ޕެޓިޝަން ގަވާއިދަށް ގެނައި ބަދަލުގެ ދިފާއުގައި ޢަބްދުއްރަޙީމް: "އެއީ އާންމުންނަށް ގިނަ ފުރުސަތު ދޭން ގެނައި ބަދަލެއް"

މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް: މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލަކީ އާންމުންނަށް ވީހާވެސް ގިނަ ފުރުސަތު ދިނުމަށް ގެނައި ބަދަލެއް ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލަކީ އާންމުންނަށް ވީހާ ވެސް ގިނަ ފުރުސަތު ދިނުމަށް ގެނައި ބަދަލެއް ކަމަށް ވިދާޅުވެ، އެ ބަދަލުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވާހަކަފުޅު ދައްކަވައިފިއެވެ.

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ބަހުސްކުރައްވައި ނިމުމުން ޢަބްދުއްރަޙީމް ވިދާޅުވީ، ގަވައިދަށް ގެނައި ބަދަލުން އިތުރު މީހުންނަށް ވެސް އެއް ކަމެއްގައި ގިނަ ޕެޓިޝަން ހުށަހަޅަން ފުރުސަތު ފަހިވާ ކަމަށެވެ.

"ހައްތަހާވެސް އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދެވޭ ފުރުސަތު އިތުރުކުރެވޭތޯ، ރައްޔިތުންގެ މަޖިލިސް ކަމަށް ވާތީ ރައްޔިތުންގެ މަޖިލީހުން މި މަސައްކަތްކުރަނީ ވީހާވެސް ބޮޑަށް ފުރުސަތު ދެވޭތޯ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހެވެ.

https://sun.mv/226197

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ހުށަހަޅާ ޕެޓިޝަނެއްގެ ޝަރުތުތަކުގެ ތެރޭ, މަޖިލީހަށް ކުރިން ހުށަހެޅި ޕެޓިޝަނެއްގައި އެޅުމަށް ގޮވައިލައިފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުން ހިމެނެއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް އެ ޝަރުތު އުނިކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވީ އެ ހުށަހެޅުއްވުން ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 56 މެންބަރެއްގެ އަޣުލަބިއްޔަތުންނެވެ، ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދެކޮޅު ޕެޓިޝަން ހުށަހެޅޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް ސޮއި ހަމަކޮށް، ތަޅުމުގައި އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފައި އޮއްވައެވެ.

އެކަމަކު އެ ބިލު ފާސްކުރުމަށް ގޮވައިލައި ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުން ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ވައްދައިފައެވެ.

މިއަދުގެ ޖަލްސާގައި ދެ ޕެޓިޝަނަށް ވެސް ބަހުސްކޮށް ވޯޓަށް އަހާނެއެވެ.

comment ކޮމެންޓް