ރެއާލް މެޑްރިޑްގެ ހެޑް ކޯޗުގެ މަގާމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު، ހޯސޭ މޮރީނިއޯ އެ ކްލަބުގެ ވަލްޑެބެބާސް ޓްރޭނިންގް ކޮމްޕްލެކްސްގައި ރޭގަނޑު ނިދައި، އެތަން އޭނާގެ ރަސްމީ ބޭސްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މޮރީނިއޯ އަލުން ގެނައީ އެންމެ ބޭނުމަކަށެވެ. އެއީ ވޭތުވެދިޔަ ދެ ސީޒަނުގައި ސްޕެނިޝް ފުޓްބޯޅައިގައި އޮތް ބާސެލޯނާގެ ރަސްކަން ނިމުމަކަށް ގެނައުމަށެވެ. މި މަގްސަދު ހާސިލްކުރުމަށްޓަކައި މޮރީނިއޯ ދަނީ ކްލަބުގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މަސައްކަތްތައް އަމިއްލައަށް ސުޕަވައިޒް ކުރަމުންނެވެ.
މޮރީނިއޯ ވަލްޑެބެބާސްގައި އެކަނި ނިދަނީއެއް ނޫނެވެ. ލަލީގާގެ ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން 2-1 އިން ރެއާލް މޮޅުވި މެޗަށްފަހު މޮރީނިއޯ ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އެތަނުގައި ދިރިއުޅެނީ ޓީމުގެ އާ ފޯވާޑް ކާލޮސް އެސްޕީ އަދި 60 މިލިއަން ޔޫރޯއަށް ޗެލްސީއިން ގެނައި ޑިފެންޑަރު މާކް ކުކުރެއްލާ އާއެކުގައެވެ.
"އަހަރެމެން އެންމެން އުޅެނީ ވަލްޑެބެބާސްގައި އެކީގައި. ކޮންމެ ދުވަހަކު ހެނދުނު ސައިބޮނީވެސް އެކުގައި. އެސްޕީއަކީ ވަރަށް މަޖާ ކުއްޖެއް،" މޮރީނިއޯ ބުނެފައިވެއެވެ.
އެސްޕަންޔޯލް މެޗުން ރެއާލް މޮޅުވީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން އެސްޕީ މެޗުގެ ފަހުވަގުތު ޖެހި ލަނޑުންނެވެ.
މޮރީނިއޯގެ ގާތް ފަރާތްތަކުން ބުނާގޮތުގައި، އޭނާގެ އަންހެނުންނާއި ދަރިން ދިރިއުޅެނީ ލަންޑަނުގައެވެ. އެހެންކަމުން މެޑްރިޑުގައި އެކަނި ހުންނަން ޖެހުމުން، ދަތުރުފަތުރުގެ ވަގުތު ސަލާމަތްކޮށް ޓީމަށް 100 އިންސައްތަ ސަމާލުކަން ދިނުމަށް ޓްރޭނިންގް ސެންޓަރުގައި ނިދުމަކީ އޭނާއަށް އެންމެ ފަސޭހަ ގޮތެވެ.
އޭނާ ވަނީ މީގެ ކުރިން ބެންފީކާ، ފެނަބާޗޭ އަދި ރެއާލްގެ ފުރަތަމަ ދައުރުގައިވެސް މިގޮތަށް ޓްރޭނިންގް ގްރައުންޑުގައި ގިނަ ރޭތަކެއް ހޭދަކޮށްފައެވެ.
މިއަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލުން ވަނީ މޮރީނިއޯގެ ޕްލޭނަށް 200 މިލިއަނަށްވުރެ ގިނަ ޔޫރޯ ޚަރަދުކޮށް، ކުކުރެއްލާގެ އިތުރުން ބެނާޑޯ ސިލްވާ އަދި ޔާން ޑިއޮމާންޑޭ ފަދަ ތަރިން ގެނެސްފައެވެ.