ވޮޝިންޓަން (23 އޮގަސްޓް 2026) : ކެނެޑާއިން މަސައްކަތް ކުރަނީ އެމެރިކާގެ ސްޓޭޓަކަށް ނުވެ އެމެރިކާ އަތުން ވިޔަފާރީގެ ފައިދާ ނަގަން ކަމަށާއި، އެކަން އެގޮތަށް ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކެނެޑާގެ އުފެއްދުންތަކުން 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ އުފެއްދުންތަކުން ވެސް 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް ކެނެޑާއިން ނިންމުމުން، ވަރަށް ކޯފާވެގެން ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލްގައި ލިޔުއްވި ގޮތުގައި ކެނެޑާއިން މަސައްކަތް ކުރަނީ އެމެރިކާގެ ސްޓޭޓަކަށް ނުވެ އެމެރިކާ އަތުން ވިޔަފާރީގެ ފައިދާ ނެގުމަށެވެ.
ނަމަވެސް އެ ފުރުސަތު ކެނެޑާއަކަށް ނުދޭނެއެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވި ގޮތުގައި އެމެރިކާއާ ދެން މުއާމަލާތް ކުރާނީ އަޅާ ފިޔަވަޅަކަށް ފިޔަވަޅެއް އަޅައިގެންނެވެ.
"ކެނެޑާގެ އުފެއްދުންތަކުން އެމެރިކާއިން ނަގާ ކޮންމެ ޑޮލަރަކަށް އެމެރިކާގެ އުފެއްދުންތަކުން ކެނެޑާއިން ވެސް އެ މިންވަރަށް ޑޮލަރު ނަގާނެ،" ކާނީ ވިދާޅުވިއެވެ.
ކާނީ ވަނީ އެމެރިކާގެ ހަތިޔާރު ގަތުން ވެސް ކައިރި މުސްތަގުބަލެއްގައި ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއަށް ބަރޯސާވެގެން ފުރިހަމަ މިނިވަންކަމުގައި ކެނެޑާއަށް ނޫޅެވޭނެ ކަމަށާއި، އެމެރިކާ އަތުން ހަތިޔާރު ގަތުމަށް އެތައް ބިލިޔަން ޑޮލަރެއް ކެނެޑާއިން ހޭދަކުރާއިރު، ކައިރި މުސްތަގުބަލެއްގައި ކެނެޑާއަށް ބޭނުންވާ ހަތިޔާރުގެ 80 އިންސައްތަ ކެނެޑާއިން އަމިއްލައަށް އުފައްދާނެ ކަމަށާއި، އަދި ސައްތައިން ސައްތަ ހަތިޔާރު 10 އަހަރު ދުވަހުގެ ތެރޭގައި ކެނެޑާއިން އުފައްދާނެ ކަމަށް ވެސް ކާނީ ވިދާޅުވިއެވެ.
ޓްރަމްޕްގެ ހަރުކަށިކަމާމެދު ޔޫރަޕްގެ ގައުމުތައް ވެސް ވަނީ ކަންބޮޑުވެފައެވެ. ޔުކްރެއިން ހަނގުރާމައަކީ ރަޝިއާއާއި ޔޫރަޕްގެ ގައުމުތައް ޖައްސުވައިގެން، ރަޝިއާގެ ތެލުގެ ބަދަލުގައި އެމެރިކާގެ ތެޔޮ ގަތުމަށް ޔޫރަޕަށް މަޖުބޫރުކުރުމަށް އެމެރިކާއިން ރޭވި ރޭވުމެއްގެ ތެރެއިން އުފަންވި ހަނގުރާމައެއް ކަމަށް ޔޫރަޕްގެ ބައެއް ފަރާތްތަކުން މިހާރު ވަނީ ދެކެން ފަށާފައެވެ.
ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕާއި ރަޝިއާގެ ގުޅުންތައް ވަނީ ކެނޑިފައެވެ. މިއާއެކު ރަޝިއާގެ އަގުހެޔޮ ތެޔޮ ދޫކޮށްލުމަށްފަހު ޔޫރަޕުން މިހާރު ވަނީ އަގުބޮޑުކޮށް އެމެރިކާގެ ތެޔޮ ގަންނަން ފަށާފައެވެ.
މިކަމުގެ ސަބަބުން ޔޫރަޕަށް ވަނީ އިގްތިސާދީ ބޮޑު ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައެވެ. އެމެރިކާއިން މިހާރު ވަނީ ޔޫކްރެއިނަށް ހިލޭ ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންތަކުން ވެސް ބޯދަމައިގަނެ، ޔޫރަޕުން އެމެރިކާ އަތުން ބޮޑުއަގުގައި ހަތިޔާރު ގަނެގެން އެ ހަތިޔާރު ޔުކްރެއިނަށް ފޯރުކޮށްދިނުމުގެ މެކޭނިޒަމެއް ގާއިމުކޮށްފައެވެ. މިއީ ވަރަށް ހީލަތްތެރިކަމާއެކު އެމެރިކާއިން ކުރި ކަމެއް ކަމަށް ބުނެ ޔޫރަޕްގެ މަޝްހޫރު ބައެއް ނޫސްތަކުގައި ވަނީ އާޓިކަލްތައް ޝާއިއުކޮށްފައެވެ.
މީގެއިތުރުން އެމެރިކާއިން ވަނީ ޓެރިފްގެ ފިޔަވަޅުތައް އެޅުމުގައި ވެސް ޔޫރަޕަށް ކުޑަވެސް ދުލެއް ދިނުމަށް ދެކޮޅު ހަދައި، ޔޫރަޕްގެ އުފެއްދުންތަކުން ބޮޑު ޓެރިފެއް ނަގަން ފަށާފައެވެ. މި މައްސަލާގައި ކެނެޑާއާއި ޔޫރަޕްގެ ގިނަ ގައުމުތައް ވަނީ އެމެރިކާއަށް މެސެޖެއް ދިނުމުގެ ގޮތުން އިގްތިސާދީ ގޮތުން ޗައިނާއާ ގާތްވާން ފަށާފައެވެ.