ބާރު ދުވެލީގައި އައި ސައިކަލު މަޑުކުރީ، ރިޝާންމެންގެ ކައިރިއަށެވެ. ކުއްލިއަކަށް ބުރަކި ޖެއްސުމުން، ސައިކަލު ކަހާލައިގެން ދިޔަ ނަމަވެސް، އެމީހަކު ފަރިތަކަމާއިއެކު، ސައިކަލުން ފޭބިއެވެ. ރިޝާނަށް ވިސްނައިލާނޭ ވަގުތެއް ނުލިބުނެވެ. ސައިކަލުން ފައިބައިގެން އައި މީހަކު، އޭނާގެ ގަމީހުގައި ހިފައި، ދުރަށް ހޫރައިލިއެވެ. ދެވަނަ ސިކުންތުގައި އެމީހަކު ރިޝާންގެ ކޯމަތީގައި ގޮށްމުށުން ޖެހިއެވެ. ރިޝާންގެ އަނގަމަތި ފަޅައިގެން ގޮސް ލޭ ހިލުނެވެ.
*******
"ޔައިލް!..." އަނގަމަތީގައިވާ ލޭތައް ފޮހެލަމުން ރިޝާން ކުރިއަށް ޖެހިލިއެވެ. އޭރު އެ މޫނުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ.
ޔައިލް ގެނައި ކުއްލި ހަރަކާތާއިއެކު، ސިހުން ލިބިފައި ހުރި އިޒީގެ އަތުގައި ހިފައިލިއެވެ. ދެވަނަ ސިކުންތުގައި އިޒީ ގެނެސް، އޭނާގެ ފުރަގަހަށް ލިއެވެ. އެ މަންޒަރު ފެނުމުން ރިޝާންގެ ލޭ ކެކުނެވެ. ނާރުތަކުގައި ހުޅު ރޯވިއެވެ. ޔައިލް އާއި އިޒީ ދުރުކުރަން ރިޝާން ކުރި މަސައްކަތް ފެނަށްވާ ތަން ދެކޭކަށް އޭނާއަކަށް ނުހުރެވުނެވެ.
"އިޒީއާ ދުރުގަ ހުރޭ!..." ރިޝާން އަމުރުކުރިއެވެ.
"ދުރުގަ ތިބެންޖެހޭނީ ތިކަހަލަ މީހުން..." ޔައިލްގެ ރުޅި އޭރުވެސް ފިންޏެއް ނުވެއެވެ.
ޔައިލް އޭނާގެ ޖީބުން ނެގި ތަސްވީރުތައް ރިޝާނަށް ދެއްކިއެވެ. އެއީ ކޮން ތަސްވީރުތަކެއް ކަން އެނގުމުން ރިޝާންގެ ދެއަށް މުށްކެވުނެވެ.
"ޝަހާމާ..." ރިޝާނަށް ހިތާއި ހިތުން ކިޔައިލެވުނެވެ.
ރިޝާން އެތައް ގޮތަކަށް ވިސްނައިދިނުމުންވެސް، ޝަހާމާ އެ ތަސްވީރުތައް ޔައިލްއަށް ފޮނުވީއެވެ. ޝާކިރު ބުނީ ތެދެކެވެ. ޝަހާމާއަށް އިތުބާރު ކުރުން އެއީ އޭނާއަށް ހެދުނު ބޮޑު ގޯހެކެވެ.
"އިޒީ ލިސަން ޓު މީ..." ރިޝާން ކަންބޮޑުވީ އިޒީ އޭނާ އާއި ދުރަށް ހިނގައިދާނެކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ. "އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން...."
"އިތުރަށް ދައްކަންޖެހޭ ވާހަކައެއް ނެތް... މި ތަސްވީރުތައް ހުރިހާ ކަމަކަށް ފުދޭ..." އިޒީ އެއްޗެއް ނުބުނުމުން ޖަވާބު ދިނީ ޔައިލްއެވެ.
"އިޒީ ޕްލީޒް... އެންމެ ޗާންސެއް ދީފާނަންތަ؟..." ރިޝާން އާދޭހާއިއެކު އެދުނެވެ.
ރިޝާން ކުރިއަށް ޖެހިލުމުން، އިޒީ ކުރިއަށްވުރެވެސް ބޮޑަށް ޔައިލްގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. އެކަމުން ރިޝާންގެ ހިތް އިތުރަށް ޒަހަމުވިއެވެ. ކުރިއަށްވުރެ ރުޅި ގަދަވިއެވެ. ރޭވިގޮތަށް ކަންތައް ގޮސްފައި، އެންމެފަހު ވަގުތު ޔައިލްގެ ސަބަބުން ހުރިހާ ކަމެއް ހަރާބުވީއެވެ.
"އިޒީ ބޭނުމެއް ނުވެޔޭ ތި ދައްކާ ވާހަކަ އަޑު އަހާކަށް..." ދެންވެސް ޖަވާބު ދިނީ ޔައިލްއެވެ.
"ކަލޭ ދުރުގަ ހުރޭ!... އަހަރެން ވާހަކަ މި ދައްކަނީ އިޒީއަށޭ..." ޔައިލް އާއި ދިމާއަށް ދަމުން ރިޝާން ބުނެލިއެވެ.
"އައިޝާއަށް ހެދިހެން އިޒީއަށް ހެދޭނެއޭ ހީނުކުރައްޗޭ!... އަހަރެން ހުއްޓާ، އެއް ކަމެއްވެސް ނުކުރެވޭނެ..." ޔައިލް ވެސް ކުރިއަށް ޖެހިލިއެވެ.
އައިޝާގެ ނަން އިވުމުން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ރިޝާން ހިމޭންވިއެވެ. އެއްޗެއް ނުބުނެ ޔައިލްއަށް ބަލަން އޭނާ އިރުކޮޅަކު ހުއްޓެވެ.
"އެކަން ކުރީ އަހަންނެއް ނޫނޭ..." ރިޝާންގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ.
"ދެން ކާކު؟..." ޔައިލް އަހައިލިއެވެ.
"އެއީ، އެއީ، ގޭންގަކުން ކުރި ކަމެއް..." ރިޝާނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް އުނދަގުލުންނެވެ.
ގޭތެރެއަށް ވަން އާގިސާމެންނަށް ނުކުމެވުނުއިރު، ޔައިލް ރިޝާނާއި ދިމާއަށް ތަސްވީރުތައް ހޫރައިލަނީއެވެ. ބައެއް ތަސްވީރުތައް ވައިގެ ތެރޭގައި އެނބުރިލާފައި ގޮސް އާގިސާމެންގެ ފައިދަށަށް ވެއްޓުނެވެ. އެ ތަސްވީރުތަކުގެ ހަގީގަތް އެނގޭތީ އާގިސާ ބަލައިލީ ފަރުހާދަށެވެ.
ފަރުހާދު ގުދުވެފައި ތަސްވީރެއް ނެގިއެވެ. އެއީ އިޒީ އެކްސިޑެންޓްވީ ރޭ ރިޝާން އިޒީގެ ކައިރީގައި އިންދާ ނަގާފައިވާ ތަސްވީރެކެވެ. ރިޝާންގެ ފުރާވަރުގެ ތަސްވީރެއް ފެނުމުންވެސް ފަރުހާދަށް އެއީ ކާކު ކަން އެނގުނެވެ. ދެތިން ތަސްވީރު ފެނުނުއިރު، ފަރުހާދުގެ ލޭ ކެކިއްޖެއެވެ. ރިޝާނަށާއި އޭނާގެ އާއިލާއަށް ކުރި އިތުބާރު އެކީހެން ގެއްލުނެވެ. ޝާކިރާއިމެދު ފަރުހާދުގެ ހިތުގައި އުފެދުނީ ޝަކުވާއެވެ. އެރޭގެ ހަގީގަތް ޝާކިރަށް އެނގޭއިރު، އެ ހުރިހާ ދުވަހު އެކަން ސިއްރުކުރީ، އަމިއްލަ ދަރިފުޅު ސަލާމަތްކުރާށެވެ. ހަގީގަތް އެނގިހުރެ، ދެ މީހުންގެ ކައިވެނި ކުރުވަން ޝާކިރު އެހާ ބޭނުންވީ ކީއްވެކަން އެނގުމުން، ފަރުހާދުގެ ނޭވާ އަވަސްވިއެވެ.
"ކިހިނެއް ވެގެން މިއުޅެނީ؟..."
ނަޖުމާގެ ފަހަތުން ނުކުތް ޝާކިރަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް ތަސްވީރުތައް ހޮވަމުން ދިޔަގޮތުން، ހަގީގަތް ސިއްރުކުރުމަށް އެމީހުން ކުރަމުންދިޔަ މަސައްކަތް ފަރުހާދަށް އެނގުނެވެ. ކައިވެނީގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސިއްރު އެނގުމުން، ފަރުހާދުގެ ހިތުގައި ކޫރުމެއް އެޅުނެވެ. އޭނާގެ އެކުވެރިކަމުގެ ފައިދާ ޝާކިރު އެފަދަ ގޮތަކަށް ނަގާފާނެކަމަށް ފަރުހާދު ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
ފަރުހާދުގެ ދެފައިން ވަރު ދޫވިއެވެ. ފެންކަޅިވެފައިވާ ނަޒަރަކުން އޭނާއަށް ބަލައިލެވުނީ ޔައިލްގެ ފުރަގަހުގައި ހުރި އިޒީ އަށެވެ. އެދަރިފުޅުގެ ހިތަށް ކުރާނެ އަސަރު އެނގުމުން، ފަރުހާދަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. ޝާކިރަށް އިތުބާރުކޮށް، އަމިއްލަ ދަރިފުޅު ވައްޓައިލެވެން އުޅުނީ ކޮންފަދަ ފުން ވަޅުގަނޑަކަށް ހެއްޔެވެ؟ އެ ފުން ވަޅުގަނޑުން އަރައިގަންނަން އިޒީއަށް ކިހާ އުނދަގޫވީސް ހެއްޔެވެ؟ ކައިވެނީގެ ކަންތަކުގައި އާގިސާގެ ހިތް ނުތަނަވަސްވެ، އެ ވާހަކަ ދެއްކުމުން ވެސް، އޭރު ފަރުހާދަށް އެކަން މުހިއްމެއް ނުވިއެވެ.
"އަހަރެން އަބަދުވެސް އިޒީދެކެ ލައިކްވަން... އެހެން މީހަކަށް އިޒީ ލިބޭކަށް ބޭނުމެއް ނޫން... ބުނެފީމެއްނު އިޒީއާ ދުރުގަ ހުންނާށޭ..." ރިޝާން ކުއްލިއަކަށް ޔައިލްގެ ގަމީހުގައި ހިފެހެއްޓިއެވެ.
ވަށައިގެންވި މަންޒަރު ފުސްވިކަން އިޒީއަށް އެނގުނެވެ. މާޒީގެ ހިތްދަތި ހާދިސާގެ ސަފުހާތައް އޭނާގެ ކުރިމަތީގައި ނިއުޅެން ފެށިއެވެ. ޔައިލްގެ ގަމީހުގައި ބާރަށް ހިފަހައްޓައިގެން ހުރި އިޒީގެ އަތް މަޑުމަޑުން ދޫވަމުންދިޔަ ކަމުގެ އިހުސާސް ޔައިލްއަށް ކުރެވުނެވެ. ރިޝާން ފޮޅުވައިލާފައި، ޔައިލްއަށް ފަސްއެނބުރެވުނީ ކިރިޔާއެވެ. އިޒީ އަނބުރައިގަނެގެން ތިރިއަށް ވެއްޓުމުގެ ކުރިން ޔައިލްގެ ބާރުގަދަ ދެއަތުގެ ތެރޭގައި އިޒީގެ ހަށިގަނޑު ހައްޔަރުކޮށްލިއެވެ.
********
"އަހަރެން ހީކުރި ކަހަލަ މީހަކަށް ޝާކިރު ނުވި..." ހޮސްޕިޓަލުގެ ގޯތި ތެރޭގައި ބަހައްޓާފައިވާ ގޮނޑިއެއްގައި އިށީނދެގެން އިން ފަރުހާދު ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ޝާކިރަށެވެ.
"އެއީ މާޒީ..." ޝާކިރު ބުނެލިއެވެ. "ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހި ނިމުނީމަ، އިތުރު ކަމެއް މިކަމުގެ ތެރެއަށް ނުވައްދަމާ...."
"އަހަރެން ބޭނުމެއް ނޫން އިތުރަށް މި ކައިވެނީގެ އެއްވެސް ކަމެއް ކުރިއަށް ގެންދާކަށް..." ހިތްހަމަނުޖެހުނުވަރުން ފަރުހާދު ތެދުވިއެވެ.
"ފަރުހާދު..." ފަރުހާދުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޝާކިރު ގޮވައިލިއެވެ. "އެކަން އެއޮތީ ނިމިފައޭ... ދެން މާ ބޮޑު ކަމަކަށް ނުހަދަބަލަ... މި ދައްކަނީ ތޭރަ އަހަރު ކުރީގެ ވާހަކައެއް... އެހެންނޫނަސް، ރިޝާންގެ ސަބަބުން އިޒީ މަރުވީކީ ނޫނެއްނު... ކޮންމެ މީހަކަށް ވެސް ގޯސް ހެދޭނެ... ރިޝާނަށް ހެދުނު ގޯހަކީ އެއީ.... އެކަމަށް އޭނަ އެހުރީ މާފަށް އެދެން ތައްޔާރަށް..."
"ދެން ކީއްވެ މިއަދާ ހަމައަށްވެސް އެކަން ސިއްރުކުރީ؟...." ޝާކިރާއި ދުރަށްޖެހިލަމުން ފަރުހާދު އަހައިލިއެވެ. "އޭރު ލިބުނު ޝޮކުގަ އިޒީއަށް އެކަންކަން ހަނދާން ނެތުނީ... އެކަމަކު، މިއަދު އެކަންކަން ހަނދާންވީމަ، ރިޝާންއާ އެކީ އުޅޭކަށް އެކުއްޖާއަށް ފަސޭހައެއް ނުވާނެ..."
"އެއީ ކޮންމެ ބަފައަކުންވެސް ކުރާނެ ކަމެއް... ފަރުހާދު ނަމަވެސް ކަންތައް ކުރާނީ އެގޮތަށް... އެދުވަހު އަހަރެން އެކަން ނުކުރިނަމަ، އަހަރެންގެ ދަރިފުޅު ކުރިއަރައިގެން ދިޔައީސްތަ؟..." ޝާކިރު ގޮތް ދޫކުރާކަށް ނޫޅުނެވެ. "އަމިއްލަ ދަރިފުޅު ސަލާމަތްކުރަން، ފަރުހާދުވެސް އެދުވަހު ހަގީގަތް ސިއްރުކުރީ.... ހުރިހާ މަންޒަރެއް އިޒީއަށް ފެނުނު... އެކަމަކު ކިހިނެއް ހެދީ... އެކަން ސިއްރުކުރީނު... ކީއްވެ؟... ހަމަ ދަރިފުޅު ސަލާމަތް ކުރަން... އެދުވަހު އެމީހުން އިންޒާރު ދިނީ ހަމައެކަނި ފަރުހާދަކަށް ނޫނޭ... އަހަންނަށްވެސް އިންޒާރު ދިނޭ... އެ ހަގީގަތް ހާމަވާނެ އެއްވެސް ކަމެއް އަހަރެން ކޮށްފިއްޔާ، އެ ހުރިހާ ކަމެއް ރިޝާންގެ ބޮލަށް އަންނަ ގޮތަށް އެމީހުން ރާވާފަ އޮތީ... ހުރި ހަމައެކަނި ދަރި ޖަލަށް ލާ މަންޒަރު ބަލަން އަހަންނަށް ހުރެވޭނެތަ؟.. އެކަން ކުރީ މާލޭގެ އެންމެ ބޮޑު ގޭންގުން... ހަގީގަތަށް ބުނަންޏާ، އޭރު އެމީހުންގެ ކުރިމަތީގަ އަހަރެންގެ އެއްވެސް ބާރެއް ނެތް... ހެކި ނައްތާލަން އަހަންނަށްވެސް މަޖުބޫރުވީ... މިހާރު އެ އެންމެން ތިބީ ޖަލުގަ... ދެން މިނިވަނެއް ނުވާނެ... ފަރުހާދު!... އަހަރެން ކުރި ކަމެއް ކުރީ އަހަރެންގެ ދަރިފުޅަށްޓަކާ..."
ފަރުހާދު އިސްޖަހައިލިއެވެ. ޝާކިރު ބުނީ ތެދެކެވެ. އިޒީގެ ފުރާނަ ސަލާމަތްކުރަން އެދުވަހު އިޒީއަށް ފެނުނު ހަގީގަތް އެމީހުން ސިއްރުކުރީއެވެ. އެކަމުގެ ސަބަބުން މީހެއްގެ ލޯބިވާ ދަރިއެއްގެ ފުރާނަވެސް ދިޔައީއެވެ. އައިޝާގެ އާއިލާ އެމީހުންނަށް ނަފުރަތު ކުރުން ހައްގެވެ. ޝާކިރު ގޮވަގޮވާ ހުއްޓައި، ފަރުހާދު އެތަނުން ދިޔައެވެ.
********
ރާއްޖެއިން ބޭރަށް ކުރި ދަތުރު ނިންމާފައި އިޒީ ރާއްޖެ އައީ ތިން މަސް ފަހުންނެވެ. އިޒީއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮސްތިބި މީހުންގެ ތެރޭގައި ޔައިލްވެސް ހިމެނެއެވެ.
"މީތި ހިފާއްޓާލަދީބަލަ...." ސާރާ އޭނާގެ އަތުގައި އޮތް މާބޮނޑި ޔައިލްގެ އަތަށް ލައިދިނެވެ.
ފޮނި އުއްމީދު ތަކަކާއިއެކު ކުރިއަށް ހިނގަމުން އައި އިޒީގެ ފިޔަވަޅުތައް ހުއްޓުނީ، ފެނުނު މަންޒަރަކުންނެވެ. އިޒީގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. ޔައިލް ސާރާއަށް މާބޮޑި ދިއްކޮށްލުމުން، ސާރާ ތުއިގޮތަކަށް ހިނިތުންވެލި ތަނާއި، ސުކުރު އަދާކޮށްފައި މާބޮނޑީގައި ހިފި ތަން ފެނުމުން، އިޒީގެ ދަތްތަކަށް ބާރުވިއެވެ.
"ވާއު..." އިޒީ ފެނުމުން ސާރާއަށް ބުނެވުނެވެ.
"ބިއުޓިފުލް..." އޮފީހާއި އަލަށް ގުޅުނު މާކިން ބުނި އަޑު ޔައިލްއަށް އިވުނެވެ.
އިޒީ ފެނުމުން، ޔައިލްއަށްވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. އިޒީގެ ފަން އިސްތަށިގަނޑު ކަނދުރާ އާއި ހަމައަށް ކޮށާލާފައި އޮތްއިރު، ކޮށްފައި ހުރި މޭކަޕުގެ ސަބަބުން، އެރީތިކަން އެތައް ގުނައެއް އިތުރުވެފައި ވިއެވެ. ފަރި ހިނގުމެއްގައި އައި އިޒީ އެންމެންނާއި އަރައި ހަމަވިއެވެ. ޔައިލް ހިނިތުންވެލި ނަމަވެސް، އިޒީ އެންމެ ފަހަރަކުވެސް ޔައިލް އާއި ދިމާއަށް ބަލައިނުލައެވެ. ސާރާ ކުރިއަށް ޖެހިލާފައި އިޒީއަށް މާބޮނޑި ދިއްކޮށްލިއެވެ.
"މަލަށް އެލާޖިކްވޭ..." މާބޮނޑި ފެނުމުންވެސް އިޒީއަށް ތުންފިއްތައިލެވުނެވެ.
"ސޮރީ... ނޭނގުނީ.. ސޮރީ..." ސާރާ މާފަށް އެދުނެވެ.
"ފޮށި ހިފައިދޭނަން..." ޔައިލްއަށްވުރެ ކުރިން، މާކިން ކުރިއަށް ޖެހިލާފައި އިޒީގެ ފޮށީގައި ހިފިއެވެ.
އިޒީ ދެކޮޅެއް ނުހަދައެވެ. މާކިން އާއިއެކު ހިނގައިގަތެވެ. އިޒީ އެންމެ ފަހަރަކުވެސް ބަލައިނުލުމުން ޔައިލްގެ ހިތަށް ތަދުވިއެވެ. ޔައިލް އާއި ދުރުގައި އުޅުމުން، އިޒީގެ ހިތް ބަދަލުވީ ހެއްޔެވެ؟
ކާރު ގޮސް އިޒީގެ ގޭގެ ކުރިމައްޗަށް ހުއްޓިއިރު، ޔައިލް ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ. އިޒީ ނުކުތުމަށް ޔައިލް ދޮރު ހުޅުވައިދިނެވެ. އިޒީ ކާރުން ފޭބީ ތުން ފިއްތާލައިގެން ހުރެއެވެ. ޔައިލް ފޮށީގައި ހިފަން އުޅުމުން، އިޒީ ފޮށި އަތުލިއެވެ.
"އެހެން މީހެއްގެ ފޮށި ހިފައިދޭންވީނު..." އިޒީ ބުނެލިއެވެ.
"ތިނޫން ދެން ކާކު ހުރީ؟..." އިޒީއަށް ވީގޮތް އެނގުމުން، ޔައިލްއަށް ހިނިތުންވެލެވުނެވެ. ސާރާ މާބޮނޑީގައި ހިފި ވަގުތު އިޒީއަށް ފެނުނީކަން އެނގުނެވެ.
"ތިބޭނެނު މަލާ އެއްޗެހި ދޭ މީހުންވެސް..." އިޒީ ނޫންކަމަށް ހަދައިލަމުން ގެއަށް ވަނުމަށް ހިނގައިގަތެވެ.
"ކުއްޖަކު މިހުރީ ޖެލަސްވެފަތަ؟..." ޔައިލް ސަމާސާ ކޮށްލިއެވެ.
"ކޮންކަމަކާ އަހަރެން ޖެލަސްވާނީ؟..." ގެއަށް ވަންނަމުން އިޒީ ބުނެލިއެވެ.
"މިނޫން ކުއްޖެއްދެކެ އަހަރެން ލޯބިވެދާނެކަމަށް ހީކޮށް..." އިޒީގެ ފަހަތުން ޔައިލްވެސް ގެއަށް ވަނެވެ.
ޔައިލް އޭނާގެ ފުރަގަހު ޖީބަށް ޖަހާލާފައި އިން ރަތް ފިނިފެންމާ ނަގައި، އިޒީއަށް ދިއްކޮށްލިއެވެ. މަލުގައި ހިފިއިރު، އިޒީގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.
(ނުނިމޭ)