ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް ހަނގުރާމައެއް ނުވަތަ ގުދުރަތީ ކާރިސާއެއް ހިނގައިފިނަމަ، އެކަމުގެ އަސަރު، ސީދާގޮތެއްގައި ރާއްޖެއަށް ކުރެއެވެ. އޭގެ އެއް މިސާލަކީ މިހާރު ހިނގަމުންދާ ޔޫކްރެއިން ހަނގުރާމައާއި އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ޢަދަދަށް މިއިން ކޮންމެ ހާދިސާއަކުން ލޮޅުން އައިސްފައިވެއެވެ. ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކުކަން ދުނިޔޭގެ އިގްތިސާދަށާއި ސިޔާސީ މަސްރަޙަށް އަންނަ މިފަ ކޮންމެ ލޮޅުމަކުން ދައްކުވައިދެއެވެ.
2004 ވަނަ އަހަރުގެ ސުނާމީއަށްފަހު ރާއްޖެއަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. ކަން މިހެން ހުރިނަމަވެސް، ފަހަކަށް އައިސް ފެންނަމުން އައިސްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުރިހާ ސަރުކާރަކުންވެސް ބޮޑެތި ލޯނުތައް ނަގާ މަންޒަރެވެ. ނިމިދިޔަ ރައީސް ސާލިހުގެ ވެރިކަމާއި މިހާރު ހިނގަމުންދާ ރައީސް މުޢިއްޒުގެ ވެރިކަމަށް ނަޒަރު ހިންގާލާއިރު މިކަން މާސާފުކޮށް ހާމަވާން އެބައޮތެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު އިގްތިސާދުން ދަނީ ފެންނަމުން --- ފޮޓޯ/އެމްޕީއެލް
ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ނަޒަރެއް ހިންގާލާއިރު ފާހަގަވާން އޮތް ކަމަކީ، 2018 އިން ފެށިގެން ބޮޑެތި ލޯނުތައް ނަގާފައިވަނީ، އެލޯނެއް ހޭދަކުރާ މަޝްރޫޢުތަކުން ނަފާ ހޯދައިގެން ލޯނު އަދާކުރެވޭނެ ކަންކަމަކަށް ނޫނެވެ. ސަރުކާރުގެތަކުގެ މައިގަޑު އަމާޒަކަށް ވެފައި އޮތީ ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރުމުގެ ވިސްނުމުގައި، އިގްތިސާދީ މާބޮޑު ނަފާވެރިކަމެއް އެއިން އުފެއްދެން ނެތަސް ޚަރަދު ކޮށްލުމެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި އިގްތިސާދަކަށް ބަރޯސާވާ ނިޒާމެއްގައި ދަރަނި ހޭދަކުރަންވާނީ، ދައުލަތަށް އިތުރު އާމްދަނީ ވަންނާނެ ކަންކަމުގެ މައްޗަށް ވިސްނައިގެންނެވެ. ކުރާ އިންވެސްޓްމަންޓުން ލިބޭ ފައިދާއިން ދަރަނި އަދާކުރެވޭ ވަރުގެ ހަކަތަ އުފެއްދެންވާނެއެވެ. އެފަދަ، އެތައް އިންވެސްޓްމަންޓެއް ގެނައުމުގެ ފުރުސަތު، އިސްތިރާޖީ ގޮތުން މުހިންމު ކުންނެއްގައި އޮތް މިރާއްޖެއަށް ލިބިފައި އެބައޮތެވެ. ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދިވެސް އިތުރަށް ތަރައްޤީކުރާންޖެހެއެވެ. ބައިނަލް އަގްވާމީ ވައިގެން ބަނދަރުތައް ރާއްޖޭގެ އުތުރާއި ދެކުނުގައި އުފެއްދޭނެ މޮޑެލްތައް ހޯދަންޖެހެއެވެ. އަދި އުތުރާއި ދެކުނުގައި އިގްތިޞާދީ ހަބްތައް ހެދުމަށް ބޭނުންވާ ކަންކަން ފަހިވާންޖެހެއެވެ. ސިޔާސީ ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި އެއްވެސް ރައީސަކު މިފަދަ ބޮޑެތި ކަންކަމަށް އިސްކަން ނުދެއްވަނީ، އެބޭފުޅެއްގެ 5 އަހަރުގެ ވެރިކަމުގެ ދައުރުގައި މިފަދަ ބިޔަބޮޑު އިންވެސްޓްމަންޓްތައް ނިންމާ، "މެޑަލް ނުޖެހޭނެތީ"އެވެ. ލެގަސީ (އަމިއްލަ ޖާހަތާއި ގުޅުން ހުންނާނޭކަމަށް ބަލާ) ޕްރޮޖެކްޓްތަކަށް ވެރީންނަށް އިސްކަން ދެއްވެނީއެވެ.
އަނެއްކޮޅުން، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް އެވަގުތަކާއި ޙާލަތެއް ނިޔާކުރާ ގޮތެއްގެ މަތީން، އަޅާންޖެހޭ މުހިންމު ފިޔަވަޅުތައް "ބިރެއްނެތި" އަޅަން ކެރިވަޑައިގަތުމަކީ ރައީސެއްގެ ފަރާތުން ފެންނާނެ، ޤައުމަށް ފައިދާހުރި އެންމެ ހަރުދަނާ އެއް ސިފައެވެ.
އެގޮތުން، މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ މުހިންމު ތިން ސިޔާސަތަކަށް ބަލާލަމާތޯއެވެ. ދައުލަތުގައި ނެތްފައިސާއަކުން ވަޢުދުތައް ފުއްދަވަން ބޭނުންފުޅުވުމުން، ޚިޔާރުކުރެއްވީ ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށްގެން ވަޢުދުތައް ފުއްދަވާށެވެ. އެގޮތުން، އަތޮޅުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ދައުލަތުގެ ކުންފުނިތަކާއި ޙަވާލުކުރެއްވީއެވެ. އެހެންނަމަވެސް، އެ މަޝްރޫޢުތައް ހިނގުމަށް ކުންފުނިތަކަށް ދޭންޖެހޭ މާލީ އެހީތެރިކަން ނުދެވުމުގެ ސަބަބުން، މަޝްރޫޢުތައް ކުރިޔަށްދަނީ ބަރަވެލި ދުވެލީގައެވެ. ގިނަ މަޝްރޫޢުތައް އަދިވެސް ހުރީ ކުރަހާ ފޮތުގައެވެ. ނުފެށިއެވެ. މިއީ ދައުލަތުގައި ނެތް ހަކަތައެއް ނެރެން މަސައްކަތް ކުރެއްވުމުގެ ނަތީޖާއެވެ.

ސަރުކާރުން 206 މަޝްރޫއެއް ހަވާލުކުރުން: އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރީ ކުޅިވަރުގެ ދާއިރާއިން -- ފޮޓޯ/ ރައީސް އޮފީސް
އެހެންނަމަވެސް، އަދުގެ ރައީސަށް ވިސްނިވަޑައިނުގަތީ، ދައުލަތުގެ ކުންފުނިތަކުން ހިއްސާގެ ފައިދާގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް ވައްދާކަމެވެ. އަދި މި ބީދައިން މަޝްރޫޢުތައް "ގަދަކަމުން" ނުވަތަ "އޮބަހައްޓައިގެން" ޙަވާލުކުރުމުން، ކުންފުނިތައް މާލީ ކޮށިއެރުމަކަށް ގޮސް، ދައުލަތަށް ލިބެން އޮތް ހިއްސާގެ ފައިދާ ނުދެއްކޭނެކަމެވެ. ހަމަ އެހެންމެ، ފާއިތުވެދިޔަ ތަނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ހިންގަމުން އައިފަދަ މަޝްރޫޢުތައް ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރުމުން، އެކުންފުނިތައް ފުނޑި، އޭގެ ނިކަމެތިކަން އެތަކެއް އާޢިލާއަކަށް ތަޙައްމަލް ކުރާން ޖެހޭނެ ކަމެވެ.
ދެން އޮތީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައައި ގުޅިގެން ތެލުގެ އަގު ބޮޑު ނުކުރުމުގެ ސިޔާސަތެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔައިރު، އަވައްޓެރި ހުރިހާ ގައުމަކުން ތެލުގެ އަގަށް ބަދަލުގެނައެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިޔާ ވެސް ހިމެނެއެވެ. މިއީ އެންމެ ބާރު މިނުގައި މިވަގުތު ކުރިއަރަމުން އަންނަ ދުނިޔޭގެ މައި އެއް އިގްތިޞާދެވެ. އެއީ، އައިއެމްއެފްގެ 2026 ގެ (ނޮމިނަލް) ހިސާބުތަކުން ދުނިޔޭގެ 6 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ.
އެހެންނަމަވެސް، ދަރަނީގެ ބޮޑު ބުރައެއް އުފުލަންޖެހިފައިވާ މިރާއްޖެއިން ނިންމީ، ތެލުގެ އަގަށް ބަދަލު ނުގެނެސް، ތެލުގެ އަގުން ބޮޑުވި މިންވަރު ސަބްސިޑައިޒް ކުރުމަށެވެ. މާރކެޓް އިކޮނޮމީއާއި، ދުނިޔޭގައި ކަންކަންހިނގާ ގޮތުގެ ހަގީގަތާ އިދިކީލިކޮށް ނިންމި މިނިންމުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ތެޔޮ އެތެރެކުރާ ޕްރައިވެޓް ސެކްޓަރގައި ހިމެނޭ ވިލާއާއި، ހޯކްސްއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ސަބްސިޑީގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދައުލަތުން ޚަރަދު ކުރާން ޖެހުމެވެ.
ތިންވަނައީ މަޝްރޫޢުތަކުގެ ޢަދަދެވެ. މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި އެތާރީޚާ ހަމައަށް މި ސަރުކާރުން 1635 މަޝްރޫޢުއެއް ދިޔައީ ކުރިޔަށް ގެންދަމުންނެވެ. އަދި އެއީ ރައީސް ސޯލިހުގެ ސަރުކާރުގައި ހިންގި 414 މަޝްރޫޢު އާއި ރައީސް ޔާމީން ސަރުކާރުގައި ހިންގި 355 މަޝްރޫޢު އަށްވުރެ މާބޮޑަށްވެސް އިތުރު އަދަދެއް ކަމަށް ވިދާޅުވެ މި ސަރުކާރުގެ ސިޔާސީ އިސް ބައެއް ފަރާތްތަކުން ގެންދެވީ އެވާހަކަތައް ޒީނަތްތެރިކޮށް ދައްކަމުންވެސްމެއެވެ.
އެހެންނަމަވެސް މިހާތަނުން އުފެދޭ ސުވާލެއް އެބައޮތެވެ. މި ސަރުކާރުން، ހިންގަމުން ދާކަމަށް ވިދާޅުވާ 1635 މަޝްރޫޢުތަކުގެ ތެރޭގައި އޮތީ، އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ކިތައް މަޝްރޫޢެއް ތޯއެވެ؟ ހަމަ އެހެންމެ، ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ތަދުމަޑުކަމާއި، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ޙާލަތާއެކުވެސް، މިހާ ގިނަ ޢަދަދެއްގެ މަޝްރޫޢު މި ސަރުކާރުން ކުރިޔަށް ގެންދާކަމަށް ސަރުކާރުން ވިދާޅުވުމުން، އަދި އެއަދަދާއި ގާތްކުރާ މިންވަރަށް ޢަމަލީ މަސައްކަތް ފެންނާން ނެތް ޙާލަތުގައި، ސަރުކާރު މި ހިސާބުތަކާއި ދައްކަމުންދާ ވާހަކަަތައް ބުއްދީގެ ހަމަތަކަށް ފެއްތޭނެ ހަމަ އެއްވެސް ހަމައެއް ފަންނާން ނެތްކަމުގައި ދަންނަވާން ޖެހެއެވެ.
އެގޮތުން، ގައުމަށް ނުލިބޭ އާމްދަނީއަކުން މަޝްރޫޢުތައް ހިންގާން އުޅުމުގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އަރަމުންދާ މިންވަރުންނެވެ. މަޝްރޫޢުތައް ހިންގާނަމަ، އެ މަޝްރޫޢުތަކަށް ބޭނުންވާ ހުރިހާ މުދަލެއް ރާއްޖެއަށް އެތެރެކުރަން މަޖުބޫރެވެ. އެތަކެތި އެތެރެކުރެވޭނީ ޑޮލަރުންނެވެ. ޑޮލަރު ގަންނަން ބޭނުންވަނީ ދިވެހި ރުފިޔާއެވެ. އެވަރަށް ދައުލަތަށް އާމްދަނީ ނުވަންނަނަމަ، ދެން ކުރަންޖެހެނީ ޗާޕެވެ. ޑޮލަރުގެ އަގަށް ވާނެގޮތް ވިސްނަވާށެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: އޭނާއަކީ މިސަރުކާރުގެ 3 ވަނަ މާލީ ވަޒީރު -- ފޮޓޯ: ރައީސް އޮފީސް
އެހެންކަމުން، އެކަށީގެންވާ ގޮތެއްގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ނުދިއުމާއެކުވެސް، މިފަދަ ދެކޮޅު ނުޖެހޭ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން، ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. ދައުލަތުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް ދަނީ މަތިވަމުންނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިރާއްޖެ މިއޮތް ހާލަތުން މިންޖުކޮށް އިގްތިސާދު ކޮޅަށް ޖަހަން ބޭނުންވާ ނަމަ، "ޖެހިލުންވެވަޑައިނުގެން" ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ރައީސް މުޢިއްޒު އަޅުއްވަންޖެހެއެވެ. މަޝްރޫޢުތައް އިސްކަންދޭ ނިސްބަތުން ތަރުތީބުކޮށް، މިވަގުތަށް ކޮންމެހެން ބޭނުން ނުވާ މަޝްރޫޢުތައް ހުއްޓާލަންޖެހެއެވެ. ސިޔާސީ ވަޒީފާގެ ޢަދަދު މަދުކޮށް، ސަރުކާރުގެ ގަވަރނަންސް ވަރުގަދަ ކުރަންޖެހެއެވެ. މަޝަރޫއުތައް ހިންގުމުގެ ނަމުގައާއި، ރައީސް މުޢިއްޒުއަށް ތާއީދު އިތުރުކުރުމުގެ މޯހިރުގައި ދައުލަތުގެ ކުންފުނިތައް އޮއްޓުއަޅުވާފައި އޮތް އޮތުމުން މިނިވަންކޮށް، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުން ހިންގާ ވިޔަފާރިތަކަކަށް އެ ކުންފުނިތައް ބަދަލުކުރުމަށް ފުރުސަތު ދޭންޖެހެއެވެ.
އަޅުގަޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ އޭޕްރިލް މަހު ދައުލަތުގެ 11 ވަޒީރަކު އިސްތިޢުފާ ދެއްވީވެސް، ދައުލަތް ހިންގުމުގައި ރައީސް މުޢިއްޒު ގެންގުޅުއްވާ ދެކޮޅު ނުޖެހޭ މިފަދަ ބައެއް ސިޔާސަތުތައް ބަދަލުކުރެއްވުމަށް ތަކުރާރުކޮށް މަޝްވަރާ އެރުއްވި ނަމަވެސް، އެ މަޝްވާރާތައްވެސް ބޮލާލާ ޖައްސަވަމުންނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރައީސް މުޢިއްޒުގެ މި ސިޔާސަތުތަކުން މޭރުން ކޮށްދެނީ، ޙުއްބުލްވަޠަންގެ ލޯތްބަށްވުރެ އެމަނިކުފާނުގެ ހިތްޕުޅުގައި 2028 އަށް އޮތް ބޮޑު ޝައުގުވެރިކަމެވެ. އޮޑީގެ މިސްރާބު ގެއްލި، ބަސް ނުވިކޭ އޮޑިއެއްގެ ދިނރުބާ ކޮޅުގައި ހުންނަވަން ބޭނުންވެވަޑައި ނުގެން،، އެންމެފަހުން މާލީ ވަޒީރަށް ވެސް ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވާށެވެ.