ބިލާ ދެކޮޅު ޕެޓިޝަނަށް ރިއާޔަތްނުކޮށް، ބިން އަތުލެވޭ ބިލު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން: ކޮމިޓީން ވަނީ ބިލު ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ރިއާޔަތްނުކޮށް ލާމަރުކަޒީ ކޮމިޓީން އެ ބިލު ފާސްކޮށްފިއެވެ.

ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކުރީ މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އައިފާން ވަނީ، ކައުންސިލުތަކުގެ އިޚްތިޞާޞުން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް އިތުރުކުރަން ހުށަހަޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން: ކޮމިޓީން ވަނީ ބިލު ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް

އެ ހުށަހެޅުއްވުމާއެކު ކޮމިޓީން ބިލު ފާސްކުރީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ ލާމަރުކަޒީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނެވެ.

ބިލު ފާސްކުރަން ކޮމިޓީން ނިންމީ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށާއި މަޖިލީހުން ބިލު ފާސްކުރުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ރިއާޔަތްނުކޮށެވެ.

މި ބިލު ހުށަހެޅުއްވި، ޢަބްދުލްޙައްނާން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.

https://sun.mv/226295

އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ބިލުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް