ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އިނގިރޭސި ލިޔުންތައް ލިޔަން 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށް ބުނެ އޮޑިޓް ކޮމިޓީއަށް

މައްސަލަ ޖަލްސާއަށް ހުށަހަޅުއްވި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން، އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔުމަށް 561،000 ރުފިޔާ ޚަރަދުކޮށް، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޓަކައި ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމެވީ މިދިޔަ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ސިޔާސީ ގާތް މިތުރެއް ކަމަށްވާ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެއް ކަމަށްވާ "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އާ ސިޓީ ކައުންސިލުން ލިޔަންޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް 561،000 ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެ ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 17 އޮކްޓޯބަރު 2021 ގައި ކަމަށާއި، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރީ ޖެހިގެން އައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވާތީ މިއީ ދުރާލައި ރޭވިގެން ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒަހިއްޔާ އިތުރަށް ވިދާޅުވީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ސިޓީ ކައުންސިލްގައި ރައްކާކޮށް ބަލަހައްޓާފައި ނުވާ ކަމަށާއި، ލިޔެދީފައިވަނީ ކިތައް ލިޔުންކަން އެނގޭނެ މީހަކު ކައުންސިލްގައި ނެތް ކަމަށެވެ.

"ތަރައްގީވެފައިވާ މި ޒަމާނުގައި އިނގިރޭސި ބަހުން ލިޔުމެއް ލިޔަން ކުންފުންޏަކާ ހަވާލުކުރުމަކީ ކުރާނެ ކަމެއްތޯ ތިޔަ ކައުންސިލަރުން ނިކަން ވިސްނާލައްވާ. އަޅުގަނޑުމެން މި ދައްކަނީ މަދު ފައިސާއެއްގެ ވާހަކައެއް ނޫން. ފަސް ލައްކައަށްވުރެ ގިނަ ފައިސާގެ ވާހަކަ،" މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އެދިވަޑައިގަންނަވަމުން ޒަހިއްޔާ ވިދާޅުވިއެވެ.

https://sun.mv/225653

މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މި މައްސަލަ މިހާރު ވެސް އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކައުންސިލަރުން އެދިވަޑައިގެންނެވި ފަދައިން، ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް މި މައްސަލަ ފޮނުވައިގެން ލިޔެކިޔުންތައް ހުރިތޯ ބަލައި، ކަންކަން ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުންދު: --- ފޮޓޯ; ރައީސް އޮފީސް

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) "ސަން" އަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ކުރަނީ ސިޔާސީ ބޭނުމަށް ކުރާ ތުހުމަތުތަކެއް ކަމަށާއި އެ ކުންފުންޏަކީ އުސޫލުތަކާ އެއްގޮތަށް ވާދަކޮށްގެން މަސައްކަތް ހޯދި ފަރާތެއް ކަމަށެވެ.

އަދި ކުރި ހުރިހާ މަސައްކަތެއްގެ ފުރިހަމަ ލިޔެކިޔުންތައް ފެންނަން ހުންނާނެ ކަމަށާއި، މަހުން މަހަށް ދެވޭ ރީޓެއިނަ ފީގެ ދަށުން ޕަބްލިކް އެފެއާޒް، ވެބްސައިޓް، އިންޓަނޭޝަނަލް ރިލޭޝަންސް އަދި ތަމްރީނު ޕްރޮގްރާމްތައް ފަދަ ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރާއި ދައުލަތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ތަޖުރިބާކާރު ބޭފުޅުންގެ އަގު ވައްޓާލަން ސިޓީ ކައުންސިލުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، ތަރުޖަމާން ވިދާޅުވީ ކަންކަން ބަލަން ފަށައިފިނަމަ ކައުންސިލުން ކޮށްފައިވާ މިލިއަނެއްހާ ރުފިޔާގެ ޚަރަދުތަކާއި ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ކޮށްފައިވާ ބޭކާރު ޚަރަދުތައް ވެސް ހާމަވާނެ ކަމަށެވެ.

އަދި ޒާތީ ހަސަދަ އިސްނުކޮށް ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމަށް ގޮވައިލައްވައި، ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރް) އާއި ތަފްސީލީ ލިޔެކިޔުންތައް ބަލައި ހަގީގަތް ހޯދުމަށްފަހު ޚަބަރު ލިޔުމަށް ނޫސްވެރިންނަށް ވެސް މުންދު ވަނީ އިލްތިމާސްކުރައްވާފައެވެ.

"މާލެ ސިޓީ ކައުންސިލުން އެ ކުރައްވަނީ ސިޔާސީ ބޭނުމަށް ކުރާ ތުހުމަތުތަކެއް. އެ ކުންފުންޏަކީ އުސޫލުތަކާ އެއްގޮތަށް ވާދަކޮށްގެން މަސައްކަތް ހޯދި ފަރާތެއް. ކުރި ހުރިހާ މަސައްކަތެއްގެ ފުރިހަމަ ލިޔެކިޔުންތައް ހުންނާނެ ފެންނަން. އަދި މަހުން މަހަށް ދެވޭ ރީޓެއިނަ ފީގެ ދަށުން ޕަބްލިކް އެފެއާޒް، ވެބްސައިޓް، އިންޓަނޭޝަނަލް ރިލޭޝަންސް އަދި ތަމްރީނު ޕްރޮގްރާމްތައް ފަދަ ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ،" ތަރުޖަމާން ވިދާޅުވިއެވެ.

https://sun.mv/226138

ފާހަގަކޮށްލެވޭ ގޮތުގައި މާލޭ ސިޓީ ކައުންސިލުން މި އަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރިކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން މިދިޔަ ފެބްރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށާއި އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެހެންކަމުން، ދެ ބައްދަލުވުމަށް ކައުންސިލުން 1.15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބުނެވޭއިރު، އޭގެން ކޮންމެ ބައްދަލުވުމަކީ ދެތިން ގަޑިއިރަށް ބާއްވާ ބައްދަލުވުންތަކެކެވެ.

comment ކޮމެންޓް