ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޖަލު އަދަބު ދެ އަހަރަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޖަލު އަދަބު ދެ އަހަރަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އިގުތިޞާދީ ކޮމިޓީން މި ބިލު ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ފަރާތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ވިލިމާލޭ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް ހިމެނޭހެން، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި ނުވަތަ އެކަން ކުރުމަށް އެހީވާ މީހުންނަށް އޮންނަ ޖަލު ހުކުމުގެ އެންމެ ދިގު މުއްދަތު ދެ އަހަރު ދުވަހަށް ބޮޑުކުރުމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް އެންމެ ގިނަވެގެން ވެސް ޖަލުގައި ބަންދުކުރެވެނީ އެއް އަހަރު ދުވަހަށެވެ.

އެ އިސްލާހުގައިވާ ގޮތުން، ޓެކުހުގެ ބަޔާނުގައި ސައްހަ ނޫން މައުލޫމާތެއް ހިމަނާފައިވާނަމަ، ނުވަތަ އެ ބަޔާނުގައި ބައެއް މައުލޫމާތު އުނިކޮށްފައިވާނަމަ، ނުވަތަ މާލީ ހިސާބުތަކުގައި ވެސް ސައްހަ މައުލޫމާތު ހިމަނާފައި ނުވާކަން ސާބިތުވެއްޖެނަމަ، އެކަން ކޮށްފައި ވަނީ ޓެކްސް ދެއްކުމުން ރެކުމަށް ކަމުގައި ބެލެވޭނެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބަކީ އެ ފަރާތެއް އެއް މަސްދުވަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

މިހާރު ހުށަހަޅާފައިވާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، އަދި އެ ހާލަތުގައި ޓެކްސް ބަޔާން ހުށަނާޅައިފިނަމަ އަދަބެއްގެ ގޮތުން އެ ފަރާތެއް 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވި، ގޭ ބަންދުގެ ބަދަލުގައި އެ ފަރާތެއް އެއް މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ހަމައެއާއެކު ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ، މިހާރު ގާނޫނުގައިވާ ގޮތުން، ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާކުރެވެއެވެ. ގާނޫނު އިސްލާހުވެއްޖެ ނަމަ އެ އަދަދު 0.1 ޕަސެންޓަށް އިތުރުވެގެން ދާނެއެވެ.

comment ކޮމެންޓް