އިޤުރާރުވީމޭ ލޯބިން - 59

އިޤުރާރުވީމޭ ލޯބިން -

ގޮތް ދޫނުކުރުމާއި، ބަސް ބަސް ބުނުމާއި، ރުޅިއަކީ އިންސާނާގެ ހަލާކެވެ. އޭނާ އެ ސިފަތައް ދޫކޮށްނުލައިފިނަމަ އެ ޢާއިލާ ރޫޅިގެން ހިނގައިދާނެއެވެ.

*****

ރިހާމްއާ ދާނިޔާއާ ދިޔައީ ހުޅުމާލެއަށެވެ.

"ރިހާމް... އޯކޭތަ؟" ދާނިޔާ ރިހާމްއަށް ގޮވައިލަމުން ސުވާލުކޮށްލިއެވެ.

"ހޫމް..." ރިހާމް ބުނެލިއެވެ.

"ދެން ކިހިނެއްވެފަ ތީނީ މާ މަޑުމަޑުން. އެއްވެސް އެއްޗެއް ވެސް ނުބުނެ އެބައިން ހަމަ...." ދާނިޔާ ބުނެލިއެވެ. "ދެންމެ ކާކުގެ ކޯލެއްތަ އައީ؟"

އައި ފޯނު ކޯލަށް ފަހު ރިހާމް ހިމޭންކަން އިޚްތިޔާރުކުރުމުން، ދާނިޔާއަށް ސުވާލުކޮށްލެވުނެވެ. ވެގެން އުޅޭ ގޮތެއް އެނގުމުގެ ޝައުޤުވެރިކަން އޭނާގެ އަޑުގައިވީ އިރު ކުޑަ ނުތަނަވަސްކަމެއް ވެސް ވިއެވެ.

"ލޯޔަރެއް ކުންފުނިން ވަކިވަނީ...." ރިހާމް ބުނެލިއެވެ.

"ދެން ރިހާމް ތި ވިސްނަނީ ކިހިނެއް؟" ދާނިޔާ ސުވާލުކޮށްލިއެވެ.

"ކުންފުނި ބަނގުރޫޓްވަނީ... ކޮންމެވެސް ގޮތެއް ހަދަން އެބަޖެހޭ... އެހެން ނޫނީ ދެން ނޭނގެ...." ރިހާމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ދެން؟" ދާނިޔާއަށް އަހައިލެވުނެވެ.

"އަހަރެން ބޭނުންވަނީ ކުންފުނި ރިބްރޭންޑްކުރަން. އައު ފެށުމަކުން ފަށަން. އައު އިންވެސްޓްމަންޓްތައް ހޯދަން. އެކަމަކު ރިބްރޭންޑްކުރަން ބައްޕަ އެއްބަހެއް ނުވޭ. އެހެންވީމަ ދެން ކުރަންޖެހޭނެ ކަމަކީ ލޯނެއް ހަމަޖެއްސުން، ނޫނީ އިތުރު އިންވެސްޓްމަންޓްތައް ހޯދުން. އިތުރު ބަޔަކާ އެކު އަންނަ ހަފްތާގަ އެބައޮތް މީޓިންއެއް. އެމީހުންނާ އެކު އެއްބަސްވުމަކަށް އާދެވުނިއްޔާ ފަހަރުގައި ކުންފުނި ސަލާމަތްކުރެވިދާނެ. އެހެންނޫނީ، އެކަމެއްނުވާނެ." ރިހާމް ބުނެލިއެވެ. އެހެންނަމަވެސް، އެ ބަޔަކާ އެކު އެއްބަސްވުމަކަށް އައުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އޭނާއަށް އެނގެއެވެ. ސަބަބަކީ އެމީހުންގެ ކުންފުނި އޮތް ޙާލަތެވެ. އެހެންނަމަވެސް، ފަހު ވަގުތާ ޖެހެންދެން ވެސް އުންމީދު ކަނޑައިލާކަށް ނުވާނެތާއެވެ. ދާނިޔާ ރިހާމްގެ އަތުގައި ހިފަހައްޓައިލަމުން، ހިތްވަރު ދިނުމުން ރިހާމް ވެސް ގަދަކަމުން ހިނިތުންވެލިއެވެ.

ގެއަށް ދިޔުމަށްފަހު ނިދަން ތައްޔާރުވެގެން އައިސް އޮށޯއިން ނަމަވެސް، ރިހާމްއަށް ނިދޭގޮތެއްނުވިއެވެ. އެއް ފަރާތުގައި ނިދާލާފައި އޮތް، ދާނިޔާއަށް ބަލައިލުމަށް ފަހު، އެނދުން ތެދުވެގެން ގޮސް ސްޓޭންޑުގައި އަޅުވައިލައިފައި ހުރި ހުދުކުލައިގެ ޓީޝާޓެއް ގަޔަށް މަހައިލަމުން، ރިހާމް ކޮޓަރިން ނުކުމެލިއެވެ. އޭނާ އެރީ ޓެރެސްއަށެވެ. ރެއިލިން ކައިރިއަށް ޖެހިލުމަށް ފަހު، ރެއިލިންގައި އަތް އަޅުވައިލައިގެން ދުރަށް ނަޒަރު ހުއްޓައިލިއެވެ. އަދިވެސް ސިކުނޑީގެ ހާސްކަމަށް ލުޔެއް ނުލިބެއެވެ. އައިރާގެ ހަނދާންތަކުން ސިކުނޑި މިންޖެއްނުކުރެވެއެވެ.

މާކުރީގެ ހަނދާނެއް އައިސް އޭނާގެ ސިކުނޑީގައި ކޮއްޓައިލިއެވެ. އާނއެކެވެ. އައިރާމެން ރަށަށް އޭނާ ދިޔަ ދުވަހުގެ ހަނދާންތަކެކެވެ. އޭނާ އެ ރަށަށް ދިޔައީ އެކުވެރިއަކާ އެކު އެ ރަށް ބަލައިލުމުގެ ބޭނުމުގައެވެ. ހަމައެއާއެކު، އެކުވެރިޔާ އެ ރަށުގައި ގެސްޓް ހައުސްއެއް އަޅަން ބޭނުންވާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދީ، މަޝްވަރާދިނުމުގެ ބޭނުމުގައެވެ. އައިރާއާ އޭނާއާ ދިމާވި އިއްތިފާޤީ ބައްދަލުވުން މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ ވެސް އާދައިގެ ރެއެކެވެ. އޭރު އޭނަ އެ ރަށުގައި ހޭދަކުރާތާ ހަފްތާއެއް ވެއްޖެއެވެ. އަތިރިމަތީގައި ހުރެފައި، ވާރޭ ކަނި ޖަހަން ފެށުމުން ފިޔަވަޅުތައް އަވަސްކޮށްލަމުން، އޭނާ ގެއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން ވާރޭ ބޯ ކޮއްލިއެވެ. އޭރު އޭނާއަށް ހުރެވުނީ، އައިރާމެން ގޭ ކައިރީގައެވެ. ސިހުން ގެނުވީ ވަރަށް ބާރަށް އެގެއިން ނުކުތް އަންހެން ކުއްޖަކު އޭނާގެ ގައިގައި ލަށްވުމުންނެވެ. އެ ވަގުތު ދެމީހުން އެކުގައި ނުވެއްޓުނީ ކިރިޔާއެވެ. އެ ކުއްޖާގެ ފަހަތުން، އިތުރު ފިރިހެނަކު ވެސް ނުކުތެވެ. އެއީ މެދު އުމުރުގެ މީހެއްކަން އެނގެއެވެ. އެ ގެއާ ދިމާލުގައި ހުރި މަގު ބައްތި ނިވިފައިވާތީ އެހިސާބަށް އެޅިފައިއޮތީ ތަންކޮޅެއް ދުރުގައި ހުރި މަގުބައްތިއަކުން ފުރޭނިގެން އައިސްފައިވާ ފަނޑު އަލިކަމެކެވެ. އެހެންކަމުން އެމީހެއްގެ މޫނު މާ ރަނގަޅަކަށް ނުފެނެއެވެ.

އޭނަ ފެނުމާ އެކު އެ މީހާ ވެސް ފިލައިފިއެވެ.

"އޭނަ ކިބައިން އަހަރެން ސަލާމަތްކޮށްދީ ޕްލީޒް!...." އެ ކުއްޖާ ރޮވޭ ޙާލު ބުނެވުނެވެ.

"ކާކު އެއީ؟ ކިހިނެއްވީ؟" ރިހާމް ސުވާލުކޮށްލިއެވެ.

"ޖަ... ޖަމާލު....." އެ ކުއްޖާގެ އަޑު އޭރު ތުރުތުރު އަޅައެވެ.

"ޖަމާލޭ...." ރިހާމްއަށް އަހައިލެވުނެވެ. އެއާއެކު ރޮވެމުންދިޔަ އަންހެންކުއްޖާ ބޯ ޖަހައިލިއެވެ. ހިނދެން ހިނދަކަށް ބޯކުރަމުން ދިޔަ ވާރޭގެ ސަބަބުން ދެމީހުން ތެމި ފޯވަމުން ދިޔައެވެ. އެ އަންހެން ކުއްޖާ ތުރުތުރު އަޅަމުން އެ ދަނީ، ފިނިވެގެން ނޫންކަން ރިހާމްއަށް އެނގެއެވެ. އެހެންނަމަވެސް، އެއީ ސިހުމާއި ބިރު އެކުވެގެން ގޮހެވެ.

"އޭނަ އެ ދިޔައީނު. ދެން ދޭ ގެއަށް." ރިހާމް ބުނެލިއެވެ. އެއާއެކު އެ ކުއްޖާ ސިހިފައި ރިހާމްގެ ގައިން ދޫކޮށްލިއެވެ. އަދި އެއަށްފަހު ގޮސް ގެއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ.

ފަހުން އެ ކުއްޖާ ފެނިގެން ފެނިގެން އެކުވެރިޔާއަށް ދައްކައިފައި މައުލޫމާތު އެހުމުން އެކުވެރިޔާގެ ފަރާތުން އިވުނު ވާހަކަތަކުން ހައިރާންވިއެވެ. އައިރާއަކީ މީގެ ދެ ދުވަސްކުރިން މަރުވި ހަށިވިއްކާ އަންހެން މީހާގެ ދަރިކަން އޭނާ ކިޔައިދިނެވެ. ހަމަ އެއާއެކު އައިރާއާ ބެހޭގޮތުން ވެސް އިވުނީ މުޅިން ވެސް ނުރަނގަޅު ގޯސް ވާހަކަތެކެކެވެ. އެހެންނަމަވެސް، އެކަން ޤަބޫލުކުރަން ރިހާމްއަށް ދަތިވިއެވެ.

ރިހާމްއާ އައިރާއާ ދިމާވި ފުރަތަމަ ރޭ އައިރާގެ ފަރާތުން އެރޭ މާ ބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، ފަހުން ދިމާވެ އައިރާގެ ވާހަކަތައް އަޑު އެހުމުގެ ފުރުޞަތު އޭނާއަށް ލިބިގެން ދިޔައެވެ. އެއީ އެ ރަށުގެ ގޮނޑުދޮށުންނެވެ. އައިރާ ރާޅުޖަހާ ފަށުގައި ހުއްޓާ ރިހާމްއަށް ފެނުނީ އޭނާ ގޮނޑުދޮށަށް ދިޔަރެއެއްގައެވެ. އޭނާ ވާހަކަ ދައްކަން ފެށުމުން، އެއްޗެއް ނުބުނެ ހުރެފައި އައިރާ ހަމައެކަނި އޭނާއަށް ޝުކުރު އަދާކުރީއެވެ. އެހެންނަމަވެސް، ރިހާމް މަޑުމަޑުން ވާހަކަ ދައްކަން ފެށުމުން އައިރާ ވެސް ކުރާ ސުވާލަށް ޖަވާބު ދޭން ފެށީއެވެ.

ރަށުގެ މީހުން އޭނާގެ މަންމައާ ބެހޭގޮތުން ދައްކާ ވާހަކަތަކަކީ ތެދެއްތޯ ރިހާމް އެހުމުން އެކަމަކާ އައިރާ ދެބަހެއް ނުވެއެވެ. އޭނާ ހުރިހާ ކަމަކަށް އެއްބަސްވިއެވެ. އެހެންނަމަވެސް، އޭނާ އެގޮތަށް ނޫޅޭކަމުގައި ﷲ ގަންދީ ހުވާކުރިއެވެ. އެފަދަ ގޮތަކަށް އޭނާއަށް މީހެއްގެ ސަމާލުކަމާއި، އެހީތެރިކަން ލިބި، ވާހަކަ ދައްކައިލެވުމުން، އައިރާއަށް ވެސް އޭނާގެ ހިތުގެ އުދާސްތައް ހާމަކޮށްލެވުނީއެވެ. އިވުނު ވާހަކަތަކުގެ ސަބަބުން، ރިހާމް ޙަމްދަރުދީ ވިއެވެ. މަންމަ ނިޔާވުމުން ޖަމާލު އޭނާއަށް ގޯނާކުރަން އަންނަކަމުގައި އައިރާ ކިޔަދިނެވެ. އަމިއްލަ ނަފްސު ދިފާޢުކުރެވެނީ އުނދަގުލުންކަމުގައި އޭނާ ހާމަކުރިއެވެ. އުމުރުން 16 އަހަރުގައި މަންމަ އޭނަ ވެސް އެކަމުގެ ތެރެއަށް ވައްދަން މަސައްކަތްކުރިކަމުގައި ކިޔައިދިނެވެ. ޖަމާލު ދިން ފައިސާގެ ދަހިވެތިކަމުގައި އޭނާ ޖަމާލަށް ވިއްކައިލި ވާހަކަ ވެސް މެއެވެ. އެކަމުން ސަލާމަތްވާން އޭނާ ކަންތައްކުރާ ގޮތް ވެސް މެއެވެ. އޭނަ އަތު ނުޖެހުމުން ފަހުން އެކަމުގެ ބަދަލު އޭނާގެ މަންމަގެ ކިބައިން ހޯދިކަމުގައި ބުންޏެވެ. އެހެންނަމަވެސް، މަންމަ ނިޔާވުމުން، އަނެއްކާ ވެސް އިހުނަށްވުރެ ބޮޑަށް ޖަމާލު އޭނާއަށް ގޯނާކުރަން ފެށިކަމުގައި ވެސް އައިރާ ކިޔައިދިނެވެ. އެއީ އެފަދަ ގޮތަކަށް އައިރާ އޭނާގެ ޙަޔާތުގެ ވާހަކަ ކިޔައިދިން ފުރަތަމަ ފަހަރެވެ.

ރިހާމްއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. މަންމައަކު އެގޮތަށް ކަންތައްކޮށްފާނެބާއޭ ހިތަށް އެރިއެވެ. ހަމަ އެއާއެކު، ޖަމާލުގެ އުނދަގޫ އައިރާއަށް އަދިވެސް ޖެހޭނެކަން އޭނާއަށް އެނގުނެވެ. އެ ޙަމްދަރުދީގައި އިތުރު އިޙްސާސެއް އުފަންވީހެން ވެސް ހީވެއެވެ. ކައިވެނިކޮށްގެން އައިރާ މާލެ ގެނެވުނު ސަބަބަކީ އެއީ ކަންނޭނގެއެވެ. އެހެންނަމަވެސް، އެއީ ހަޤީޤީ ލޯބި ކަމާ މެދު ޝައްކެވެ. ނިކަމެތި އަންހެން ކުއްޖަކަށް އެގޮތަށް އުންމީދު ދީފައި ނިކަމެތިކޮށް ބިކަކޮށްލާނީ ހަމަ ގައިމުވެސް ވަރަށް ދަށް ފެންވަރުގެ މީހަކަށް ވީމަތާއެވެ.

ރިހާމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިއަދު އައިރާ އޭނާއަށް މާފުކުރިނަމަވެސް، އޭނާއަށް ދުވަހަކު ވެސް އެކުށްވެރި އިޙްސާސުން މިންޖުނުވެވޭނެއެވެ.

*****

ފާއިތުވަމުން ދިޔަ ކޮންމެ ދުވަހަކީ އައިރާއަށް ހިނިތުންވާން ލިބޭ ފުރުޞަތަކަށް ވަނީ ވެފައެވެ. ޒަހްރާނާއާއެކު އޭނާ އުޅެމުން ދިޔައީ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް ދުވަހަކު ވެސް ކުރިމައްޗެއް ނުވެއެވެ. އައިނީއާއި ޒާލްއަކީ އޭނާއާ ޒަހްރާންގެ ފުރާނައެވެ. އެއީ އެ ދެމީހުންގެ ހިތުގެ ދިރުމާއި އެ ހިތުގެ ވިންދެވެ. އެ ދެ ކުދިންނަށް ބަލައިލާ ކޮންމެ ފަހަރަކު ލޯތްބާއި ކުލުނުން ހިތް ފުރި ބަންޑުންވެއެވެ. އެ ޢާއިލާއަކީ ފުރިހަމަ ޢާއިލާއަކަށް ވެއްޖެއެވެ. އެހެން މެންބަރުންގެ ފަރާތުން ވެސް ކެނޑިނޭޅި ލިބޭ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން، އުފާވެރިކަމަށް ދުވަހަކު ނިމުމެއް ނާންނާނެ ފަދައެވެ. ދުޢާ އަކީ ވެސް އެއީއެވެ. އެ އުފާވެރިކަމުގައި އަބަދަށްމެ އެ ޢާއިލާ ލެއްވުމެވެ. އެ ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިކޮށްދެއްވުމެވެ.

އުފާވެރިކަމަށް އައު ބޮޅެއް އިތުރު ވެގެން ދިޔައީ ލަޔާލީ ބަނޑުބޮޑުވިކަމުގެ ޚަބަރު ޢާއިލާއަށް ދިނުމުންނެވެ. އައިރާއެކޭ އެއްގޮތަށް ބަސްމާއާއި މުޅި އެ އާއިލާގެ ފަރާތުން ލަޔާލީއަށް ވެސް މަރްޙަބާ ކިޔެވެ. އައިރާއެކޭ އެއްގޮތަށް އަޅައިލާ އޯގާތެރިކަން އިސްކުރިއެވެ. ބަސްމާއާ މުރާދު އައިރާއާ ލަޔާލީއާ ތަފާތެއް ނުކުރެއެވެ. އެ ދެ ކުދިންނަކީ ވެސް ހަމަ އެމީހުންގެ ދަރިން ފަދައެވެ. އެކަކު އަނެކަކަށް ޝަކުވާކުރާނެ ފުރުޞަތެއް ނުދެއެވެ. ކޮންމެ ކަމެއްގައި ވެސް ހަމަހަމަކަން އިސްކުރެއެވެ. އަނެއްކޮޅުން އީލާފްގެ ހަލަބޮލިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ހުސްވަގުތެއް ވިއްޔާ، އައިނީއާއި ޒާލްއާއެކު ސަކަރާތްޖަހާ މަޖާކޮށްލުމަކީ، އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އަދި ވެސް އޭނާގެ ހުންނަ ޅަކަމަށް ބަދަލެއް ނާދެއެވެ. ހަމަ އެ ސަކަ މިޒާޖެވެ.

ހަވީރު ހަތަރެއް ޖަހަނީއެވެ. ޒާލްއާއި، އައިނީ ރީތިކޮށްލައިގެން އައިރާއާ ޒަހްރާނާ ދެމީހުން ޓެރެސްއަށް ނުކުމެލިއެވެ. އޭރު، ބަސްމާ އުޅެނީހަވީރުގެ ސައި ތައްޔާރުކުރަމުން ދިޔަ ނޯކަރުންނަށް ކަންތައްކުރަންވީ ގޮތް ކިޔައިދިނުމުގައި އަވަދި ނެތިއެވެ. މިހާރަކަށް އައިސް ގިނަ ދުވަސްދުވަހު ހަވީރުގެ ސައި އެމީހުން ކުރިއަށް ގެންދަނީ، ޓެރެހުގައެވެ. އެންމެން އެއްތަންވެ ވާހަކަ ދައްކައިލާ ސަކަރާތްޖަހާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެއީ ލިބިގެން ދާ ފަހި ފުރުޞަތަކަށް ވަނީ ވެފައެވެ. އައިރާ މެން އައުމާ އެކު ބަސްމާގެ ހިނިތުންވުން ދެގުނަވެގެން ދިޔައެވެ.

"މަންމާ... އައިނީ އުރައިލަބަލަ. އަޅުގަނޑު އެބަ އަންނަން." އެހެން ބުނެލުމަށް ފަހު ޒަހްރާން އައިނީ ބަސްމާގެ އަތަށް ދިނެވެ. އެއަށްފަހު، އޭނަ ތިރިއަށް ފޭބިއެވެ.

"މާމަގެ އައިނީ އާއި ޒާލްއާ ދެކުދިން މިއަދު އެއްކުލަ ކޮށްލާފަ ދޯ މިތިބީ ވެސް." ދެ ކުދިންނަށް ބަލައިލަމުން، ބަސްމާ ބުނެލިއެވެ. ޒާލް ލައްވައިފައިހުރީ މަޑުމަޑު ފެހިކުލައެއްގެ ޓީޝާޓްކޮޅަކާއި، ވަޅުފެހިކުލައިގެ ސޯޓުކޮޅެކެވެ. އައިނީ ލައްވައިފައިހުރީ ވަޅުފެހިކުލައިގެ ހެދުމެކެވެ.

ނޯކަރު ދެ ކުދިން ކާ އެއްޗެހި އަތުރައިލުމަށް ފަހު، ތަން ތައްޔާރުކޮށްލައިފައި ދިޔައެވެ. އެވަގުތު އެހެން އެންމެން ވެސް، މައްޗަށް އަރައިފިއެވެ. މުރާދާ އަޔާޝްގެ ދެމަފިރިންގެ އިތުރުން އީލާފްއާ ޒަހްރާންއެވެ.

"ކާފަގެ ދެ ކުދިން ހާދަ އެއްކުލަކޮށްލާފައޭ ދޯ މިއަދު..." އައިރާގެ އަތުގައި އިން ޒާލްއާ ސަމާސާ ކޮށްލަމުން މުރާދު ބުނެލިއެވެ. އޭނާ ޒާލް އުރައިލުމަށް ފަހު ލޯބިކޮށްލިއެވެ. އަދި އައިރާ އަތަށް ދިނެވެ.

"ގްރީންއަކީ ބޯއީސްގެ ކުލައެއް..." އައިނީއަށް ބަލައިލި އީލާފް ބުނެލިއެވެ.

"މިހާރު ކުލައެއް ނޯންނާނެ އެއް ވެސް. ދޯ އަޔާ!... ޕިންކު ކުލަ ވެސް ހަމަ ބޯއީސް ލައްވަން ވީ." ލަޔާލީ އަޔާޝްއަށް ދޯ ދިނެވެ.

"އާނ. މީ އެ ޒަމާނެއް ނޫނޭ..." އަޔާޝްވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

ބަސްމާ ސައި އަޅަންވެގެން އުޅެން ފެށުމުން، ޒަހްރާން ބަސްމާގެ އަތުން އައިނީ އުރައިލިއެވެ.

"އައިރާ... އަދި ހަނދާންނެތިފައޭ މިހުރީ، ނަފާ ގުޅި. ބުނި އަންނަ ހަފްތާގަ މާލެ އަންނަމޯ... ވަރަށް ސަލާމް ވެސް ބުނި. ވަފިއްޔައްތަ ވެސް ސަލާމްބުނި، ނަފާ ބުނި މިރޭ އައިރާއަށް ގުޅާލާނަމޯ ވެސް. ބޭބީސް ދެކިލާހިތުން ކެތްމަދުވެފަ ހުރީ..." ލަޔާލީ ބުނެލިއެވެ.

"އާނ. ދުވަސްކޮޅެއްވެއްޖެ ގުޅާ ނުލާތާ...." އައިރާ ބޯ ޖަހައިލިއެވެ.

ޓެރަހުގައި ބަހައްޓައިފައި ހުރި ހަތަރެސްކަން މޭޒު ދޮށުގައި އެންމެން އިށީނދެ ހަމަޖެހިލިއެވެ. އައިރާ ޒާލް އުރައިލައިގެން އިންއިރު، ޒަހްރާން އިނީ އައިނީ އުރައިލައިގެންނެވެ.

ޒާލްއާއި އައިނީއަށް ދޭން ތައްޔާރުކޮށްފައި ހުރި ބަކުން ދިނުމަށް އެހީތެރިވެރިވީ، ލަޔާލީއާ ބަސްމާއެވެ. ލަޔާލީ އައިރާއަށް އެހީވަމުން ދިޔައިރު ބަސްމާ ދިޔައީ ޒަހްރާނަށް އެހީވަމުންނެވެ.

"މިހާރުން ފެށިގެން ޓްރެއިން ވަނީތަ؟" ޒާލްއަށް ބަކުން ލެވުމަށްފަހު، ލަޔާލީ ދުރަށް ޖެހިލި ވަގުތު، އަޔާޝް ލާނެތް ސަމާސާއެއްކޮށްލަމުން، ލަޔާލީގެ ކަންފަތްދޮށުގައި ބުނެލިއެވެ. އޭނާ ހިތުން އެކަކަށް ވެސް އަޑެއް ނީވޭނެއެވެ. އެކަމަކު ވީ އެހެންނެއް ނޫނެވެ. އެ އަޑު އައިރާއަށް އަޑު އިވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު