ޑައިރެކްޓަރު އަޔާން މުކަރުޖީ މީގެ ހަތަރު އަހަރު ކުރިން ގެނެސްދިން ފިލްމު "ބްރައްމަސްތުރާ"ގެ ދެވަނަ ބައިގެ ހާއްސަ ރޯލެއް ބަތަލާ ދީޕިކާ ޕަދުކޯންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލް މަހުތެރޭ ފަށަން ތައްޔާރުވަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ފިލްމުގައި ހިމަނާފައިވާ "އަމްރިތާ"ގެ ކެރެކްޓާއަށް ގެންނާނެ ތަރިއަކަށެވެ. އެ ރޯލުން ފެންނާނީ ދީޕިކާ ކަމަށް ބެލެވޭތީ މިއީ ގިނަ ދުވަސްތަކަކަށްފަހު ރަންބީރާއި ދީޕިކާ އެކުގައި ފެންނާނެ ފިލްމަކަށް ވުމުން ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ 'ބޮލީވުޑް ހަންގާމާ'އަށް އެނގިފައިވާ ގޮތުގައި، ދީޕިކާގެ އަމިއްލަ އަދި މަސައްކަތުގެ ތާވަލު ހުރިގޮތުން އޭނާއާ އެކު އަދިވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ.
މި ފިލްމާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، "ބްރަހްމާސްތްރަ 2"ގައި ބަތަލާ އާލިއާ ފެންނާނީ މުހިންމު އަދި ދިގު ރޯލަކުންނެވެ. އާލިއާގެ މަންޒަރުތައް ނެގުމަށް ގާތްގަނޑަކަށް 25 ދުވަސް ހޭދަވާނެ ކަމަށް ބެލެވޭއިރު، މުޅި ފިލްމުގެ ޝޫޓިން ކުރިއަށްދާނީ ގާތްގަނޑަކަށް 125 ދުވަހުގެ މުއްދަތަކަށެވެ.

ފިލްމު "ބްރަހްމާސްތްރަ"ގެ މަންޒަރެއްގައި އާލިއާ އަދި ރަންބީރު--ފޮޓޯ/ޕިންކްވިލާ
ރަންބީރު އާއި ދީޕިކާ އެކީގައި މަސައްކަތްކޮށްފައިވާ ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެއްކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، އަޔާން މުކަރުޖީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ޔޭ ޖަވާނީ ހޭ ދީވާނީ" އަދި ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "ތަމާޝާ" ހިމެނެއެވެ.
ފިލްމު "ބްރަހްމާސްތްރަ 2" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ހަދާ ފެންޓަސީ އެކްޝަން އެޑްވެންޗާ ޓްރިލޮޖީއެކެވެ.