ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލްގައި ޕާކިސްތާނުގެ 3 ސިޓީއެއްގައި ބާއްވަނީ

ސައުތު އޭޝިއަން ގޭމްސް 2019 ގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ރަން މެޑަލް ހޯދި ދުވުމުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ތަކުރާރުކޮށް ތާރީޚުތަކަށް ބަދަލުއައިސް ފަސްވަމުންދިޔަ ސައުތު އޭޝިއަން ގޭމްސް (ސާފް ގޭމްސް) އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވަން ނިންމައިފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޭމްސް ކުރިއަށްދާނީ އަންނަ އަހަރުގެ އޭޕްރީލް 3 އިން 11 އަށެވެ.

އުޒްބެކިސްތާނުގައި ބޭއްވި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ކުރިން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް 23 އިން 31 އަށް ގޭމްސް ބޭއްވުމަށެވެ.

ނަމަވެސް، އިސްލާމްއާބާދުގައި ދާދިފަހުން ކުރިއަށްދިޔަ ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމުގައި ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ވަނީ މުބާރާތް އޭޕްރީލް މަހަށް ފަސްކުރެވިފައިވާކަން އިއުލާނުކޮށްފައެވެ.

ގޭމްސްއާ ގުޅޭ މުހިންމު ތަފްސީލުތައް:

  • މުބާރާތް ބާއްވާ ސިޓީތައް: އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރު
  • ކުޅިވަރުތަކުގެ އަދަދު: 28 ކުޅިވަރު (ކުރިން ނިންމި 27 ކުޅިވަރުގެ ބަދަލުގައި)
  • ބައިވެރިވާނެ އެތުލީޓުން: ގާތްގަނޑަކަށް 3،200 އެތުލީޓުން

އެސްއޭއޯސީގެ މި ބައްދަލުވުމުގައި ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާގެ އޮފިޝަލުން ޕާކިސްތާނަށް ގޮސް ބައިވެރިވިއިރު، އިންޑިއާއިން ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މާލީ އަދި ސިޔާސީ ސަބަބުތަކާހުރެ 2023 އިން ފެށިގެން ހަ ފަހަރު މަތިން ފަސްކުރެވުނު 14 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކާ މެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ނޭޕާލްގައެވެ. ޕާކިސްތާނުން މީގެ ކުރިން 1989 އާއި 2004 ވަނަ އަހަރު ވެސް މި ގޭމްސް ހޯސްޓްކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު