ފުލެޓާއި ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފި

މިނިސްޓަރު މުއްތަލިބު، އެފްޑީސީ ފްލެޓުތަކުގެ މަސައްކަތް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އެކަން ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފިއެވެ.

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މަރުހަލާތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެޕްލިކަންޓުންގެ ގޯތިގެދޮރާއި ބިންވެރިކަމާ ގުޅޭ މަޢުލޫމާތުތައް ކަށަވަރުކުރުމުގެ މަރުޙަލާއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް މިހާރު އެއްކުރެވިފައިވާ ކަމަށެވެ.

އަދި އޮޓަމޭޓެޑް ސިސްޓަމެއްގެ ތެރެއިން މި މަޢުލޫމާތުތައް ދިމާނުވާ ނުވަތަ ފުށުއަރާ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލެއްގައި ހުރެދާނެ އަދާހަމަ ނޫން މަޢުލޫމާތު، ޝަރުޢީ މަރުހަލާއެއްގައި އޮވެދާނެ ކަމެއް، ތަރިކަ މުދަލުގެ މައްސަލައެއް އޮވެދާނެ. އެކަން ރަނގަޅަށް ރަޖިސްޓަ ނުވެ އޮވެދާނެ. އެޕްލިކަންޓަށް އެންމެ ރަނގަޅަށް އިނގޭނީ އޭގެ ޙަގީގަތް ބުނެދޭން. އެހެންވީމަ އެކަން ސާބިތުކޮށްދެން ފުރުޞަތެއް މި ދެނީ،" ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

https://sun.mv/223467

މިލްކުވެރިކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން ތަޢުލީމާއި ވަޒީފާ އަދި ދަފުތަރާ ގުޅުންހުރި މަޢުލޫމާތުތައް ކަށަވަރުކުރުމުގެ މަސައްކަތްވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ސިސްޓަމުން އޮޓޮމޭޓްކޮށް ފޮނުވާ މި އެންގުންތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާންޖެހޭނެ ކަމަށާއި، އެ މުއްދަތުގައި ޖަވާބެއް ނުދީފިނަމަ މަޢުލޫމާތު ރަނގަޅުކުރުމުގެ ފުރުޞަތު ބަންދުވާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. މި ހުރިހާ މުޢާމަލާތެއްވެސް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށެވެ.

https://sun.mv/226509

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވި ގޮތުގައި، މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އަންގަން ފަށާފައިވާއިރު، މިކަމަށް އެހީތެރިވުމަށްޓަކައި ދަރުބާރުގޭގައި ޚާއްސަ ކޯލް ސެންޓަރަކާއި ހައުސިން މިނިސްޓްރީގައި ހެލްޕް ޑެސްކެއް ވަނީ ގާއިމުކޮށްފައެވެ.

ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް 4004900 މެދުވެރިކޮށް ލިބޭނެކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ހުޅުވާލި މި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ޖުމްލަ 58،585 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އާއިލީ ބޯހިޔާވަހިކަން: ޖުމްލަ 45،644 ފޯމު (ފްލެޓަށް 35،818 ފޯމު، ބިމަށް 9،826 ފޯމު)
  • ގޯތިގެދޮރު ސްކީމް: ޖުމްލަ 12،861 އެޕްލިކޭޝަން (ބިމަށް 12،749 ފޯމު، ފްލެޓަށް 112 ފޯމު)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމީ ފެންވަރުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހައްލުކުރަން ނިންމާފައިވާ ކަމަކަށް ވީނަމަވެސް، މިދިޔަ އަހަރު ނިމުނުއިރާއި މި އަހަރުގެ މިހާތަނަށް ވެސް ހައުސިންއަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ވެރިފިކޭޝަން މަސައްކަތްތައް އަވަހަށް ނިންމައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލެޓާއި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާއްމުކުރުމެވެ.

comment ކޮމެންޓް