ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެވަޑައިގެންނެވިތާ ހަ އަހަރު ފަހުން ޕްރިންސް ހެރީއާ އެކު އަނބިކަނބަލުން މޭގަން މާކަލް އަލުން އެނބުރި އިނގިރޭސިވިލާތަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، މޭގަން އަލުން އެކްޓިންގެ ދާއިރާއާ ގުޅިވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ލިބިއްޖެއެވެ.
މި ޚަބަރު ފެންމަތިވެފައިވަނީ ކެލިފޯނިއާގައި ހަ އަހަރު ހޭދަކުރެއްވުމަށްފަހު، އެނބުރި އިނގިރޭސިވިލާތަށް ބަދަލުވާން އުޅުއްވާކަން އެ ދެމަފިރިން އިއުލާންކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
އޮސްޓްރޭލިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ މަޝްރޫއަކުން މޭގަންއަށް ވަނީ ފުރުސަތެއް ލިބިވަޑައިގެންފައެވެ. ސަސެކްސްގެ ދެމަފިރިންނާ ގާތް ފަރާތްތަކުން މި ޚަބަރު ކަށަވަރުކޮށްދީފައިވާއިރު، މި މަޝްރޫއާ ބެހޭ ތަފްސީލީ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މޭގަން މާކަލް ފިރިކަލުން ޕްރިންސް ހެރީއާ އެކު--ފޮޓޯ/ވެރައިޓީ
މޭގަން އާންމުންގެ މަގުބޫލުކަން ހޯއްދެވީ ހޮލީވުޑްގެ މަޝްހޫރު ސީރީޒް "ސޫޓްސް"ގައި އަދާކުރެއްވި ރޭޗަލް ޒޭންގެ ރޯލުންނެވެ. މޭގަން ވަނީ 2011 އިން 2018އަށް އެ ސީރީޒްގެ ހަތް ސީޒަނެއްގައި މަސައްކަތްކުރައްވާފައެވެ. ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމަށްފަހު އެކްޓިން ދާއިރާއާ ދުރުވެވަޑައިގެންނެވި ނަމަވެސް، ފަހުން ބައެއް ޕްރޮގްރާމްތަކުގައި މޭގަން ވަނީ މަސައްކަތްކުރައްވާފައެވެ.
އެގޮތުން އެމެޒޯން އެމްޖީއެމްގެ ކޮމެޑީ "ކްލޯޒް ޕާސަނަލް ފްރެންޑްސް" އަދި ނެޓްފްލިކްސްގެ "ވިތް ލަވް، މޭގަން" ސީރީޒްގެ އިތުރުން އަމިއްލަ ބްރޭންޑް "އޭޒް އެވަ" ފާހަގަކޮށްލެވެއެވެ. އަދި "މާސްޓަރޝެފް އޮސްޓްރޭލިއާ"ގެ ގެސްޓް ޖަޖެއްގެ ގޮތުގައިވެސް ދާދިފަހުން މޭގަން ވަނީ ފެނިފައެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހެރީއާއި މޭގަން އިނގިރޭސިވިލާތަށް ދިރިއުޅުއްވުން ބަދަލުކުރައްވާނެ ކަމަށް ބެލެވޭއިރު، ދެކަނބަލުންގެ ބޭފުޅުން ކަމަށްވާ ހަތް އަހަރުގެ އާޗީ އާއި ފަސް އަހަރުގެ ލިލިބެޓް ސެޕްޓެމްބަރު މަހު އެ ގައުމުގެ ސްކޫލްތަކާ ގުޅިވަޑައިގަންނަވާނެއެވެ.
މި ބަދަލާއެކުވެސް، ޝާހީ އާއިލާގެ ރަސްމީ ޒިންމާތަކާ އެ ދެކަނބަލުން އަލުން ހަވާލުވެވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތަކުން ވަކިވެވަޑައިގެން އެމެރިކާއަށް ބަދަލުވެވަޑައިގެންނެވީ 2020 ވަނަ އަހަރުއެވެ.