ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 244 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އިތުރު 629 މީހަކަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ އޭޕްރީލް 30 ގެ ނިޔަލަށް އެ ސްކީމަށް ހުށަހެޅި 2،256 އެޕްލިކޭޝަންގެ ތެރެއިން އެކި މަރުހަލާތަކަށް ފަހު 891 ފޯމެއް ބަލައިގެންފައިވާ ކަމަށެވެ.
އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް އެ ހުރިހާ ފަރާތްތަކަށް ލޯނު ދޫކޮށް ނިންމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު.. ފޮޓޯ/ ޕީއެސްއެމް
""ޕްރޮގްރާމަށް ހޮވި، ފައިސާ މިހާތަނަށް ދޫނުކޮށް މިވާ 629 މީހުންނަށްވެސް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފައިސާ ދޫކުރުމަށް ދަނީ މަސައްކަތް ކުރަމުން. އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތް ލަސްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ފައިސާ ދޫކުރުމުގެ އުސޫލުތަކާއި އިޖުރާއަތްތައް ފުރިހަމަކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުމެވެ.
އެގޮތުން، ގޭގެ ކުރެހުމުގައި ވިޔަފާރި ބޭނުމަށް ކަނޑައެޅޭނީ 20 އިންސައްތަ ކަމަށް އޮތް ނަމަވެސް، ބައެއް ފަރާތްތަކުން އެއަށްވުރެ ބޮޑަށް ހުށަހަޅާފައިވުމާއި ބީއޯކިއު އަގު ލޯނުގެ އަދަދަށްވުރެ ބޮޑުވުން ފަދަ ކަންކަން އިސްލާހުކުރުމަށް މިނިސްޓްރީ އާއި ބޭންކުތަކާއި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާވަހި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ:
• ރަށްވެހި: ހުރިހާ ރަށަކަށް އަމާޒުކޮށްގެން ދޫކުރާ 1 މިލިއަން ރުފިޔާގެ ސްކީމް (363 އެޕްލިކޭޝަން އެޕްރޫވްވި)
• ސަހަރު: އާބަން ސަރަހައްދުތަކަށް ދޫކުރާ 3 މިލިއަން ރުފިޔާގެ ސްކީމް (438 އެޕްލިކޭޝަން އެޕްރޫވްވި)
• ފަހިމާލެ: މާލެ ސަރަހައްދަށް ދޫކުރާ 6 އިން 10 މިލިއަން ރުފިޔާގެ ސްކީމް (40 އެޕްލިކޭޝަން އެޕްރޫވްވި)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، އެޗްޑީއެފްސީ އަދި އެމްއައިބީ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތައިގެ ފައިދާގައި ކުރިއަށްގެންދާ މި ސްކީމުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެ އެވެ.
އަދި ރަށްވެހި ސްކީމުގައި އިކުއިޓީ ބަހައްޓަން ނުޖެހޭއިރު، ސަހަރު ސްކީމަށް 5 އިންސައްތަ އަދި ފަހިމާލެ ސްކީމަށް 10 އިއްންސައްތަ އިކުއިޓީއެއް ބަހައްޓަން ޖެހެއެވެ.
އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މިފަދަ އިތުރު މަޝްރޫއެއް އިފްތިތާހުކުރެވޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.