ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އަދި އަކްޝޭ ކުމާރު މައިގަނޑު ރޯލްތައް ކުޅެފައިވާ ފިލްމު "ހައިވާން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޕްރިޔަދަރްޝަން ޑައިރެކްޓްކޮށްފައިވާ މި ތުރިލާ އަންނަ ސެޕްޓެމްބަރު މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ އާންމުކުރި ދެ މިނެޓާއި 34 ސިކުންތުގެ ކުރު ޓްރެއިލާއިން ފެންނަނީ، އަކްޝޭގެ ކެރެކްޓަ މީހުން މަރަމުން ދާއިރު، ލޮލަށް ނުފެންނަ ސައިފް އޭނާ ހުއްޓުވަން ކުރާ މަސައްކަތެވެ. މީހަކު މަރާލާ މަންޒަރުގެ ހެކިވެރިއަކަށް ސައިފް ވާއިރު، އެ ނުރައްކާތެރި ގާތިލުގެ ކިބައިން ކުޑަކުއްޖަކު ސަލާމަތްކުރުމުގެ ޒިންމާ އޭނާއަށް އުފުލަންޖެހެއެވެ.
ޝްރިޔާ ޕިލްގާއޮންކަރާއި ސައްޔާމީ ކޭރް ވެސް މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމަކީ، 2016 ވަނަ އަހަރު ޕްރިޔަދަރްޝަން ޑައިރެކްޓްކުރި މަލަޔާޅަމް ހިޓް ފިލްމު "އޮއްޕަމް"ގެ ހިންދީ ރިމޭކެކެވެ. ފިލްމު "އޮއްޕަމް"ގައި ލޮލަށް ނުފެންނަ މީހެއްގެ ރޯލު އަދާކުރީ މަޅަޔާލަމް އެކްޓަރު މޯހަންލާލްއެވެ.

ފިލްމު "ހައިވާން"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/އިންޑިއާޓުޑޭ
އަންނަ މަހުގެ 11ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމު "ހައިވާން" އަކީ ޕްރިޔަދަރުޝަންއާ އެކު ސައިފް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމަކީ ސައިފް އާއި އަކްޝޭ 18 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ދެ ތަރިން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ ސައިފްގެ އަންހެނުން، ބަތަލާ ކަރީނާ ކަޕޫރު ވެސް މުހިއްމު ރޯލެއް ކުޅުނު ފިލްމު "ތަޝަން"އެވެ. ސައިފް އާއި އަކްޝޭ އެކީގައި ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެތެރޭ "މޭ ކިލާޅީ ތޫ އަނާޅީ އަދި "ޔޭ ދިއްލަގީ" ހިމެނެއެވެ.