީ ޕެރެލަލް އިސްތިސްނާ އުސޫލުން ދޫކޮށްފައިވާ ސުކޫކެކެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރި މި ސުކޫކުގެ ޕްރޮފިޓް ރޭޓަކީ އަހަރަކު އަށް ޕަސެންޓެވެ. މި ސުކޫކުގައި އިންވެސްޓްކުރި ފަރާތްތަކަށް ބައިއެނުއަލްކޮށް، ނުވަތަ އަހަރަކު ދެ ފަހަރު ރިޓާން ލިބޭނެއެވެ. މި އިޝޫގައި ޖުމްލަ 30،000 ސުކޫކު ހިމެނޭއިރު، ކޮންމެ ސުކޫކެއްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާއެވެ.

އެމްއެޗްއޭގެ ސުކޫކުގައި ރީޓެއިލް އިންވެސްޓަރުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ވަނީ އިންވެސްޓްކޮށްފައެވެ. މި ސުކޫކަށް ލިބުނު ބޮޑު ތަރުހީބުން ދޭހަވަނީ، އެމްއެޗްއޭގެ ކުރިމަގުގެ ތަސައްވަރަށާއި، ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރުމަށް ލިބޭ ޝަރީއާ ކޮމްޕްލަޔަންޓް ޕްރޮޑަކްޓްތަކަށް އިންވެސްޓަރުން ކުރާ އިތުބާރު ބޮޑުވަމުންދާކަން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ސުކޫކު އިޝޫއިން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އެމްއެޗްއޭގެ ރީޓެއިލް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންތައް ފުޅާކުރުމަށް ތަރައްގީކުރާ ކޮމާޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއް ކަމަށްވާ އެމްއެޗްއޭ ޕްރޮމެނާޑް އަށެވެ. މި މަޝްރޫއުގެ ދަށުން ރީޓެއިލް އަދި ލޮޖިސްޓިކްސް ކޮމްޕްލެކްސްއެއް އެޅުމަށް ރޭވިފައިވާއިރު، އެތަނުގައި ހޯލްސޭލް އަދި ޑިސްޓްރިބިއުޝަން ސެންޓަރުތަކާއި، ޝޯރޫމް އައުޓްލެޓްތަކާއި، ސްޓޯރޭޖް ފެސިލިޓީތަކުގެ އިތުރުން އޮފީސް ޖާގަތައް ހިމެނޭނެއެވެ. މިއީ އެމްއެޗްއޭގެ ފުޅާވަމުންދާ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސުކޫކު އިޝޫ ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ގަޔާވާ، ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ.

"އާބާދީއަށް އައި ބަދަލުތަކާއެކު އާއިލާއާއި ރައްޓެހިން އަދި ކޮމިއުނިޓީ ވަގުތު ހޭދަކޮށްލަން ދާނެ ހިތްގައިމު ތަންތަން ބޭނުންވޭ. އެމްއެޗްއޭ ޕްރޮމެނާޑް ތަރައްގީކުރެވެނީ މި ހިޔާލާއެކު، އާއިލާތަކަށް މުހިންމުކަންދޭ، ޒަމާނީ ތަނެއްގެ ގޮތުގައި؛ މީހުން އެއްތަނަކަށް ޖަމާވެ، ގުޅުންތައް ބަދަހިކޮށް، ވަގުތުކޮޅެއް އެކުއެކީގައި ހޭދަކުރެވޭ މަންޒިލެއްގެ ގޮތުގައި،" ސޮފްވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ސުކޫކު އިޝޫ ކާމިޔާބުކަމާއެކު ނިންމާލެވުމަކީ އެ ކުންފުންޏާމެދު އިންވެސްޓަރުން އިތުބާރުކުރާ މިންވަރު ދައްކައިދޭ ކަމެކެވެ.

ފަސްޓް ނެޝަނަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަސަން ޒިޔާތު ވިދާޅުވި ގޮތުގައި، އެމްއެޗްއޭ ސުކޫކު ފުރިހަމައަށް ސަބްސްކްރައިބްވެ، ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ކެޕިޓަލް މާކެޓުގައި ޝަރީއާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް ފުރުސަތުތައް ހިޔާރުކުރުން އިތުރުވަމުންދާކަން ދައްކައިދޭ މުހިންމު ކާމިޔާބީއެކެވެ. އަދި ހާއްސަކޮށް ރީޓެއިލް އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން މި އިޝޫގައި ބައިވެރިވެފައިވުމަކީ ކެޕިޓަލް މާކެޓަށް އަނެއްކާވެސް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް