އާމިރުގެ އާ ފިލްމަށް ތައްޔާރުވާން ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ފަށައިފި

އިންޑިއާގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާމިޔާބު ފިލްމު "ލަގާން" އަށްފަހު، މަޝްހޫރު ފިލްމީ ތަރި އާމިރު ޚާން އާއި ޑައިރެކްޓަރު އަޝުތޯޝް ގޯވަރިކަރް، އެކީގައި އުފައްދާ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އާމިރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އާމިރު އާއި އާޝުތޯޝް ގުޅިގެން އުފައްދާ ކުޅިވަރު ޑްރާމާ "ލަލްކާރާ"ގައި އެކްޓަރު ކުޅޭނީ ފިލްމު "ލަގާން"ގައި އިނގިރޭސިންނާ ދެކޮޅަށް ކްރިކެޓް ކުޅުނު "ބޫވަން"ގެ ކެރެކްޓާއާ ޚިލާފަށް، މުޅިން ތަފާތު ރޯލަކުންނެވެ.

ފިލްމްފެއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ލަލްކާރާ"ގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން އާމިރު މިހާރު ވަނީ ބަރުދަން ލުއިކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށާފައެވެ. އާމިރު އުމުރުން ދުވަސްވީ ނަމަވެސް، މި ފިލްމުގައި އޭނާ ކުޅެންޖެހެނީ 25 އަހަރުގެ ޒުވާނެއްގެ ބައި ކަމަށްވާތީ، މިއީ ފިލްމުގެ ކެރެކްޓާއަށް ގެނައުން ވަރަށް މުހިންމު ބަދަލެކެވެ.

ފިލްމު ޑައިރެކްޓަރު އާޝުތޯޝް އަދި އާމިރު ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާމިރަކީ އާންމުކޮށްވެސް ފިލްމުތަކުގެ ރޯލުތަކަށް ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެންނަ ތަރިއަކަށް ވާއިރު، މިފަހަރުވެސް އޭނާ ހުރީ އެފަދަ ފުރިހަމަ ބަދަލެއް ދެއްކުމުގެ އަޒުމުގައެވެ.

ފިލްމުތަކުގައި ކުޅޭ ކެރެކްޓާއާ ގުޅޭގޮތަށް ސިފަ ބަދަލުކުރުމުގައި ނަމޫނާ ދައްކާފައިވާ އާމިރު، މީގެކުރިންވެސް ގިނަ ފިލްމުތަކަކަށް މިފަދަ ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ފިލްމު "ޑަންގަލް"ގައި އާމިރު ކުޅުނު ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ގެނައި ބޮޑު ބަދަލު ފާހަގަކޮށްލެވެއެވެ.

ޕިޔޫޝް ގުޕްތާ އާއި ނީރަޖް ސިންގް ލިޔެފައިވާ "ލަލްކާރާ" ބިނާވެފައިވަނީ އިންޑިއާގެ ކްރިކެޓްގެ މާޒީގެ މައްޗަށެވެ. މީގެއިތުރުން ވާދަވެރިކަމާއި، އެކުވެރިކަމާއި، ގައުމީ ލޯބީގެ އިތުރުން، އިންޑިއާ އާއި ޕާކިސްތާން ވަކިވުމުގެ ސަބަބުން އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިންގެ ދިރިއުޅުމަށް އައި އަސަރުތައްވެސް މި ފިލްމުން ދައްކުވައިދޭނެއެވެ.

ފިލްމު "ލަގާން" ފަދަ ކާމިޔާބު ފިލްމަކަށްފަހު އާމިރު އާއި އަޝުތޯޝް އަލުން ގުޅުމުން ގިނަ ބައެއްގެ ސަމާލުކަން މިހާރުވެސް ވަނީ މި ފިލްމަށް ހުއްޓިފައެވެ. އާމިރުގެ ހަށިގަނޑަށް މި ގެންނަ ބޮޑު ބަދަލާއެކު، "ލަލްކާރާ" ވެގެންދާނީ މި ދެ ފަންނާނުންގެ ވަރަށް އުންމީދީ މަސައްކަތަކަށެވެ.

comment ކޮމެންޓް