އީރާނަށް އާމްދަނީ ލިބޭ ހުރިހާ ގޮތްތަކެއް ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއް ފަށައިފައިވާކަން އެމެރިކާއިން އިއުލާނުކޮށް، އެހެން ގައުމުތަކުން އީރާނާ ވިޔަފާރި ނުކުރުމަށް ވެސް އިންޒާރު ދީފިއެވެ.
މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިހާތަނަށް ގައުމަކާ ދެކޮޅަށް އިގުތިސާދީ ގޮތުން އަޅާ އެންމެ ހަރުކަށި ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅާނެކަން އިއުލާންކުރައްވައިފައެވެ. އެއީ އެ ގައުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، މިއަދު އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އެ ހަރަކާތް ފަށައިފައިވާކަން އިއުލާންކުރައްވައިފައެވެ.
ބެސެންޓް ވިދާޅުވި ގޮތުގައި، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް"ގެ ނަމުގައި ފެށި މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އީރާނުގެ ތެލުގެ ވިޔަފާރިއާއި އެހެނިހެން އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކާއެކު، އީރާނާ އެކު ވިޔަފާރިކުރާ އެހެން ގައުމުތަކާއި ކުންފުނިތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ހޮރުމުޒު ކަނޑުއޮޅި: އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ މައިގަނޑު އެއް މަގުސަދަކީ، އީރާނުން ކަނޑުއޮޅީގައި އަޅާ ފިޔަވަޅުތައް ހުއްޓުވުން -- ފޮޓޯ/ ރޮއިޓާސް
ބެސެންޓް ވަނީ އީރާނުގެ ތެޔޮ ގަންނަ ގައުމުތަކާއި އެ ގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ގައުމުތަކުން އެކަން ވަގުތުން ހުއްޓާލުމަށް އިންޒާރުދެއްވާފައެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މިހާރު ވަނީ އީރާނާއި އެމެރިކާއާ ދެ ގައުމުގެ ތެރެއިން ގައުމެއް އިޚުތިޔާރު ކުރަން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބެސެންޓް ވަނީ، އީރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިވެދޭ ކޮންމެ ގައުމަކަށް ނުވަތަ ކުންފުންޏަކަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވައިފައެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، އީރާނަށް ފައިސާ ލިބޭ މަގުތައް ބަންދުކުރުމަށްޓަކައި އެ ގައުމުގެ މާލީ ނިޒާމާ ގުޅިފައިވާ ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކަށް ވެސް ފިޔަވަޅު އަޅާނެއެވެ. އަދި، އީރާނުގެ ޑިޖިޓަލް އެސެޓްސްއާއި ޓެކްނޮލޮޖީއާއި ރައްކާކޮށްފައިވާ ރަނާއި ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ސިނާއަތަށް އަމާޒުކޮށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއިން މި ފިޔަވަޅުތައް އަޅާފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކޮޅެއްގައި ނުޖެހި، ހަ މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށެވެ.
އެމެރިކާއިން އައު ފިޔަވަޅުތައް އަޅަނީ، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށާއި ހޮރުމުޒް ކަނޑުއޮޅީގައި ދޭ ހަމަލާތައް ހުއްޓުވުމުގެ ބޭނުމުގައެވެ.
އެހެންނަމަވެސް، ޓްރަމްޕް ދެއްވި އިންޒާރާއެކު ވެސް އީރާނުން ވަނީ އެ ގައުމުން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާއާ ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.
މީގެ އިތުރުން، އީރާނުން ކޮންޓްރޯލް ކުރާ ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އެ ގައުމުގެ ގަވައިދުތަކަށް އިތުރަށް ސަމާލުވުމަށް އީރާނުން ވަނީ އަންގައިފައެވެ. އަދި ގަވައިދުތަކާ ޚިލާފުވާނަމަ ފަޅުވެރިންނާއި އުޅަނދު ވެސް ހިފެހެއްޓުމާއި ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.