ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މާލެ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
މި މަސައްކަތް ނޯވޭގައި ކާމިޔާބުކަމާއެކު ހިނގަމުންދާތީ އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް އެ މަސައްކަތް ބަލައި، ތަޖުރިބާ ހޯދުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ ރާއްޖޭގައި ނަމޫނާއަކަށް ވެގެންދާނެ ފަދަ ބިޔަ މަޝްރޫޢެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި، އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް މާ ސާފުތާހިރުވާނެ،" ފަހުމީ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓެއް: ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން، ފެން އުފެއްދުމުގެ މަސައްކަތް ފަށަނީ -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ
މީގެ އިތުރުން، 500 މީޓަރު އަޑީގައި ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ޚަރަދު ކުޑަވާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ، މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ތިލަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށްފަހު މާލެއާއި ހުޅުމާލެއަށް ފެން ސަޕްލައި ކުރުމަށް ރާވާފައިވާ ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި މަޝްރޫޢު ފެށުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑަބްލިޔުއެސްސީއަކީ މާލޭގެ އިތުރުން ތިން އަތޮޅެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.