އަދިވެސް އަތްލާން ބޭނުންނުވަނީ އަސްލު މައްސަލައިގައި، ކީއްވެ؟

ޚިޔާލަށް ގެންނާށެވެ. ދިވެހި ދެ އާއިލާއެކެވެ. ފުރަތަމަ އާއިލާއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އަގުބޮޑު މުދާ ހުރުމާއެކު، މަހުން މަހަށް ލިބޭ ފައިސާ ގިނަވެފައި ލޯނު ނެގުމުގެ ފުރުސަތުވެސް އޮވެއެވެ. ނަމަވެސް އެ އާއިލާއިން ހިފެހެއްޓުމެއް ނެތި ޚަރަދުކުރެއެވެ. ބޭނުންނުވާ މީހުން ވަޒީފާއަށް ނަގައި، ފައިދާއެއް ނުފެންނަ އަގުބޮޑު ތަކެތި ގަނެއެވެ. ފައިސާ ހަމަޖެހިފައި ނެތި މަޝްރޫއުތައް ފަށައި، ބިލުތައް ދައްކަން ޖެހުމުން އަބަދުވެސް ދަރަންޏަށް ފައިސާ ނަގައެވެ. ނަތީޖާއަކީ، ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ދަރަނިތައް އަދާކުރަން ނުކުޅެދުމެވެ. ދެވަނަ އާއިލާއަށް ލިބެނީ ކުޑަ އާމްދަނީއެކެވެ. ނަމަވެސް ޚަރަދުތައް ކޮންޓްރޯލްކޮށް، ބޭނުމެއް ނެތް ދަރަނި ނެގުމުން ދުރުހެލިވެއެވެ. ކުއްލި ހާލަތަކަށް ފައިސާ ރައްކާކޮށް، ހަގީގީ ފައިދާއެއް ލިބޭނެ ކަންކަމަށް އެކަނި އިންވެސްޓްކުރެއެވެ. އާމްދަނީ ކުޑަ ނަމަވެސް، މާލީ ގޮތުން މާ ވަރުގަދައީ މި އާއިލާއެވެ. ޒަމާނުންސުރެ ދިވެހިރާއްޖެ ވައްތަރީ މީގެ ތެރެއިން ފުރަތަމަ އާއިލާއާއެވެ.



ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން ރާއްޖޭގައި ކުޑައެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ އަދިވެސް މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ އެއް ސިނާއަތެވެ. ރަސްމީ އަންދާޒާތަކުން ދައްކާ ގޮތުގައި މި އަހަރު ފަތުރުވެރިކަމުން 5.6 ބިލިއަން ޑޮލަރު ލިބޭނެއެވެ. ފަތުރުވެރިކަމުގެ ޓެކްސްތަކާއި، ގްރީން ޓެކްސް އަދި އެއާޕޯޓު ފީތައް މި ސަރުކާރުން ބޮޑުކުރުން ފަދަ ފިޔަވަޅުތަކާއެކު ސަރުކާރުގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، ރާއްޖެއަށް ވަނީ ޑޮލަރުގެ ބޮޑު ތަދުމަޑުކަމަކާއި ދަރަނީގެ ފިއްތުންތަކާ ކުރިމަތިވެފައެވެ. ރަސްމީ އެކްސްޗޭންޖް ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު އޮތް ފަރަގު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 23 ރުފިޔާއާ ގާތްކޮށްފައެވެ. މައްސަލައަކީ ހަމައެކަނި ރާއްޖެއަށް އެކަށީގެންވާ ވަރަށް ޑޮލަރު ނުލިބުމެއް ނޫނެވެ. މީގެ އަޑީގައި އޮތް ހަގީގީ މައްސަލައަކީ ޒަމާނުންސުރެއް ދައުލަތުން މާ ގިނައިން ޚަރަދުކުރުމާއި، ފަސޭހަކަމާއެކު ދަރަނި ނެގުމާއި، ގެންނަންޖެހޭ އުނދަގޫ އިސްލާހުތައް ތަކުރާރުކޮށް ފަސްކުރުމެވެ.

މިކަމަށް ސަރުކާރުން އެންމެ ފަހުން ހޯދި ހައްލަކީ ފަތުރުވެރިކަމުގެ ސިނާއަތުން އިތުރު ޑޮލަރު ދައުލަތަށް މާރުކުރަން އެންގުމެވެ. ބޭރު ފައިސާއާ ބެހޭ ގަވާއިދު މިހާރު އޮންނަ ގޮތުން، ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހެއެވެ. އެމްއެމްއޭގެ ގަވަރުނަރު މިހާރު ވިދާޅުވެފައިވަނީ، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރާވާފައިވާ ކަމަށެވެ. މީގެ ސަބަބުން ކުރު މުއްދަތެއްގައި ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުވެދާނެއެވެ. މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ލިބުމަށް ލުޔެއް ލިބި، ބޭންކިން ނިޒާމަށް އޮތް ވަގުތީ ފިއްތުންތައް ކުޑަވެދާނެއެވެ. ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫނެވެ. މިއީ ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއެކެވެ. ބަލީގެ އަސްލަކަށް ނޫނެވެ.

https://www.sun.mv/189287

ޑޮލަރުގެ ތަދުމަޑުކަން ގުޅިފައިވަނީ ދައުލަތަށް ބޭރު ފައިސާ ބޭނުންވާ މިންވަރު ބޮޑުވުމާއެވެ. ދަރަނި އަދާކުރުމަށާއި، މުދާ އެތެރެކުރުމަށާއި، ތެލަށާއި، ސަރުކާރުގެ މަޝްރޫއުތަކަށާއި، ދައުލަތުގެ ޚަރަދުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވެއެވެ. ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި މި އަހަރު ބޭރުގެ ދަރަނި އަދާކުރުމަށް އެކަނިވެސް 1.7 ބިލިއަން ޑޮލަރު ރާއްޖޭން ބޭނުންވާނެއެވެ. އަމިއްލަ ވިޔަފާރިތަކުން ހޯދާ ޑޮލަރުގެ ބޮޑު ބައެއް ދައުލަތަށް ދޭން މަޖުބޫރުކޮށްގެން އެކަނި މި ބޮޑު މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތައް ބޮޑުކޮށްފިއެވެ. ފަތުރުވެރިކަމުގެ ޓެކްސްތައް ހަރުދަނާކޮށް، ގްރީން ޓެކްސް ވަނީ ބޮޑުކޮށްފައެވެ. ބޭރު ފައިސާ މާރުކުރުން ލާޒިމުކޮށް، ފަތުރުވެރިކަމާއި އެއާޕޯޓުގެ ހަރަކާތްތަކާއި ބަންކަރިންގެ ވިޔަފާރި ފުޅާކުރުމަށް އަމާޒުކޮށްގެން ސިޔާސަތުތައް ވަނީ ތައާރަފުކޮށްފައެވެ. މި ފިޔަވަޅުތަކުން އާމްދަނީ އިތުރުކުރެވިދާނެއެވެ. ނަމަވެސް ޚަރަދުކުރުމުގެ ނިޒާމު އިންތިޒާމުކުރެވިފައި ނެތްނަމަ، ހަމައެކަނި ޓެކްސް ނަގައިގެންނާއި ފައިސާ މާރުކުރުވައިގެން މާލީ ކާރިސާއަކުން ގައުމެއް ސަލާމަތެއް ނުކުރެވޭނެއެވެ.

މިކަން މިދިޔަ އަހަރުގެ ބަޖެޓުން އެކަނިވެސް ސާފުވެއެވެ. އެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ސަރުކާރުން ފަހުން ހާމަކުރި ގޮތުގައި ރިކަރަންޓް ޚަރަދު އެކަނިވެސް 34.8 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް 14.2 ބިލިއަން ރުފިޔާ، އިންޓަރެސްޓަށް 4.6 ބިލިއަން ރުފިޔާ، އަދި ސަބްސިޑީއާއި އެހީއަށް 9.9 ބިލިއަން ރުފިޔާ ޚަރަދުވެއެވެ. މި އަދަދުތަކުން ދައްކައިދެނީ "އިތުރު ޑޮލަރު ހޯދާނީ ކޮންތާކުންތޯ" ކުރެވޭ ސުވާލުގެ ބަދަލުގައި، "ފައިސާ ޚަރަދުވަނީ ކޮން ކަންތައްތަކަކަށްތޯ އަދި އޭގެން ރައްޔިތުންނަށް ލިބެނީ ކޮން ނަތީޖާއެއްތޯ" މިއީ މާ މުހިންމު ސުވާލެއް ކަމެވެ. ސިޔާސީ މަގާމުތައް ގިނަކުރުމާއި، މުސާރައިގެ ޚަރަދުތައް ބޮޑުވުމާއި، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފައިދާއެއް ނުލިބޭ އެމްބަސީތަކުގެ ބޮޑެތި ޚަރަދުތަކާއި، ސަރުކާރު ކުންފުނިތައް ކޮންޓްރޯލް ނުކުރެވުމާއި، މާލީ ފައިދާއެއް ލިބޭނެކަން ކަށަވަރުނުވާ މަޝްރޫއުތައް ފެށުމުގެ ސަގާފަތަށް މިހާރުގެ ސަރުކާރު ހިމެނޭ ގޮތަށް ކުރީގެ ސަރުކާރުތަކުންވެސް ޒިންމާވާން ޖެހެއެވެ. ކޮންމެ ސިޔާސީ މަގާމަކީ ނުވަތަ ކުންފުންޏެއްގެ ވަޒީފާއަކީ އިސްރާފަކަށް ނުވެދާނެއެވެ. ނަމަވެސް ރައްޔިތުންނަށް ސާފު ޔަގީންކަމެއް ދިނުމުގެ ބަދަލުގައި، މުވައްޒަފުންގެ އަދަދުތަކާއި މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ ފުރިހަމަ އޮޑިޓެއް ބޭނުންވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރައީސް ޑރ، މުހައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް
ސަބްސިޑީއާއި އާސަންދައަށްވެސް އޮތީ ހަމަ މި އުސޫލެވެ. މިއީ ހަމައެކަނި "ބޭނުމެއް ނެތް ޚަރަދުތަކެއް" ނޫނެވެ. ސިއްހީ ފަރުވާއާއި، އަސާސީ ކާބޯތަކެއްޗާއި، ކަރަންޓާއި ތެލަށް ދޭ އެހީއަކީ އިންފްލޭޝަނާއި ޑޮލަރުގެ ތަދުމަޑުކަމުގެ ތެރޭގައި އާދައިގެ އާއިލާތައް ހިމާޔަތްކޮށްދޭ ކަންކަމެވެ. އެއްވެސް ވިސްނުމެއް ނެތި މިކަންކަން ކަނޑާލުމަކީ ދައުލަތަށް އޮތް ކާރިސާ އެންމެ ފަގީރު އާއިލާތަކުގެ ބޮލަށް ޖެހުމެވެ. ނަމަވެސް އެންމެންނަށް ހަމަހަމަކޮށް ދޭ ސަބްސިޑީތަކާއި، ބޭހުގެ އަގު އިންތިހާއަށް ބޮޑުވުމާއި، ތަކެތި ގަތުމުގައި ކޮންޓްރޯލެއް ނެތުން އިސްލާހުކުރަން ޖެހެއެވެ. އެހީ ލިބެންޖެހޭނީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށެވެ. އާސަންދައިން ހިމާޔަތްކުރަން ޖެހޭނީ ބަލިމީހުންނެވެ. ނާގާބިލު ސަޕްލަޔަރުންނެއް ނޫނެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމަށާއި ކުންފުނިތައް އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވީ ނަމަވެސް، މިކަންކަން އަދިވެސް ހުރީ ފުރިހަމަނުކޮށެވެ. ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ އެއްކޮޅުން ދައްކާއިރު އަނެއްކޮޅުން ވަޒީފާއަށް މީހުން ނަގަނީއެވެ. "ޕްރިންސިޕަލް", "އަންޑަސެކެޓްރީ", މިހެން ގޮސް އެކި ނަންނަމުގައެވެ.

ބޮޑެތި މަޝްރޫއުތަކުގައިވެސް ތެދުވެރިކަމުގެ މިންގަނޑު މަތިކުރަން ޖެހެއެވެ. ތުރުކީގެ ޑްރޯންތައް ގަތުމަކީ ސަލާމަތީ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ގައުމުގެ މާލީ ހާލަތާ އަޅައިބަލައި، އެކަންކަން ހާމަކުރަން ޖެހެއެވެ. ރަސްމާލެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަކަށް ވެދާނެއެވެ. އަދި ބިން ހިއްކުމަށް ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދު ނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް، މިފަދަ ބޮޑު މަޝްރޫއެއް ފާހަގަކުރުމުގެ ކުރިން، ފައިސާ ހަމަޖައްސާފައިވާ ގޮތާއި، ގެރެންޓީތަކާއި، އުމްރާނީ ތަރައްގީގެ ޚަރަދުތަކާއި، ލިބޭނެ ކަމަށް ލަފާކުރާ ފައިދާއާއި މުސްތަގުބަލުގައި އޮތް ދަރަނީގެ ނުރައްކާތައް ރައްޔިތުންނަށް އެނގެން ޖެހެއެވެ.

މިއީ ސިޔާސީ ގޮތުން އޮތް އެންމެ ބޮޑު ނާކާމިޔާބީއެވެ. އާމްދަނީ ހޯދާނެ އާ ގޮތްތައް ސިޔާސީ ބޭފުޅުން އަވަހަށް އިއުލާންކުރަނީ އެއީ ފެންނަން އޮންނަ އަދި މަސައްކަތްކުރާކަން ދައްކަން ފަސޭހަ ކަންކަމަށް ވާތީއެވެ. ސިޔާސީ ވަޒީފާތައް މަދުކުރުމާއި، ބޭނުންނުވާ މުވައްޒަފުން މަދުކުރުމާއި، ގެއްލުންވާ ކުންފުނިތައް އިސްލާހުކުރުމާއި، ފައިދާ ނުވާ މަޝްރޫއުތައް ހުއްޓާލުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަކީ މާ އުނދަގޫ ކަންކަމެވެ. އެކަންކަމުގެ ސަބަބުން ސިޔާސީ ތާއީދު ގެއްލުމުގެ ބިރު އޮވެއެވެ. ނަމަވެސް ދާއިމީ ހަމަޖެހުމެއް ގެނެސްދޭނީ މި ނިންމުންތަކުންނެވެ. ރިސޯޓުތަކުން އިތުރު ޑޮލަރު ހޯދާނެ ގޮތަކާމެދު އެކަނި ވިސްނުމުގެ ބަދަލުގައި، ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވަމުންދާއިރުވެސް މާލީ ނިޒާމުގައި އެކަށީގެންވާ ވަރަށް ޑޮލަރު ނުހިފެހެއްޓެނީ ކީއްވެތޯ ސުވާލުކުރަން ޖެހެއެވެ. އިސްރާފު ކުޑަކޮށް، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް، ބޮޑެތި މަޝްރޫއުތަކުގެ މާލީ ކަންކަން ހާމަކޮށް، ދެމެހެއްޓެނިވި ފައިދާއެއް ނުލިބޭ މަޝްރޫއުތަކަށް ދަރަނި ނެގުން ހުއްޓާލަންދެން މި ކާރިސާ ތަކުރާރުވަމުން ދާނެއެވެ.

ސިޔާސީ މަންފާއަށް ބެލުމުގެ ބަދަލުގައި މިއީ ކަންކަން އިސްލާހު ކުރުމުގައި ތެދުވެރިވާން ވީ ވަގުތެވެ. އެކަން ފަށަން ޖެހެނީ ވައްކަމާއި ކޮރަޕްޝަނާއި ބޭކާރު ހަރަދުތައް ކުރުން ހުއްޓުވާ ހިސާބުންނެވެ. މި ސަރުކާރަށް ބަލާއިރު އެންމެ ފަހުގެ އިންތިޚާބުތަކުގެ ނަތީޖާއިން އެނގެން އޮތް ހަގީގަތަކީ މަގުބޫލުކަން ވަރަށް ދަށް ކަމެވެ. އެހެންކަމުން މިއީ ގައުމަށްޓަކައި އިސްލާހީ ފިޔަވަޅުތައް އަޅަންވީ ވަގުތެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން މަގުބޫލުކަން އިތުރަށް ދަށް ވާނެއެވެ. އެކަމަކު ދިގު މުއްދަތެއްގައި ގައުމަށް ފައިދާވާނެކަން ޔަގީނެވެ.

ބޮޑު އާމްދަނީއެއް ލިބޭ އާއިލާއަށް މާލީ ރައްކާތެރިކަން ލިބެނީ އާމްދަނީ ހޯދާ މީހުންގެ އަތުން އިތުރު ފައިސާއަށް އެދިގެންނެއް ނޫނެވެ. އެ ރައްކާތެރިކަން ލިބެނީ އަތުގައި ހުރި އެއްޗެއް ރަނގަޅަށް މެނޭޖުކުރަން ދަސްކުރުމުންނެވެ. ދިވެހިރާއްޖެއިންވެސް އަމަލުކުރަންވީ ހަމަ މިގޮތަށެވެ.

comment ކޮމެންޓް