އީރާނުން އަހަރެންގެ ދަރިއަކު މަރާލަން ރޭވި، އެކަން އަހަރެން ނާކާމިޔާބު ކޮށްލިން: ނަތަންޔާހޫ

މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ

ޓެލްއަވީވު (25 އޮގަސްޓް 2026) : އީރާނުން އޭނާގެ ދަރިއަކު މަރާލަން ރޭވިކަމަށާއި އެކަން އީރާނަށް ނުކުރެވުނީ އިސްރާއީލުން އެކަން ދެނެގަނެ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ އިސްރާއީލުގެ ނުރައްކާތެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތުކޮށްފިއެވެ.

ނަތަންޔާހޫ އީރާނުގެ މައްޗަށް މިތުހުމަތު ކުރިނަމަވެސް މިކަމާބެހޭ އެއްވެސް ތަފްސީލެއް ނުދެއެވެ. އޭނާގެ ދަރި މަރާލަން އީރާނުން އުޅުނު ދުވަސްވަރެއްވެސް އަދި އެކަން ކުރަން ރޭވިގޮތެއްވެސް ނަތަންޔާހޫ ސާފުކޮށްދީފައެއް ނުވެއެވެ.

ނަތަންޔާހޫގެ ދަރިއަކު މަރާލަން އީރާން ރޭވިކަމަށް ވިދާޅުވެ އޭނާ ވާހަކަ ދައްކާފައި މިވަނީ އިސްރާއީލުގެ އާންމު އިންތިޚާބަށް އޭނާ ކޭންޕެއިން ކުރަމުން ގެންދާ ދަނޑިވަޅުގައެވެ. އެހެންކަމުން ކުރިން މިވާހަކަ ނުދައްކައި މިދަނޑިވަޅުގައި އޭނާ މިވާހަކަ ފެންމަތިކޮށްލި ސަބަބާމެދުވަނީ ސުވާލު އުފެދިފައެވެ.

ހުޅަނގުގެ ޑިމޮކްރަސީގެ ނިޒާމު އޮންނަ ގައުމުތަކުގައި އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި ހިންގާ ކެންޕެއިންތަކުގައި ކެންޑިޑޭޓުން ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލުމަށާއި ރައްޔިތުންގެ ހަމްދަރުދީ ހޯދުމަށްޓަކައި ނުކުރާކަމެއް ނޯންނަކަން ކެންޑިޑޭޓުންގެ ވާހަކަތަކުން އެނގެއެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" އިންވަނީ މިއީ އިސްރާއީލުގެ އާންމުންގެ ހަމްދަރުދީ ހޯދުމަށް ނަތަންޔާހޫ ކޮށްލި ތުހުމަތެއްކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ސިފަކޮށްފައެވެ.

އީރާނާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން ރައްދުގައި އީރާނުގެ ގަދަފަދަ ހަމަލާތަކެއް އިސްރާއީލަށް ދިނުމުން އިސްރާއީލުގެ އަސްކަރީ ޑިޓަރެންސް ގެއްލިފައިވާކަމާއި އިސްރާއީލަކީ އީރާނުގެ ހަމަލާތައް ދިފާއު ކުރުމުގެ ގާބިލްކަން ނެތްގައުމެއްކަންވަނީ ހާމަވެފައެވެ.

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް ބޮޑުކަމުން އީރާނަށް ދިން ހަމަލާތައް އިސްރާއީލުވަނީ ހުއްޓާލާފައެވެ. އަދި އީރާނުގެ އިސްވެރިން ޝަހީދުކޮށްލުމުން އީރާނުގެ ވެރިކަމުގެ މުޅި ނިޒާމު ބަދަލުކުރެވޭނެކަމަށް ބަލައި ނަތަންޔާހޫ ރޭވި ރޭވުންތައްވެސް ވަނީ ނާކާމިޔާބު ވެފައެވެ.

އިސްރާއީލުގެ އިންތިޚާބީ ކޭންޕެއިންގައި އިދިކޮޅު ފަރާތްތަކުންވަނީ ނަތަންޔާހޫ އަކީ އީރާނުގެ ކުރިމަތީގައި މުޅިން ފެއިލް ވެފައިވާ މީހެއްކަމާއި އޭނާ ފަދަ ނަތީޖާ ނުނެރެވޭ މީހަކު އަލުން ހޮވައިފިނަމަ އިސްރާއީލުގެ އަސްކަރީ ހާލަތު އިތުރަށް ދަށަށްގޮސް އީރާނުގެ އިތުރު ހަމަލާތަކެއް އިސްރާއީލަށް އަމާޒުވާނެކަމަށް ބުނެ ނަތަންޔާހޫގެ ބަލިފައިތައް ހާމަކޮށްފައެވެ.

މީގެއިތުރުން ހަމާސް ޖަމާއަތް ރޫޅާލުމުގައިވެސް ނަތަންޔާހޫ ނާކާމިޔާބު ވެފައިވާއިރު ހިޒްބުﷲ ގެ ހަމަލާތައް ހުއްޓުވުމުގައިވެސް އޭނާވަނީ ނާކާމިޔާބު ވެފައެވެ. ނަތީޖާއެއްގެ ގޮތުން އިންތިޚާބު ކާމިޔާބު ކުރުމަށް ނަތަންޔާހޫ ދައްކާނެ މާގިނަ އެއްޗެއް ނެތްކަމަށް "ހާއާރެޓްސް" ބުނެއެވެ.

އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުންވަނީ އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށް ތާއީދު ކުޑަވެ އެމެރިކާގައިވާ އިސްރާއީލުގެ ލޮބީ ގްރޫޕްތަކުގެ ބާރު ކުޑަވެފައިވަނީވެސް ނަތަންޔާހޫގެ ސަބަބުން ކަމަށް ތުހުމަތު ކޮށްފައެވެ. އިސްރާއީލު ފަލަސްތީނުގެ ބިމުގައި އިސްތިއުމާރީ ގޮތުން ދެމިއޮންނަނީ އެމެރިކާގެ އެހީގައެވެ.

ނަތަންޔާހޫ އިސްރާއީލުގައި ވެރިކަންކުރާތާ 20 އަހަރަށް ވުރެ ގިނަވެފައިވާއިރު އިސްރާއީލުގެ ޒުވާން ޖީލު އޭނާ ނޫންވެރިއަކު ދެކެފައިނުވާކަމަށް "ހާއާރެޓްސް" ބުނެއެވެ. އެހެންކަމުން އިސްރާއީލުގެ ގިނަ ބަޔަކު ބަދަލަކަށް ބޭނުންވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ދަނީ ހާމަވަމުންނެވެ.

ނަތަންޔާހޫއަށް ވުރެ އިދިކޮޅު ކެންޑިޑޭޓް ގަޑީ އެޒިންކޮޓްގެ ތާއީދު އެތައް ޕޮއިންޓަކުން މަތީގައިވާކަން ޚިޔާލު ހޯދުމަށް މިހާތަނަށް ކުރި ހުރިހާ ސާވޭތަކުންވެސް ވަނީ ހާމަވެފައެވެ.

މިކަމާގުޅިގެން އާންމުންގެ ހަމްދަރުދީ ހޯދުމަށް ނަތަންޔާހޫ ފުލޯކު މަންތަރުތަކެއް ހަދައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ގެންދާކަމަށް އެޒިންކޮޓް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް