ފިލްމު 'ކާލާ ހިރަން'ގެ ޕްރޮޑިއުސަރާއި ސަލްމާން ގާނޫނީ މައްސަލަގަނޑެއްގެ ތެރެއަށް

ފިލްމު "ކާލާ ހިރަން"ގެ ޕްރޮޑިއުސަރު އަމިތު ޖާނީ އަދި އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

ފިލްމު "ކާލާ ހިރަން"ގެ ޕްރޮޑިއުސަރު އަމިތު ޖާނީ، މަޝްހޫރު ސަލްމާން ޚާންގެ ޝަހްސީ ހައްގުތަކާ ގުޅޭގޮތުން ދިއްލީ ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި ފިލްމުގެ ޓީޒާ އާއި އިޝްތިހާރުތައް ނެގުމަށް ދިއްލީ ހައިކޯޓުން ކުރި ވަގުތީ އަމުރަށް ޕްރޮޑިއުސަރު އަމިތު ޖާނީ ސުޕްރީމް ކޯޓުގައި ގޮންޖަހާފައިވާއިރު، މި މައްސަލައަކީ ފިލްމުގެ އިޝްތިހާރުތަކުގައި ސަލްމާންގެ ޝަހްސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.

ޖާނީ ފަޔަ ފޮކްސް ފިލްމްސްގެ ދަށުން މި ފިލްމު އުފައްދާ ޖާނީ، އިސްތިއުނާފު ކުރީ ހައިކޯޓުން މިދިޔަ ޖުލައި މަހުގެ 27ގައި ނެރުނު އަމުރަށެވެ. މި މައްސަލަ އުފެދުނީ ޖުލައި 17ގައި "ކާލާ ހިރަން"ގެ ޓީޒާ އާންމުކުރުމާ ގުޅިގެންނެވެ. އެ ޓީޒާގައި ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވޭ (ބްލެކް ބަކް) ޝިކާރުކުރި މައްސަލައަށް އިޝާރާތް ކޮށްފައިވާ ކަމަށް އެކްޓަރުގެ ގާނޫނީ ޓީމުން ވަނީ ތުހުމަތުކޮށްފައެވެ.

ފިލްމު "ކާލާ ހިރަން"ގެ މަންޒަރެއް އަދި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

އޭއެންއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖާނީގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވަނީ، ސަލްމާންގެ ޝަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ގޮތެއް ސާފުކޮށް ބަޔާންކުރުމެއް ނެތި ހައިކޯޓުން ޓީޒާ ހުއްޓުވާފައިވާ ކަމަށެވެ.

އިސްތިއުނާފުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައަކީ ދުސްތޫރީ ގޮތުން ނުހަނު މުހިއްމު ސުވާލުތަކެއް އުފެދޭ މައްސަލައެއް ކަމަށާއި، އެކްޓަރުގެ ގާނޫނީ ބުރަދަނެއް ނެތް މި ހުށަހެޅުން ބަލައިގަތުމަކީ ޝަހްސީ ހައްގުތައް ހަތިޔާރަކަށް ބޭނުންކޮށްގެން ފަންނީ، ނޫސްވެރިކަމުގެ އަދި ތާރީހީ ހަގީގަތްތައް ހާމަކުރުން ހުއްޓުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.

އަދި ޝަހްސީ ހައްގުތަކުގެ ނަމުގައި ފިލްމު އުފައްދާ ފަރާތްތަކުގެ އުފެއްދުންތެރިކަން ހުއްޓުވުމަކީ މިނިވަން ފިލްމު އުފެއްދުމަށާއި، ނޫސްވެރިކަމަށް އަދި އާންމު މަސްލަހަތު ހިމެނޭ ކަންކަން ފަންނީ ގޮތުން ހުށަހަޅައިދިނުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އެ ޕްލީގައި ބަޔާންކޮށްފައިވެއެވެ.

ސަލްމާން ދިއްލީ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ ހުއްދައެއް ނެތި އޭނާގެ ޝަހްސިއްޔަތު ވިޔަފާރީގެ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. ދެ މިނެޓުގެ އެ ޓީޒާގައި ފެންނަ "އަޔާން ޚާން" ކިޔާ ހިޔާލީ ކެރެކްޓަރަކީ ސީދާ އޭނާއަށް ނިސްބަތްވާ ގޮތަށް ސިފަކޮށްފައިވާ މީހެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެ ޓީޒާގައި ސަލްމާންގެ ފިލްމުތައް ކަމަށްވާ "ދަބަންގް" އަދި "ސިކަންދަރު"އަށް އިޝާރާތް ކޮށްފައިވާ ކަމަށާއި، އަދި ކޯޓުގައި ހިނގަމުންދާ (ބްލެކް ބަކް) ޝިކާރަކުރި މައްސަލައިގެ އުންސުރުތައް ހިމަނާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ޓީޒާގައި ފެންނަނީ (ބްލެކް ބަކް)އެއް މެރި ކަމުގެ ތުހުމަތު ކުރެވޭ ސުޕަސްޓާރެއްގެ ކޯޓު މަރުހަލާތަކެވެ. އޭގެތެރޭގައި ހެކިބަސް ނެގުމާއި، ފޮރެންސިކް ހޯދުންތަކާއި، ހެކިންނަށް ބިރުދެއްކުމަށް ކުރާ މަސައްކަތްތައް ފަދަ މަންޒަރުތައް ހިމަނާފައިވެއެވެ.

ދިއްލީ ހައިކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ، ބަލާބެލުމަށް އެ ޓީޒާގައި ސަލްމާންގެ ޝަހްސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށާއި، މީގެ ސަބަބުން އޭނާގެ އަބުރަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެހެންކަމުން ޓީޒާ އާއި އިޝްތިހާރުތައް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް