ތިލަމާލެ ބްރިޖު: މާލެއާއި ވިލިމާލެއާ ދެމެދު އެންމެ ފަހު ސެގްމަންޓު ގުޅުވާލުމުގެ މަސައްކަތް ފަށައިފި

ތިލަމާލެ ބްރިޖުގައި މާލެއާއި ވިލިމާލެ ދެމެދު އެންމެ ފަހު ސެގްމަންޓު ގުޅުވާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ: މުހައްމަދު ނާއިލް ހަފީޒް

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެއާ ދެމެދު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލުމަށްޓަކައި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މިއަދު ވަނީ ނޫސްވެރިން އެ ސަރަޙައްދަށް ގެންގޮސް މަޢުލޫމާތު ހިއްސާކޮށްފައެވެ.

މިއަދު ފެށި މި މަސައްކަތާއެކު މާލެއާއި ވިލިމާލެ ދެމެދުގެ ބްރިޖުގެ ސުޕަސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.

ތިލަމާލެ ބްރިޖުގައި މާލެއާއި ވިލިމާލެ ދެމެދު އެންމެ ފަހު ސެގްމަންޓު ގުޅުވާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ: މުހައްމަދު ނާއިލް ހަފީޒް

އަދި މި ސެގްމަންޓު ގުޅުވާލުމަށްފަހު ދެން ކުރިއަށްދާނީ ބްރިޖުގެ ރެއިލިންތައް ހަރުކުރުމާއި، ތާރު އެޅުމުގެ އިތުރުން ފިނިޝިން މަސައްކަތްތައް ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި ހުރިހާ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަދި ވަގުތުތަކެއް ނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން މިދިޔަ މަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިން ބުނެފައި ވަނީ، ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާލެވިފައި ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މާލެއާއި ވިލިމާލެ ބްރިޖަކުން ގުޅާލެވިގެން ދިޔުމަކީ ދަތުރުފަތުރުގެ ދަތިކަން ހައްލުވެ، ފަސޭހަކަމާއެކު ދެ ރަށް ދެމެދު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމެކެވެ.

ތިލަމާލެ ބްރިޖުގައި މާލެއާއި ވިލިމާލެ ދެމެދު އެންމެ ފަހު ސެގްމަންޓު ގުޅުވާލުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ: މުހައްމަދު ނާއިލް ހަފީޒް

މިއީ ޚާއްސަކޮށް ވިލިމާލޭގެ ރައްޔިތުންނާއި، މުޅި މާލެ ސަރަޙައްދުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ދުވަހެކެވެ.

ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް ވެސް އެފްކޮންސްއިން ބުނެއެވެ.

https://sun.mv/226353

ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު، މުހިންމު ބްރިޖެކެވެ. މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނައިރު، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނައިރު، އަނެއް ކޮޅުގައި ކަރަންޓު، ފެން ފަދަ ކަންކަމަށް ޚާއްސަ ހޮޅި ބަހައްޓަން ޖާގަހުރެއެވެ.

comment ކޮމެންޓް