ޑެއިލީ މެއިލްއާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެ، ޕްރިންސް ހެރީއަށް 13 މިލިއަން ޑޮލަރު ދައްކަން އަންގައިފި

ޕްރިންސް ހެރީ ލަންޑަންގެ ކޯޓަކަށް ވަދެވަޑައިގަންނަވަނީ -- ފޮޓޯ: ރޮއިޓާސް

ބްރިޓަންގެ މަޝްހޫރު ނޫސް "ޑެއިލީ މެއިލް" ޝާއިއުކުރާ އެސޯސިއޭޓެޑް ނިއުސްޕޭޕާސް (އޭއެންއެލް)އާ ދެކޮޅަށް އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި އިތުރު ހަ މަޝްހޫރު ބޭފުޅަކު ކުރި ދައުވާ ނާކާމިޔާބުވުމުން، ކޯޓު ޚަރަދުގެ ފުރަތަމަ ފައިސާގެ ގޮތުގައި 9.5 މިލިއަން ޕައުންޑް (13 މިލިއަން ޑޮލަރު) ދެއްކުމަށް އިނގިރޭސި ކޯޓަކުން އަންގައިފިއެވެ.

މި މައްސަލައަކީ ނުހައްގުން މައުލޫމާތު ހޯދައި އަމިއްލަ މިނިވަންކަ މަށް އަރައިގަތް ކަމަށް ބުނެ އޭއެންއެލްއާ ދެކޮޅަށް ކުރި ދައުވާއެކެވެ.

ލަންޑަންގެ ހައިކޯޓުގެ ފަނޑިޔާރު މެތިއު ނިކްލިން ނެރުއްވި އަމުރުގައިވާ ގޮތުން، މި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މި ފައިސާ ނޫސް ކުންފުންޏަށް ދައްކައި ނިންމަންޖެހެއެވެ.

މީގެ އިތުރުން، މުޅި މައްސަލައިގެ ކޯޓު ޚަރަދުގެ ގޮތުގައި ހޭދަވި އިތުރު 25 މިލިއަން ޕައުންޑް ހޯދުމުގެ ފުރުސަތު ވެސް އޭއެންއެލްއަށް އެބައޮތެވެ.

މި މައްސަލައިގައި ދައުވާކުރި އިތުރު މަޝްހޫރު ބޭފުޅުންގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯން، އޭނާގެ ފިރިމީހާ ދާވުދު ފާނިޝް، އެކްޓްރެސް އެލިޒަބެތު ހާލީ، ސޭޑީ ފްރޮސްޓް އަދި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ފަނޑިޔާރު ނިކްލިން ފާހަގަކުރެއްވި ގޮތުގައި، ދައުވާކުރި ފަރާތްތަކުން ނޫހާ ދެކޮޅަށް ހުށަހެޅި 97 ތުހުމަތަށް އެކަށީގެންވާ ހެކި ހުށަހަޅާފައެއް ނުވެއެވެ. އަދި ސާބިތުނުކުރެވޭ ވަރުގެ ބޮޑެތި ތުހުމަތުތަކެއް ކޯޓަށް ހުށަހެޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން އޭއެންއެލް އިން ބުނީ، މިއީ ނޫސްވެރިންގެ އަބުރު ކެނޑުމަށް ކުރި މާނައެއް ނެތް މަސައްކަތެއް ކަމަށާއި، ކޯޓުގެ ހުކުމާއެކު އެ ހަގީގަތް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރި ފަރާތްތަކަށް މި ނިންމުން އިސްތިއުނާފު ކުރުމަށް އޮކްޓޯބަރު ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު