އައްޑޫ ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕުގައި ކާނާވިހަވި ކުދިންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ދެ ދަރިވަރުންނަށް ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފިއެވެ.
އޭއީއެޗްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި ގޮތުގައި، އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގައި ތިބި ދެ ދަރިވަރުންނަށެވެ. އަދި އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެ ދެ ކުދިން ވެސް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް ކުރިއަށްދާއިރު، ފޭދޫ ސްކޫލުގައި ބޭއްވި ކޭމްޕުގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން ވަނީ ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިފައެވެ.
ބެލެނިވެރިއަކު މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބަލިވެފައިވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންތަކެކެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 31 ކުއްޖަކަށް އައްޑޫގެ އެކި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި ފޭދޫ ސިއްހީ މަރުކަޒާއި، މަރަދޫ ސިއްހީ މަރުކަޒުގެ އިތުރުން އޭއީއެޗް ހިމެނެއެވެ.
ފޭދޫ އަދި މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދިން ގިނަ ކުދިން މިހާރު ވަނީ ދޫކޮށްލާފައެވެ.
އޭއީއެޗުން ވަނީ އެ ދަރިވަރުން ބަލިވީ ކާނާ ވިހަވެގެން ކަން ޔަގީންކޮށްދީފައެވެ. ނަމަވެސް، އެއީ ކޮން އެއްޗެއް ކައިގެން ދިމާވި ކަމެއްކަން ސީދާ ޔަގީންވާނީ ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.